Roadha Mihaaru
ތާލިބާން ސަރުކާރު ބަލައިގަތުމާމެދު ވަކި ގޮތެއް ނުނިންމާ

ތާލިބާނުންގެ ސަރުކާރު ބަލައިގަތުމާ މެދު ރާއްޖެއިން ވަކި ގޮތެއް ނުނިންމާ

16 އޯގަސްޓް 2021

އަފްޣާނިސްތާނުގެ ވެރިކަމާ ތާލިބާނުން ހަވާލުވެފައި ވާއިރު، ތާލިބާނުންގެ ސަރުކާރު ބަލައިގަތުމާ މެދު ވަކި ގޮތެއް ނުނިންމާ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަފްޣާނިސްތާނުގެ ވެރިކަމާ ތާލިބާނުން ހަވާލުވެފައި ވާއިރު، ތާލިބާނުންގެ ސަރުކާރު ބަލައިގަތުމާ މެދު ވަކި ގޮތެއް ނުނިންމާ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

އަފްޣާނިސްތާނުގައި 20 އަހަރު ވަންދެން ތިބި އެމެރިކާ ސިފައިން ފޭބުމުން ތާލިބާނުންގެ ބާރުގަދަވެ، އަފްޣާނިސްތާނުގެ ސަރުކާރު އިއްޔެ ވަނީ ވެއްޓިފަ އެވެ. އެ ގައުމުގެ ރައީސް އަޝްރަފް ޣަނީ ގައުމު ދޫކުރައްވައި ވަޑައިގެންފައިވާއިރު، ވެރިރަށް ކާބުލް އާއި ރިޔާސީ ގަނޑުވަރު މިހާރު އޮތީ ތާލިބާނުންގެ ކޮންޓްރޯލްގެ ދަށުގަ އެވެ.

ދިވެހި ސަރުކާރުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ތާލިބާނުންގެ ސަރުކާރު ބަލައިގަތުމާ މެދު ރާއްޖެ އިން ވަކި ގޮތެއް މިހާތަނަށް ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ މަޝްވަރާތައް ސަރުކާރުން މިހާރު ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އޭގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އަފްޣާނިސްތާނަކީ ރާއްޖެ ހިމެނޭ ސައުތު އޭޝިއަން ފޯ އެސޯސިއޭޝަން އޮފް ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ މެމްބަރު ގައުމެކެވެ. އެކަމަކު ތާލިބާނުންގެ ސަރުކާރު ބަލައިގަތުމާ މެދު ސާކްގެ ގައުމުތަކުން ވެސް މިހާތަނަށް ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ.

ތާލިބާނުންނަށް އަފްޣާނިސްތާނުގެ ކޮންޓްރޯލް ލިބުމާ އެކު، އެ ގައުމުގެ ގިނަ އަދަދެއްގެ ބަޔަކު ދަނީ ގައުމު ދޫކޮށްދާން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެއާޕޯޓްތައް ފުރި، ހަމަނުޖެހުންތައް ބޮޑުވުމުން ހުރިހާ ފްލައިޓްތަކެއް ވަނީ ކެންސަލްކޮށްފަ އެވެ. އަފްޣާނިސްތާނުގައި ތިބި އެމެރިކާ އާއި އިނގިރޭސި ވިލާތާއި އެހެން ގައުމުތަކުގެ މީހުން އަފްޣާނިސްތާނުން ބާލަނީ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ސިފައިން ގޮސްގެންނެވެ.

ކުރިން ވެސް އަފްޣާނިސްތާނުގައި ވެރިކަން ކުރި ތާލިބާނުންނަށް އޭރު ވެރިކަން ގެއްލުނީ ސެޕްޓެމްބަރު 2001 އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އެރުމުންނެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބީ އެމެރިކާ އާއި ތާލިބާނުންނާ ދެމެދު މިދިޔަ އަހަރު ހެދި ސުލްހައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެމެރިކާ ސިފައިން ފައިބަން ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ތާލިބާނުން ވަނީ އެ ގައުމުގެ ބޮޑު ސަރަހައްދެއް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. ވެރިރަށް ކާބުލް އެ ޖަމާއަތުގެ ބާރުގެ ދަށަށް އިއްޔެ ގެންދިިޔައީ އެއްވެސް ކުރިމަތިލުމަކާ ނުލަ އެވެ.