Roadha Mihaaru
އެމްއެންޕީ 10،000 ހަމަކޮށް ސިޔާސީ ރޭހުގެ ކުރިއަށް

އެމްއެންޕީ 10،000 ހަމަކޮށް ދުވަސްވީ ޕާޓީތަކާ އަރާ ހަމަކޮށްފި

25 ނޮވެމްބަރ 2021

ގައުމީ ފިކުރުގެ ގޮތުގައި ޕްރޮމޯޓްކުރަމުން އަންނަ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ކުރު މުއްދަތެއްގެ ތެރޭގައި 10،000 މެމްބަރުން ހަމަކޮށް، ސިޔާސީ މައިދާނުގައި ރާއްޖޭގައި ދުވަސްވީ ޕާޓީތަކާ އަރާ ހަމަކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގައުމީ ފިކުރުގެ ގޮތުގައި ޕްރޮމޯޓްކުރަމުން އަންނަ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ކުރު މުއްދަތެއްގެ ތެރޭގައި 10،000 މެމްބަރުން ހަމަކޮށް، ސިޔާސީ މައިދާނުގައި ރާއްޖޭގައި ދުވަސްވީ ޕާޓީތަކާ އަރާ ހަމަކޮށްފި އެވެ.

އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެ ޕާޓީ 5،000 މެމްބަރުންނާ އެކު ރަޖިސްޓްރީކޮށް ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ގިނަ އަދަދެއްގެ މެމްބަރުން ވަނީ ގުޅިފަ އެވެ.

މަޖިލީހުގެ ތިން މެމްބަރަކު އިސްވެ އުފެއްދެވި ޕާޓީގެ ރައީސް، ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ އެ ޕާޓީގައި ސައްހަ 10،000 މެމްބަރުން މިހާރު އެބަތިބި ކަމަށެވެ. އެއީ ކުރި މަގު އުޖާލާ ޕާޓީއެއް ކަމަށް ވިދާޅުވެ، ސިޔާސީ ރޭހުގެ ކުރިއަށް ޕާޓީ ގެންދަން މަސައްކަތް ކުރަމުން އަންނަ އެންމެންނަށް ޝުކުރު އަދާކުރެއްވި އެވެ.

އެމްއެންޕީއަކީ އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ 11 ޕާޓީގެ ތެރެއިން މިހާރު ހަތަރު ވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީ އެވެ. ތިން ވަނާގައި އޮތީ، އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައިވާ ގޮތުން ޖުމްހޫރީ ޕާޓީ އެވެ.

ސިޔާސީ ރޭހުގެ ކުރިއަށް އެމްއެންޕީ މިއެރީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި އެމްއާރުއެމް ފަހަތަށް ޖައްސާލުމަށް ފަހު އެވެ.

ނާޒިމް ވިދާޅުވެފައިވާ ގޮތުގައި ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އަމާޒު ހިފާފައިވާ އެ ޕާޓީން އަންނަ އަހަރު ނިމޭއިރު 20،000 މެމްބަރުން ހަމަކުރާނެ އެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް ހިންގަނީ ވަށާ އެނބުރޭ ނިޒާމަކަށް ކަމުގެ ފާޑުކިއުންތަކާ އެކު އެމްއެންޕީން ބުނަމުން އަންނަނީ އެކަން ބަދަލުކުރާނެ ކަމަށެވެ.

އިންތިހާބުގައި ރައްޔިތުންނަށް ދައްކާނީ ޓްރެކް ރެކޯޑު ސާފު ކެންޑިޑޭޓެއް ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.