Roadha Mihaaru
ގޭބީސީތަކަށް ވަދެ ކުނި ނަގާކަށް ހުރަހެއް ނެތް: ނަރީޝް

ގޭގެ އަށް ވަދެ ކުނި ނަގަން އެޗްޕީއޭގެ އުސޫލަކުން ހުރަހެއް ނާޅާ: ސިޓީ ކައުންސިލް

16 އޯގަސްޓް 2021

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ރަނގަޅު ވެފައިވާއިރު، މާލޭގެ ގޭގެ އަށް ވަދެ ވެމްކޯ އިން ކުނި ނަގަން އެޗްޕީއޭގެ އުސޫލުތަކުން ހުރަހެއް ނެތް ކަމަށާއި އެފަދަ ހުރަހެއް އޮތް ކަމަށް ގަބޫލު ވެސް ނުކުރާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ރަނގަޅު ވެފައިވާއިރު، މާލޭގެ ގޭގެ އަށް ވަދެ ވެމްކޯ އިން ކުނި ނަގަން އެޗްޕީއޭގެ އުސޫލުތަކުން ހުރަހެއް ނެތް ކަމަށާއި އެފަދަ ހުރަހެއް އޮތް ކަމަށް ގަބޫލު ވެސް ނުކުރާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މާފަންނު އަވަށުގެ މީހުންނާ އެކު ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި، މާލޭގެ ގޭބިސީތަކުގެ ބޭރުން ކުނި ނަގާ ނެގުން ނިމުމަކަށް ގެނެސް ކުނި ނަގާ އުސޫލު އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކުރީގައި އޮތް ގޮތަށް އިޔާދަވާނެ ކަމަަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވެ އެވެ.

ނަމަވެސް މުއިއްޒުގެ ވާހަކަ ދޮގުކޮށް، މާލޭގެ ކުނި މެނޭޖުކުރާ ވެމްކޯ އިން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ކުނި ނެގުމުގެ އުސޫލަށް ބަދަލު ގެނެސްފައިވާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާއި ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކޮށް، ގޮތެއް ނިންމުމަށް ފަހު، އެ ކޯޕަރޭޝަނުން އެކަން ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށެވެ.

ސިޓީ ކައުންސިލުން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އަމަލުކުރަން އެއްވެސް އިރެއްގައި ވެމްކޯ އަށް އަންގާފައި ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެ މިހާރު އޮތީ "ނިއު ނޯމަލް" ގެ ހާލަތުގައި ކަމަށާއި މި ހާލަތުގައި ހުރިހާ އެންމެން ވެސް އަމަލު ކުރަނީ އެ ހާލަތާ އެއްގޮތަށް ކަމަށެވެ.

"މި ހާލަތުގައި އެޗްޕީއޭގެ އުސޫލަތެކެއް ވެސް ނުވަތަ ގައިޑްލައިންތަކެއް ވެސް ހުރަހެއް ނާޅާ ވެމްކޯ އެކަން [ގޭގެ އަށް ވަދެ ކުނި ނަގާކަށް] ކުރާކަށެއް. އެއްވެސް ވަރަކަށް ހުރަހެއް ނާޅާ. އެހެންވެ އަޅުގަނޑުމެން ކައުންސިލަކުން ނުދެކެން މި ކަމަށް އެޗްޕީއޭގެ ގައިޑްލައިންގައި އެއްވެސް ހުރަހެއް އޮތް ކަމަކަށް،" ނަރީޝް ވިދާޅުވި އެވެ.

މާލޭގައި ވެމްކޯގެ މުވައްޒަފުން ކުނި ކޮތަޅު ނަގާ އުކާލަނީ --- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މާލޭގައި ވެމްކޯގެ މުވައްޒަފުން ކުނި ކޮތަޅު ނަގާ އުކާލަނީ --- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ޑެޕިއުޓީ މޭޔަރު ވިދާޅުވިގޮތުގައި، އާންމުންނަށް ދިމާވާ ދަތިތަކުގެ ސަބަބުން މާލޭގައި މިހާރު އަމަލު ކުރަމުންދާ ކުނި އުކައިލާ އުސޫލަށް ބަދަލު ގެންނަން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް، އެ ކޯޕަރޭޝަނުގެ އިސް ބޭފުޅުންނާ އެކު ކައުންސިލުން މިދިޔަ އަންގާރަ ދުވަހު ކުއްލި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

"އަލުގަނޑުމެން ވެމްކޯ އަށް ދެންނެވިން އަޅުގަނޑުމެން ކައުންސިލުން ނިންމުމެއް ނިންމަން އެބަ ބޭނުންވެއޭ މާލޭގެ މަގުތަކުގައި ހައުސްހޯލްޑުތަކުން މި ނެރޭ ކުނިތައް މަގުމަތީގަައި ބެހެއްޓުން ނިމުމަކަށް ގެނައުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަށް. އަޅުގަނޑުމެން ވެމްކޯ އަށް އެންގުމަށްޓަކައި ނިންމުމެއް ކައުންސިލްގެ ބައްދަލުވުމުގައި ނިންމަން އެބަ ބޭނުންވެއޭ،" ނަރީޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރިއެކޭ ވެސް އެއްގޮތަށް ކުނި އުކައިލުމާ ގުޅޭ ގޮތުންނާއި ވެމްކޯ އަށް ދިމާވާ ދަތިތަކާ މެދު އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށެވެ. ނަމަވެސް ވެމްކޯގައި މިހާރު ތިބި މުވައްޒަފުންނާ އެކު އެކަން ކުރެވޭނެ ކަމަށާއި އެކަން ކުރުމާ މެދު އެއްވެސް އިއުތިރާޒެއް ނެތް ކަމަށް އެ ކުންފުންޏާ ހަވާލާދީ ނަރީޝް ވިދާޅުވި އެވެ.

"ވެމްކޯ އިން އަޅުގަނޑުމެންނަށް ތަކުރާރުކޮށް ދެންނެވި އެއް ވާހަކައަކީ ކައުންސިލުން އެފަދަ ނިންމުމެއް ނިންމައިފި ކަމުގައި ވަނީ ނަމަ ވެމްކޯ އިން އެ ކަންކަން އިމްޕްލިމެންޓު ކުރާނަމޭ، ތިބި މުވައްޒަފުންތަކެއް ލައިގެން އޮޕަރޭޝަނަލީ އެ ކަންކަން ކުރެވޭނެއޭ. ވެމްކޯ ގެ އެކަމާ އެއްވެސް އިއުތިރާޒެއް ނެތޭ،" ނަރީޝް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ޑެޕިއުޓީ މޭޔަރު ނަރީޝް (މ) ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ޑެޕިއުޓީ މޭޔަރު ނަރީޝް (މ) ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އޭނާ ވިދާޅުވިގޮތުގައި، ގޭގެ އިން ކުނި ނެގުމުގައި ކުރިން އަމަލުކުރާ އުސޫލަށް އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން މަސް ދުވަހުގެ މީޑިއާ ކެމްޕެއިނެއް ވެމްކޯއާ ގުޅިގެން ހިންގަން ވެސް ސިޓީ ކައުންސިލުން ހުށަހެޅި އެވެ، އެހެންވެ، އަންނަ ހަފުތާއިން ފެށިގެން މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނަގަން ޖެހޭނީ ގޭގެ އަށް ވަދެގެން ކަމަށް ވެސް ނަރީޝް ވިދާޅުވި އެވެ. އަދި ކައުންސިލުން ބޭއްވި ބައްދަލުވުމަށް ފަހު ރަސްމީކޮށް ވެމްކޯ އަށް އެކަން އަންގަން ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު، ވެމްކޯ އިން އެކަމާ ފަހުން ދެކޮޅު ހަދައި، ނެރުނީ ޒިންމާދާރުކަން ކުޑަ ނޫސްބަޔާނެއް ކަމަށާއި އެކަމާ ގުޅިގެން އެ ކޯޕަރޭޝަނާ އެކު އިއްޔެ ދެވަނަ ބައްދަލުވުމެއް ބޭއްވި ކަމަށް ނަރީޝް ވިދާޅުވި އެވެ.

ނަމަވެސް މުވައްޒަފުން މަދު ވާހަކަ އެ ކޯޕަރޭޝަނުން އިއްޔެގެ ބައްދަލުވުމުގައި ސިޓީ ކައުންސިލާ ހިއްސާކުރި ކަމަށާއި މާލޭގެ ގޭބީސީތަކުން އަންނަ ހަފުތާ އިން ފެށިގެން ކުރީގެ އުސޫލަށް ފައްތައިގެން ކުނި ނެގުން އުނދަގޫވާނެ ކަމަށް ވެމްކޯ އިން ބުނި ކަމަށް ނަރީޝް ވިދާޅުވި އެވެ.

އެހެންވެ، ސިޓީ ކައުންސިލުން ވެމްކޯގައި އެދުނީ، ނަރީޝް ވިދާޅުވިގޮތުގައި ގޭބީސީތަކަށް ވަދެ، ކުނި ނަގަން ފެށޭނެ ތާރީހެއް ދިނުމަށެވެ. އެކަމަކު އަދި އެ ތާރީހެއް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ވެމްކޯ އިން ހަމަޖައްސާފައިވާ ގޮތުން ގޭގެ އިން އުކާލާ ކުނި ބަހައްޓަން ޖެހެނީ މަގުމައްޗަށް ނެރެފަ އެވެ.