Roadha Mihaaru
ބޮމުގެ ހަމަލާގެ މައްސަލަ ބަލަން ތިން ފަނޑިޔާރުން

ބޮމުގެ ހަމަލާގެ މައްސަލަ ބަލަން ތިން ފަނޑިޔާރުންގެ ބެންޗެއް، އަޑުއެހުންތައް ފަށަން ތައްޔާރު ވަނީ

16 އޯގަސްޓް 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މައްސަލައިގައި ދައުވާ ކޮށްފައިވާ މީހުންގެ މައްސަލަތައް ބަލަން ކްރިމިނަލް ކޯޓުން ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މައްސަލައިގައި ދައުވާ ކޮށްފައިވާ މީހުންގެ މައްސަލަތައް ބަލަން ކްރިމިނަލް ކޯޓުން ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފި އެވެ.

މެއި ހަ ވަނަ ދުވަހުގެ ރޭ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް، ނީލޯފަރު ހިނގުމާއި މަޖީދީމަގާ ގުޅޭ ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިޑީއެއް ގޮއްވައިލުމުން ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެ، ފުރާނަ ސަލާމަތް ކުރަން ބޮޑެތި އޮޕަރޭޝަންތަކެއް ކުރަން ޖެހުނެވެ.

އެ މައްސަލައިގައި 10 މީހަކު ހައްޔަރު ކޮށްފައިވާއިރު، މިހާތަނަކަށް ދައުވާ ކޮށްފައި ވަނީ ހަތަރު މީހަކަށެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ.

އެ ހަތަރު މީހުންގެ މައްސަލަ މި މަހު ފަށަން ތައްޔާރުވެފައި ވާއިރު، ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު ހަސަން ސާމިލް "މިހާރު" އަށް ވިދާޅުވީ، އެ މައްސަލަ ބަލަން ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައިވާ ކަމަށެވެ. ނަމަވެސް، ބެންޗުގައި ތިއްބަވާ ފަނޑިޔާރުންނެއް ވިދާޅެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި ތައްޔާރުވަމުން ދަނީ އަންނަ ހަފުތާގައި މި މައްސަލައިގެ އަޑުއެހުމެއް ބާއްވާށެވެ. އެންމެ ފުރަތަމަ ބާއްވާނީ ޕީޖީ އޮފީހާއެކު އިއުތިރާފު އެއްބަސްވުން ހަދާފައިވާ އަދުހަމްގެ ބައެވެ. އެހެން މީހުންގެ މައްސަލަތައް ކުރިއަށް ގެންދާނީ އޭގެ ފަހުންނެވެ.

ދައުލަތުން ބުނާ ގޮތުގައި އަދުހަމަކީ ބޮން ގޮއްވައިލި މީހާ އެވެ. މުޖާޒް އަކީ އަދުހަމް ފިލުވަން މަސައްކަތް ކުރި މީހާ އެވެ. ތަހުމީނަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތުގެ އިތުރުން ބޮން ހަރު ކުރުމުގައި އުޅުނު މީހެއް ކަމަށް ވެ އެވެ. ހައިޝަމަކީ ވެސް ބޮން ހަރު ކުރުމުގައި އަމަލީ ގޮތުން އުޅުނު މީހެއް ކަމަށާއި ބޮމުގެ ބައިތަކުން އެ ދެ މީހުންގެ ޑީއެންއޭ ފެނިފައިވާ ކަމަށް ދައުލަތުން ބުނެ އެވެ.

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްޗަށް ދައުވާ ކުރަން ފޮނުވި ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތުމުން ދައުލަތުން ނިންމާފައި ވަނީ ދައުވާ ނުކުރުމަށެވެ. އޭނާ މިހާރު ހުރީ ދޫކޮށްލައިފަ އެވެ.

މި މައްސަލައިގެ ތުހުމަތުގައި އަދިވެސް ތަހުގީގު ކުރިއަށް ގެންދަނީ މ. އުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި ހަމަލަ ދިނުމަށް އިރުޝާދު ދިން ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމްގެ އެވެ.

ބޮމުގެ ހަމަލާގައި ނަޝީދަށް ބޮޑަށް ޒަހަމްވީ އައިއީޑީ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުށްތައް ބުރައިގެން ގޮސް ހަށިގަނޑަށް ވަނުމުންނެވެ. އެ ރޭޒާ ފުށްތައް ނަގައި އެ މަނިކުފާނުގެ ފުރާނަ ސަލާމަތް ކުރަން އޭޑީކޭ ހޮސްޕިޓަލްގައި ގިނަ އިރުތަކެއް ވަންދެން އޮޕަރޭޝަން ކުރި އެވެ. އޭގެ ފަހުން މޭ 13 ގައި އެ މަނިކުފާނު އިތުރު ފަރުވާ އަށް ޖަރުމަނަށް ވަޑައިގަތެވެ. އަދި ޖުލައި 1 ގައި އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް އަދި ރާއްޖެ ވަޑައެއްނުގަންނަވަ އެވެ.