Roadha Mihaaru
އޮމިކްރޯންއާ ނަން ވައްތަރުކަމުން ޖޯކު ޖަހައިފި

އޮމިކްރޯންއާ ނަން ވައްތަރުކަމުން އެމެރިކާގެ ފަންނާނަކު އަމިއްލަ އަށް ޖޯކު ޖަހައިފި

04 ޖެނުއަރީ 2022

މި ވަގުތު ދުނިޔެ އަށް އޮތް އެންމެ ބޮޑު ބިރު ކަމަށްވާ ކޮވިޑް-19 ގެ އާ ވޭރިއަންޓް، އޮމިކްރޯންއާ ނަން ވައްތަރުކަމުން އެމެރިކާގެ މިއުޒިޝަން އޮމާރިއޯން އެކަމަށް އަމިއްލަ އަށް ޖޯކު ޖަހައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ވަގުތު ދުނިޔެ އަށް އޮތް އެންމެ ބޮޑު ބިރު ކަމަށްވާ ކޮވިޑް-19 ގެ އާ ވޭރިއަންޓް، އޮމިކްރޯންއާ ނަން ވައްތަރުކަމުން އެމެރިކާގެ މިއުޒިޝަން އޮމާރިއޯން އެކަމަށް އަމިއްލަ އަށް ޖޯކު ޖަހައިފި އެވެ.

ކެލިފޯނިއާ އަށް އުފަން 37 އަހަރުގެ އާރްއެންޑްބީ ފަންނާނު ޓިކްޓޮކް ވީޑިއޯތަކެއްގައި ބުނީ "އަހަންނަކީ އޮމާރިއޯން" ކަމަށާއި "މިއި އާޓިސްޓެއް" ކަމަށެވެ.

"އެހެންވީމަ އަހަންނަކީ ކޮވިޑްގެ ވޭރިއަންޓެއް ނޫން. އަދި އަހަންނާ ބައްދަލުވުމަކުން އައިސޮލޭޝަނަކަށް ވެސް ދާކަށް ނުޖެހޭނެ،" އެމެރިކާގެ ކުރީގެ މަޝްހޫރު ބޯއި ބޭންޑް "ބީ2ކޭ" ގެ މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރި އޮމާރިއޯން ބުންޏެވެ.

އޮމާރިއޯން ބުނި ގޮތުގައި އޭނާގެ ނަމާއި ކޮވިޑްގެ އާ ވޭރިއަންޓް، އޮމިކްރޯންއާ ވައްތަރުވެގެން "ބިރުން ވެސް އުޅެން ނުޖެހޭ" ކަމަށެވެ. އެކަމަކު ބަލިން ރައްކާތެރިކަން ހޯދުމަށްޓަކައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަކީ މިހާރު ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވާތީ އެކަމަށް އާންމުން ސަމާލުކަން ދިނުމަށް އެދިފައިވެ އެވެ.

"އަދި ބުނެލަން އޮތީ އަހަރެންގެ ލަވައަކަށް ޑާންސްކުރާކަށް ނެގެޓިވް ޓެސްޓެއް ވެސް ބޭނުމެއް ނުވާނޭ،" އޮމާރިއޯން ބުންޏެވެ.

އޭނާގެ ނަމާއި އޮމިކްރޯން ގުޅުވައިގެން ޖޯކް ޖެހި އިރު، އޮމާރިއޯން ބުނީ ބޭންޑް "ބީ2ކޭ" އާއި "ވައި2ކޭ" ވެސް ކުރިން ބައެއް މީހުންގެ މެދުގައި އޮޅުންއަރައިގެން އުޅުނު ކަމަށެވެ.

"އެހެންވެ އެކަމާ ގުޅުވައިގެން ދެހާސް ވަނަ އަހަރު ވެސް ޖެހުނު ހަމަ މި ކަހަލަ ވާހަކަތަކެއް ދައްކަން،" އޭނާ ބުންޏެވެ. "ހުރިހާ އެންމެންނަށް ވެސް އުފާވެރި ރައްކާތެރި އާ އަހަރަކަށް އެދެން."

ދެހާސް ހަތަރެއްގައި "ބީ2ކޭ" ރޫޅުމުން ސޯލޯ އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ އޮމާރިއޯން ނެރެފައިވާ އަލްބަމްތަކުގެ ތެރޭގައި ސެކްސް ޕްލޭލިސްޓް (2014)، އޮލޫޝަން (2010)، 21، (2006) އަދި އޯ (2005) ހިމެނެ އެވެ. އޮމާރިއޯން މިހާރު އަންނަނީ "ފުލް ސާކަލް" ކިޔާ އަލްބަމެއް ނެރެން ތައްޔާރުވަމުންނެވެ.