Roadha Mihaaru
ފަހުރުވެރި މޮޅެއް، މީގެ ފައިދާ ވަރަށް ބޮޑު: އަސަދުﷲ

ފަހުރުވެރި މޮޅެއް، މީގެ ފައިދާ ވަރަށް ބޮޑު: އަސަދުﷲ

04 މެއި 2017

އޭއެފްސީ ކަޕްގައި އިއްޔެ މާލޭގައި އިންޑިއާގެ މޯހަން ބަގާން އަތުން 5-2 އިން މާޒިޔާ ހޯދީ ފަހުރުވެރި މޮޅެއް ކަމަށާއި އޭގެ ފައިދާ ވަރަށް ބޮޑު ކަމަށް އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭއެފްސީ ކަޕްގައި އިއްޔެ މާލޭގައި އިންޑިއާގެ މޯހަން ބަގާން އަތުން 5-2 އިން މާޒިޔާ ހޯދީ ފަހުރުވެރި މޮޅެއް ކަމަށާއި އޭގެ ފައިދާ ވަރަށް ބޮޑު ކަމަށް އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފި އެވެ.

ބެންގަލޫރު މި ވަގުތު ގްރޫޕް އީގެ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް މާޒިޔާއާ އެއްވަރަށް ހަތަރު މެޗުން ނުވަ ޕޮއިންޓު ހޯދައިގެންނެވެ. ބެންގަލޫރަށް ކުރިލިބެނީ ހެޑް ޓު ހެޑް ގަވައިދުންނެވެ. ތިން ވަނައިގައި އޮތް މޯހަން ބަގާން އާއި ހަތަރު ވަނައިގައި އޮތް އަބަހާނީ އަށް ލިބިފައިވަނީ ހަތަރު މެޗުން ތިން ޕޮއިންޓެވެ.

"މުބާރާތުގައި ކުރިއަށް ދިއުމަށް މިއީ ވަރަށް މުހިއްމު މޮޅެއް. މޯހަން ބަގާން ކަހަލަ ޓީމަކާ ދެކޮޅަށް މިއީ ފުދޭ ވަރެއްގެ ބޮޑު ތަފާތެއް. އިންޑިއާ ކްލަބެއް އަތުން 5-2 އިން މޮޅުވުމަކީ ބޮޑު ކާމިޔާބެއް. މިދިޔަ އަހަރު ބަގާން ދަނޑުގައި އަހަރެމެން (މާޒިޔާ) 5-2 އިން ބަލިވީމަ މަލާމަތް ވެސް ކުރި. މި ނަތީޖާއިން އެނގިއްޖެ މި ޓީމަށް ލިބިފައި އޮތް ކުރިއެރުން،" އިއްޔެގެ މެޗަށް ފަހު އަސަދުﷲ ބުންޏެވެ.

އޭނާ ބުނީ މިއީ މާޒިޔާގެ އިތުރުން ރާއްޖޭގެ ފުޓްބޯޅަ އަށް ވެސް ވަރަށް މުހިއްމު މޮޅެއް ކަމަށެވެ.

"މިއީ ވަރަށް އަދި ރާއްޖޭގެ ފުޓްބޯޅަ އަށް ވެސް ފައިދާކުރާނެ ނަތީޖާއެއް. އަހަރެމެން މި މޮޅަށް ފަހުރުވެރިވަން." އަަސަދުﷲ ބުންޏެވެ.

މިއީ މާޒިޔާ އޭއެފްސީ ކަޕްގައި ތިން މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. އަސަދުﷲ ވަނީ މާޒިޔާ އޭއެފްސީ ކަޕްގައި ކުޅުނު ހުރިހާ އަހަރެއްގައި އެ ޓީމަށް ކުޅެފަ އެވެ. އޭނާ ބުނީ މާޒިޔާ ހޯދަމުން އަންނަ ކާމިޔާބީ އަކީ އެކަތިގަނޑަކަށް ވެގެން ކުރާ މަސައްކަތް ކަމަށެވެ.

"މިއީ އަނެއް ހެން ބުނަންޏާ ޒުވާން ކްލަބެއް. މިއީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތް. ހާއްސަކޮށް މެނޭޖްމަންޓާއި ކޯޗިން ސްޓާފުން އެކުވެގެން ކުޅުންތެރިންގެ ހިތްވަރާ އެކު މި ކްލަބަށް ހޯދައިދެވޭ ރީތި ނަމެއް،" ރާއްޖޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ދެ ފަހަރު ހޯދާފައިވާ އަސަދުﷲ ބުންޏެވެ.

އޭއެފްސީ ކަޕްގައި މި ފަހަރު ވާދަކުރާ ރާއްޖޭގެ ހަމައެކަނި ޓީމަކީ މާޒިޔާ އެވެ. ގާތްގާތުގައި މާލޭ ލީގުގެ މެޗުތަކާއި އޭއެފްސީ ކަޕްގެ މެޗުތައް ކުޅެން ޖެހުމުން މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ފުޓްބޯޅަ ކުޅޭ މީހުންނާއި ފުޓްބޯޅަ ދަންނަ މީހުންނަށް އެކަނި މި ކުޅުންތެރިން މިކުރާ ބުރަ މަސައްކަތް އެނގޭނީ. އަހަރެން ހިތުގައި މި ކުޅުންތެރިންނަށް އޮތް އިހުތިރާމް ވަރަށް ބޮޑު. މި ކުޅުންތެރިންނަށް އަހަރެން ވަރަށް ބޮޑަށް މަރުހަބާ ކިޔަން،" މިޔަންމާގެ ޔަންގޮން ޔުނައިޓެޑާއި އަޔެޔަވާދީ އަށް ކުރިން ކޯޗުކޮށްދިން ސެކުލޮސްކީ ބުންޏެވެ.

"މިގޮތަށް ބަގާން ބަލިކުރެވޭނެ ކަމަށް އަހަރެން ހިއެއް ނުކުރަން. އެކަމަކު ކުޅުންތެރިންގެ ބުރަ މަސައްކަތުން މިކަން މިއޮތީ ހާސިލްކޮށްފައި."

އިއްޔެގެ މެޗުގެ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަސަން ޝިފާޒް (ޑުންގާ) ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފަ އެވެ. ޑުންގާ އަކީ ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ.

"އަހަރެމެންނަށް އެންމެ މޮޅަށް ކުޅެދިން ކުޅުންތެރިއެއް (ޑުންގާ) މި މެޗުން ގެއްލިއްޖެެ. އެއީ މި މެޗުން ލިބުނު ހަމައެކަނި ހިތްހަމަ ނުޖެހުމަކީ އެއީ. އެ ވަރުގެ ކުޅުންތެރިއެއް ކުރިއަށް ގިނަ މެޗުތަކެއް އޮއްވާ ގެއްލުމަކީ ޓީމަށް ލިބުނު ދެރައެއް،" ސެކުލޮސްކީ ބުންޏެވެ.

މި ސީޒަނުގައި މާޒިޔާއާ ދެކޮޅަށް ނުކުންނަ ގިނަ ޓީމުތަކުން އެ ޓީމަށް ތައުރީފްކޮށް ވާހަކަ ދައްކަ އެވެ. ސެކުލޮސްކީ ބުނީ އެއީ ހަމައެކަނި މާޒިޔާ އަށް އޮތް ހިތްހަމަޖެހުމަކަށް ވުރެ ދިވެހި ފުޓްބޯޅަ އަށް ފައިދާ ބޮޑު ކަމެއް ކަމަށެވެ.

ބަގާންގެ އެސިސްޓަންޓް ކޯޗު ސަންކަރްލާލް ޗަކްރަބަތީ ބުނީ ފުރަތަމަ ހާފްގައި އެ ޓީމަށް މެޗު ގެއްލިއްޖެ ކަމަށެވެ.

"އަހަރެމެންނަށް ފުރަތަމަ ހާފް ދިޔައީ ވަރަށް ދަށްކޮށް އޭގެ ނަތީޖާ މި މެޗުން އެ ފެނުނީ. މާޒިޔާ ފުރަތަމަ ހާފްގައި ތިން ގޯލު ޖަހައި ކުރި ހޯދުމުން ފަަހަތުން އަރައި އެ ޓީމާ ހަމަކުރެވޭވަރުނުވީ. މެޗުގެ ކުރިން ވެސް އަހަރެން ބުނިން މާޒިޔާ އަކީ ވަރުގަދަ ޓީމެކޭ. މި މެޗުގެ ނަތީޖާއިން އެކަން އެއޮތީ ފެންނަން،" ސަންކަރްލާލް ބުންޏެވެ.

އޭނާ ބުނީ ފަހު ވަގުތު އައި ލީގު ގެއްލުމުގެ އުދާސްތައް ޓީމު ތެރޭގައި އެބައޮތް ކަމަށާއި އެކަމަކު މި މެޗުން ބަލިވުމުގެ އުޒުރަކީ އެއީ ކަމަށް ބުނަން ބޭނުންނުވާ ކަމަށެވެ.