Roadha Mihaaru
މާޒިޔާ ވެސް ވަރުގަދަ، ޕްރެޝަރެއް ނެތް: އަސަދުﷲ

މާޒިޔާ ވެސް ވަރުގަދަ، ޕްރެޝަރެއް ނެތް: އަސަދުﷲ

04 އެޕްރީލް 2017

އޭއެފްސީ ކަޕްގައި މިއަދު ހަވީރު އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗަށް ނުކުންނައިރު މާޒިޔާ ވެސް އޮތީ މިދިޔަ އަހަރުތަކަށް ވުރެ ވަރުގަދަކޮށް ކަމަށާއި މެޗުގެ ޕްރެޝަރެއް ނެތް ކަމަށް މާޒިޔާގެ ފޯވާޑް އަސަދުﷲ އަބްދުﷲ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭއެފްސީ ކަޕްގައި މިއަދު ހަވީރު އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗަށް ނުކުންނައިރު މާޒިޔާ ވެސް އޮތީ މިދިޔަ އަހަރުތަކަށް ވުރެ ވަރުގަދަކޮށް ކަމަށާއި މެޗުގެ ޕްރެޝަރެއް ނެތް ކަމަށް މާޒިޔާގެ ފޯވާޑް އަސަދުﷲ އަބްދުﷲ ބުނެފި އެވެ.

އޭއެފްސީ ކަޕްގައި މާޒިޔާ އާއި ބެންގަލޫރު ވަނީ 2015 ވަނަ އަހަރު ބައްދަލުކޮށްފަ އެވެ. އެ ފަހަރުގެ ގްރޫޕް ސްޓޭޖު ދެ މެޗުން ވެސް ބެންގަލޫރު ވަނީ މާޒިޔާ ބަލިކޮށްފަ އެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ރަނަރަޕް ހޯދި ބެންގަލޫރު މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުން ވަނީ މޯހަން ބަގާން އަތުން މޮޅުވެފަ އެވެ. މާޒިޔާ ވަނީ ރަށުންބޭރުގައި ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން ޑާކާ އަބަހާނީ ބަލިކޮށްފަ އެވެ.

"ބެންގަލޫރަކީ މި ރީޖަނުގައި އެންމެ ވަރުގަދަ ޓީމު. އޭއެފްސީ ކަޕްގައި ވެސް އެންމެ ވަރުގަދަ އެއް ޓީމު. އެކަމަކު މި ސަރަހައްދު ޓީމަކަށް ވީމަ މާ ބޮޑު ޕްރެޝަރެއް އިހުސާސް ނުވޭ. އެންމެ ފަހުން މާޒިޔާ އާއި ބެންގަލޫރާ ކުޅުނު މެޗަށް ބަލާއިރު މިހާރު ވަރަށް ތަފާތު. ވަރަށް މޮޅު ބޭރު ހަތަރު ކުޅުންތެރިންނާއި ލޯކަލް ވެސް ހަތަރު ކުޅުންތެރިން މިތިބީ. އޭރުގެ ހާލަތާ މިހާރު އަޅާކިޔާއިރު މާޒިޔާ މިއޮތީ ވަރަށް ބޮޑުތަން ކުރިއަރާފައި،" އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ފޯވާޑް އަސަދުﷲ ބުންޏެވެ.

މި ސީޒަނުގައި މިހާތަނަށް މެސެޑޯނިއާގެ ކޯޗު މަރްޔާން ސްކުލޮސްކީގެ އިރުޝާދުގެ ދަށުން މާޒިޔާ ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާއިރު، އެ ޓީމު ކޮޅަށް އަދި ލަނޑެއް ނުވަދެ އެވެ. މިއަދުގެ މެޗަށް ނުކުންނައިރު މާޒިޔާ އަށް އެންމެ ނުރައްކާ ބޮޑުވާނެ ކުޅުންތެރިޔަކީ ބެންގަލޫރަށް ކުޅޭ އިންޑިއާ ގައުމީ ޓީމުގެ ފޯވާޑް ސުނިލް ޗެތުރީގެ އެވެ.

ޑާކާ އަބަހާނީއާ ދެކޮޅަށް މާޒިޔާ އިން ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: އޭއެފްސީ

ޑާކާ އަބަހާނީއާ ދެކޮޅަށް މާޒިޔާ އިން ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: އޭއެފްސީ

"މާޒިޔާ މިހާރު މިއޮތީ ހަމަ ވަރަށް ރަނގަޅު ޑިފެންސް ލައިނެއް ހަދާފައި. މަގާމުތަކަށް ބޭނުންވާ ފެންވަރުގެ ރަނގަޅު ބިދޭސީ ކުޅުންތެރިން ގެނެސްގެން. މިދިޔަ އަހަރުތަކާ އަޅާކިޔާއިރު މާ ވަރުގަދަ ޑިފެންސް ލައިނެއް މިހާރު މާޒިޔާގައި އޮތީ،" އަސަދުﷲ ބުންޏެވެ.

ރާއްޖޭގެ ޓީމުތަކުން މީގެ ކުރިން ވެސް އެންމެ ގިނައިން ރަނގަޅު ނަތީޖާ ނެރެފައިވަނީ އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުންނެވެ. އަސަދުﷲ ބުނީ ބެންގަލޫރާ ދެކޮޅަށް މިއަދު ކުޅޭ މެޗު ދެކެނީ އެޑްވާންޓޭޖެއްގެ ގޮތުގައި ކަމަށެވެ.

"އަވޭ މެޗަކުން މޮޅަކާ އެކު ފަށާފައި. ބެންގަލޫރާ އެކު މިއޮތީ ފުރަތަމަ އަމިއްލަ ދަނޑުގައި ކުޅޭ މެޗު. އެމީޙުންނާ ދެކޮޅަށް ފުރަތަމަ ހޯމް މެޗު ލިބުން މިއީ މާޒިޔާ އަށް އެޑްވާންޓޭޖެއް. ބެންގަލޫރު މި ދަނޑުގައި ބަލިކުރެވިއްޖެނަމަ އެއީ އެއް ވަނައިގައި އޮތުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް،" އަސަދުﷲ ބުންޏެވެ.

ސީޒަނުގެ މިހާތަނަށް މާޒިޔާ އިން ކުޅުނު ހުރިހާ މެޗެއްގައި އަސަދުﷲ ވަނީ ލަނޑު ޖަހައިފަ އެވެ. މީގެ ކުރިން ސީޒަނުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށްދޭ ރަން ބޫޓު ދެ ފަހަރު ހޯދާފައިވާ އަސަދުﷲ ބުނީ ބޮޑަށް އިސްކަން ދެނީ ޓީމު މޮޅުކޮށްދިނުމަށް ކަމަށެވެ.

"އަމިއްލަ އަށް ގޯލު ޖެހުމަށް ވުރެ މުހިއްމީ ޓީމު މޮޅުވުން. އެގޮތަށް އަބަދުވެސް ވިސްނަނީ،" މާޒިޔާއާ އެކު ފާއިތުވި އަހަރުތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އަސަދުﷲ ބުންޏެވެ.

ބެންގަލޫރާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިއަދު ހަވިރު 4 ޖަހާއިރު އެވެ.