Roadha Mihaaru
އަމިއްލަ ބާރު ދަމަހައްޓަން މާޒިޔާ މުހިއްމު މެޗަކަށް

އަމިއްލަ ބާރު ދަމަހައްޓަން މާޒިޔާ މުހިއްމު މެޗަކަށް

18 އެޕްރީލް 2017

އޭއެފްސީ ކަޕުގައި މާދަމާ އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށް ނުކުންނައިރު މި މުބާރާތުގައި އަމިއްލަ ބާރުގައި ކުރިއަށް ދިއުމަށް މާޒިޔާ އަށް މިއީ ވަރަށް މުހިއްމު މެޗެކެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭއެފްސީ ކަޕުގައި މާދަމާ އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށް ނުކުންނައިރު މި މުބާރާތުގައި އަމިއްލަ ބާރުގައި ކުރިއަށް ދިއުމަށް މާޒިޔާ އަށް މިއީ ވަރަށް މުހިއްމު މެޗެކެވެ.

އޭއެފްސީ ކަޕުގެ ފޯމެޓަށް މި ފަހަރު ގެނައި ބަދަލާ އެކު މުބާރާތުގެ އަނެއް ބުރުން ޖާގަ ލިބޭނީ މި ޒޯނުގެ ކޮންމެ ގްރޫޕަކުން އެއް ޓީމަކަށެވެ. މާޒިޔާ ކުޅުނު ފުރަތަމަ މެޗުން ރަށުން ބޭރުގައި ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން ޑާކާ އަބަހާނީ ލިމިޓެޑް އަތުން މޮޅުވި ނަމަވެސް ދެ ވަނަ މެޗުން އަމިއްލަ ދަނޑުގައި ވަނީ ބެންގަލޫރު އަތުން ބަލިވެފަ އެވެ.

ގްރޫޕް އެއް ވަނައިގައި މި ވަގުތު ބެންގަލޫރު އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މޯހަން ބަގާން އާއި ތިން ވަނައިގައި އޮތް މާޒިޔާ އަށް ލިބިފައިވަނީ ދެ މެޗުން ތިން ޕޮއިންޓެވެ. މޯހަން ބަގާނަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. އެންމެ ފުލުގައި އޮތް ޑާކާ އަބަހާނީ އަށް އަދި ޕޮއިންޓެއް ލިބިފައިނުވެ އެވެ.

މި ގްރޫޕުގައި ބެންގަލޫރާއި އަބަހާނީ އަށް ބާކީ ތިން މެޗު އޮތްއިރު، މާޒިޔާ އާއި ބަގާނަށް އޮތީ ހަތަރު މެޗެވެ. މިއަދުގެ މެޗުން މާޒިޔާ ބަލިވެއްޖެނަމަ ގްރޫޕްގެ އެއް ވަނައިގައި އޮތް ބެންގަލޫރާއި މާޒިޔާއާ ދެމެދު ހަ ޕޮއިންޓުގެ ފަރަގެއް އޮންނާނެ އެވެ. އެ ހިސާބުން މާޒިޔާ އަށް އަމިއްލަ ބާރުގައި ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ގެއްލޭނެ އެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާ އާއި ބަގާން ވަނީ ގްރޫޕް ސްޓޭޖުގައި ދެ ފަހަރެއްގެ މަތިން ކުޅެފަ އެވެ. ގުވާޓީގައި ކުޅުނު މެޗުން ބަގާން މޮޅުވީ 5-2 އިންނެވެ. އަދި މާލޭގައި ކުޅުނު މެޗުން މާޒިޔާ ލީޑު ނަގާފައިވަނިކޮށް ބަގާން އިން 1-1 އިން އެއްވަރުކުރީ މެޗުގެ ފަހު ވަގުތުގަ އެވެ.

މި މެޗުގައި މާޒިޔާގެ އަހުމަދު އިމާޒް (އާއްކޮ) އާއި މުހައްމަދު ހުސެއިން ނިޔާޒް (ބޮކުރީ) އާއި މޫސާ ޔާމީން އަދި އަލީ ހައިޝަމް (ޗުމްޕު) އަށް ނުކުޅެވޭނެ އެވެ.

މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނީ މިދިޔަ އަހަރާ އަޅާކިޔާއިރު މިހާރު މި ދެ ޓިމު އޮތް ހާލަތު ތަފާތު ކަމަށެވެ.

"މިދިޔަ އަހަރު ބަގާންއާ ދެކޮޅަށް އަހަރެމެން ކުޅުނިން. އޭރު އެ ޓީމު އަހަރެމެންނަށް ވުރެން މޮޅު. އެކަމަކު މި އަހަރު އަހަރެމެން ކުރިއަށް ވުރެން ވަރުގަދަ. މި ފަހަރުގެ މެޗު ކުރިއަށް ވުރެން ވަރުގަދަ ވާނެ. މިއީ ވާދަވެރި މެޗަކަށް ވާނެ،" އަސަދުﷲ ބުންޏެވެ.

އޭނާ ބުނީ މިއީ ދެ ވަަނަ ބުރަށް ދިއުމަށް މާޒިޔާ މޮޅުވުން ވަރަށް މުހިއްމު މެޗެއް ކަމަށެވެ.

އައި-ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރުމަށް ހޮނިހިރު ދުވަހު އައިޒަވާލްއާ ދެކޮޅަށް މުހިއްމު މެޗެއް އޮތުމުން ބަގާނުން މި މެޗުގައި ރިޒާވް ޓީމެއް ބޭނުން ކުރުމުގެ ފުރުސަތު ބޮޑެވެ. މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނީ ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެން ވެސް މާޒިޔާ ތައްޔާރު ކަމަށެވެ.

"ބަގާން އަކީ ވަރަށް ވަރުގަދަ ޓީމެއް. އެ ޓީމުގައި ފެންވަރު ރަނގަޅު 20 ކުޅުންތެރިން އެބަތިބި. ބަގާނުން ކުޅުންތެރިން ރެސްޓް ކުރުވުމަކީ އަހަރަމެންނަށް މުހިއްމު ކަމެއް ނޫން. އަހަރެމެން މަސައްކަތް ކުރާނީ މޮޅުވާން،" ކުރިން އޭއެފްސީ ކަޕްގައި މިޔަންމާގެ އަޔެޔަވާދީ ޔުނައިޓެޑާއި ޔަންގޮން ޔުނައިޓެޑަށް ކޯޗުކޮށްދިން ސެކުލޮސްކީ ބުންޏެވެ.

އޭނާ ބުނީ ބަގާންއާ ދެކޮޅަށް ކުޅެން މާ ހާއްސަ ގޮތަކަށް ތައްޔާރުވުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"މި މެޗަށް އަހަރެމެން ހާއްސަ ގޮތަކަށް ތައްޔާރެއް ނުވަން. މީގެ ކުރިން މި ދެ ޓީމު ކުޅެފައިވުމަކީ އަހަރެމެންނަށް އެޑްވާންޓޭޖަކަށް ވާނަމަ އެ އެޑްވާންޓޭޖް ބަގާން އަށް ވެސް އެބައޮތް،" ސެކުލޮސްކީ ބުންޏެވެ.

ކަލްކަތާގެ ރަބިންދުރަ ސަރޯބާރް ސްޓޭޑިއަމްގައި މާޒިޔާ އާއި ބަގާން ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ރާއްޖެ ގަޑިން އިރުއޮއްސި 18:30 ގަ އެވެ.