Roadha Mihaaru
އަލީ ގެންނަން ކުރެވޭނެ ކަންކަން އެބަ ބަލަން: ޕޮލިސް

އަލީ ވަހީދު ގެނެސްދޭން ކަރެކްޝަންސް އިން އެދުމުން، ފުލުހުންނަށް އެޅޭނެ ފިޔަވަޅުތައް ބަލަނީ

15 އޯގަސްޓް 2021

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއަށް ގެނައުމަށް ކުރެވެން ހުރި ކަންކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއަށް ގެނައުމަށް ކުރެވެން ހުރި ކަންކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް ހާޒިރުވާން ސުޕްރީމް ކޯޓުން ޗިޓު ފޮނުވުމުން އަޑުއެހުމަށް ހާޒިރުވެފައި ނުވާތީ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި، އަލީ ވަހީދު، ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން އެ ކޯޓުން ވަނީ ޣައިރު ހާޒިރުގައި މިދިޔަ ބުދަ ދުވަހު ހުކުމް ކޮށްފަ އެވެ.

އަލީ ވަހީދު މިވަގުތު ހުރީ އިނގިރޭސިވިލާތުގައި ކަމަށް ވާތީ އޭނާގެ ހުކުމް ތަންފީޒު ކުރާނެ ގޮތަކާ މެދު ސުވާލު އުފެދިފައިވަނިކޮށް، ހުކުމް ތަންފީޒު ކުރުވުމުގެ ކަންކަމުގެ ޒިންމާ މަތިވާ ކަރެކްޝަންސްއިން މީގެ ކުރިން ބުނެފައި ވަނީ އޭނާ ރާއްޖެ ގެނެސްދޭން ފުލުހުންގެ ކިބައިން އެދޭނެ ކަމަށެވެ.

ކަރެކްޝަންސްގެ މީޑީއާ އޮފިޝަލު މިއަދު "މިހާރު" އަށް ވިދާޅުވީ، އަލީ ވަހީދު ގެނައުމުގެ ކަންކަން ކޮށްދޭން އެދި ފުލުހުންނަށް މިދިޔަ ބުރާސްފަތި ދުވަހު ސިޓީ ފޮނުވާފައިވާ ކަމަށެވެ.

ކަރެކްޝަންސް އިން އެގޮތަށް އެދުމާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން މިހާރު މަޝްވަރާކުރަމުން އަންނަނީ އަލީ ވަހީދު ގެނައުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންނެވެ. ނަމަވެސް، އަދި އެއްވެސް ގޮތެއް ނުނިންމަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއްގައި އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއްކޮށްފައި އޮއްވައި، މީހަކު ޖާމިނުކޮށްފައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ކޯޓުން ހުއްދަ ދިނުމުން ފުރާވަޑައިގެންނެވި ގޮތަށް އެނބުރިވަޑައިގެންފައި ނުވެ އެވެ.

އަލީ ވަހީދު އަނބުރާ ވަޑައިނުގަތުމުން، އަދި އޭނާ އުޅޭ ތަނެއް ނޭނގޭތީ ޗިޓު ހަވާލު ނުކުރެވެމުން އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ނިންމި ނިންމުމުގެ އިސްތިއުނާފު މައްސަލަ ވެސް ކުރިއަކަށް ނުގެންދެވުނެވެ. ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމީ ޣައިރު ހާޒިރުގައި އެ މައްސަލަ ނުބެލޭނެ ކަމަށެވެ.

އޭގެ އިތުރުން ކްރިމިނަލް ކޯޓުގައި އޮތް އޭނާގެ ޝަރީއަތް ވެސް އޭނާ އުޅޭ ތަނެއް ނޭނގިގެން މަޑު ޖެހުނެވެ. ނަމަވެސް، ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޝަރީއަތް އޮންލައިންކޮށް ބާއްވައިދޭން އެދުމުން އެގޮތަށް ބާއްވަން ވަނީ ފައްޓައިފަ އެވެ.

ރާއްޖެެއިން ބޭރުގައި އަލީ ވަހީދު ބަހައްޓައިގެން އޮންލައިންކޮށް ޝަރީއަތް ބޭއްވުމާ ދައުލަތުން ދެކޮޅު ހަދަ އެވެ. ކޯޓުގެ އެ ނިންމުން އިސްތިއުނާފު ކުރުމުން އިސްތިއުނާފު އަޑުއެހުމަށް ވެސް އަލީ ވަހީދު ވަޑައިނުގެންނެވި އެވެ. މިހާރު މައްސަލަ އޮތީ ސުޕްރީމް ކޯޓުގަ އެވެ.