Roadha Mihaaru

އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އިހުސާން އެމްއެންޕީ އަށް

އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަދި ވިޔަފާރިވެރިޔާ އަލީ އިހުސާން، އުފައްދަން މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއިކުރައްވަން ނިންމަވައިފި އެވެ.

އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އިހުސާން އެމްއެންޕީއަށް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

16 އޯގަސްޓް 2021

އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަދި ވިޔަފާރިވެރިޔާ އަލީ އިހުސާން، އުފައްދަން މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއިކުރައްވަން ނިންމަވައިފި އެވެ.

ސިޔާސީ ދާއިރާ އަށް ރަސްމީކޮށް ނުކުމެވަޑައިގަތުމަށް ނިންމަވައި، އެކަމާ ގުޅިގެން މިއަދު ނެރުއްވި ބަޔާނެއްގައި އިހުސާން ވިދާޅުވީ ރާއްޖޭގެ އަމިއްލަވަންތަކަމާއި އިގްތިސޯދީ އަދި ސަރަހައްދީ މިނިވަންކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެއީ، ކުރިމަގުގައި ވެސް ދިމާވާނެ މައްސަލައަކަށް ވާތީ އެ ކަމަށް އޮތް ހައްލަކީ ދިވެހި ފަސްގަނޑާއި ދިވެހިން ދެކެ ލޯބިވާ، ޒިންމާދާރު ބަޔަކު ސިޔާސީ މައިދާނުގައި މަސައްކަތްކުރުން ކަމަށް ގަބޫލުކުރެވޭ ކަމަށް އިހުސާން ވިދާޅުވި އެވެ.

އެކަންކަން ހައްލުކުރުމަށް، ރާއްޖެ އާއި ދިވެހިން ދިފާއުކުރުމުގައި އަމިއްލަ ފުރާނަ ގުރުބާން ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް މާތްﷲ ގަންދީ ހުވާ ކުރައްވައިގެން ހުންނެވި ކުރީގެ ސިފައިންގެ އޮފިސަރަކަށް ވާތީ އަދި ސިޔާސީ މައިދާނަކީ ވަކި ބަޔަކު ބޭނުންހާ ގޮތެއް ހެދުމަށް އޮތް ދާއިރާއެއް ކަމަށް ގަބޫލު ނުކުރެއްވޭތީ، މިއަދުން ފެށިގެން ރަސްމީގޮތުން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން، އެމްއެންޕީއާ ގުޅިވަޑައިގަންނަވަން ނިންމެވީ ކަމަށް އިހުސާން ވިދާޅުވި އެވެ.

"މޯލްޑިވްސް ނޭޝަނަލް ޕާޓީއާ ގުޅެން ނިންމި ސަބަބަކީ އެ ޕާޓީގެ ޗާޓަރުގައި ގައުމާ މެދު އޮތް ތަސައްވުރާއި އަޅުގަނޑު ގައުމަށް އެދޭ ގޮތާއި ދިމާވެ އަދި އެކަން ހާސިލް ކުރުމަށް އެންމެ ފަހިވާ ގޮތަށް ތައްޔާރުވަމުން އަންނަ އަދި ތައުލީމީ ޒުވާނުންނަށް އެންމެ ތަނަވަސް ފުރުސަތު އޮތް ޕާޓީއަކީ އެ ޕާޓީކަމަށް ގަބޫލުކުރެވޭތީ އެވެ،" ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރުކަމާއި ސިފައިންގެ އިސް އޮފިސަރުކަން ކުރެއްވި މުހައްމަދު ނާޒިމް އުފައްދަން މަސައްކަތް ކުރައްވާ ޕާޓީއާ ގުޅޭ ގޮތުން އިހުސާން ވިދާޅުވި އެވެ.

އެމްއެންޕީއާ ގުޅިވަޑައިގަންނަވަން ނިންމެވުމާ ގުޅިގެން އިހުސާން ނެރުއްވި ބަޔާން

ނާޒިމް އިސްވެ އުފައްދަން މަސައްކަތް ކުރައްވާ ޕާޓީއަށް ވަނުމަށް މިހާރު ވެސް 20،000 ފޯމު ގެންގޮސްފައިވެ އެވެ. އަމާޒަކީ، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ޕާޓީ ރަޖިސްޓަރީ ކުރަން އީސީ އަށް ހުށަހަޅާއިރު 5،000 މީހުންގެ ސޮއި ހަމަކުރުން ކަމަށް އެ ޕާޓީގެ ފައުންޑިން މެމްބަރު ތިމަރަފުށި ދާއިރާގެ އަބްދުﷲ ރިޔާޒް އިއްޔެ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުން އެމްއެންޕީ އުފައްދަން މަސައްކަތް ކުރުމުގެ ހުއްދަ އީސީން ދިނީ މިދިޔަ ޖުލައި މަހުގެ 15 ގަ އެވެ. ގާނޫނު ބުނާ ގޮތުން ހުއްދަ ދޭ ތާރީހުން ފެށިގެން ތިން މަސް ތެރޭގައި މަދުވެގެން 3،000 މީހުންގެ ސޮޔާއެކު އެ ޕާޓީއެއް ރަޖިސްޓަރީ ކުރަން އީސީ އަށް ހުށަހަޅަން ޖެހެ އެވެ.