Roadha Mihaaru
ވީއޭއާރް ބޭނުންކުރަން ބެންގަލޫރުން ގޮވާލައިފި

އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގައި ވެސް ވީއޭއާރް ބޭނުންކުރަން ބެންގަލޫރުން ގޮވާލައިފި

22 އޯގަސްޓް 2021

އޭއެފްސީ ކަޕުގެ ހުރިހާ މަރުހަލާއެއްގައި ވެސް ވީއޭއާރް ޓެކްނޮލޮޖީ ބޭނުން ކުރަން، އިންޑިއާގެ ގަދަ ބާރު ބެންގަލޫރު އެފްސީގެ ކޯޗް މާކޯ ޕަޒުއުއޭލޯ ގޮވާލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޭއެފްސީ ކަޕުގެ ހުރިހާ މަރުހަލާއެއްގައި ވެސް ވީއޭއާރް ޓެކްނޮލޮޖީ ބޭނުން ކުރަން، އިންޑިއާގެ ގަދަ ބާރު ބެންގަލޫރު އެފްސީގެ ކޯޗް މާކޯ ޕަޒުއުއޭލޯ ގޮވާލައިފި އެވެ.

ޕަޒުއުއޭލޯ އެހެން ގޮވާލީ، ބަންގްލަދޭޝްގެ ބަށުންދަރާ ކިންގްސްއާ ދެކޮޅަށް ބެންގަލޫރު މިއަދު ކުޅުނު މެޗުގައި އެ ޓީމުން ފޮނުވާލި ހަމަލާއެއް ގޯލް ލައިން ހުރަސް ކުރިއިރު ވެސް އެއީ ގޯލެއް ކަމަށް ރެފްރީ ނިންމާފައި ނުވުމުންނެވެ. ބެންގަލޫރުން ފޮނުވާލި ހަމަލާ ކިންގްސްގެ ގޯލް ލައިން އެތެރޭގައި ޖެހުނެވެ. ވީޑިއޯ ރިޕްލޭ އިން ފެންނައިރު ބޯޅައިގެ ބޮޑު ބައެއް އޮތީ ގޯލް ލައިން ހުރަސްކޮށްފަ އެވެ.

އޭއެފްސީ ކްލަބު މުބާރާތްތަކުގައި މިދިޔަ އަހަރުން ފެށިގެން ވީއޭއާރް ޓެކޮނޮލޮޖީ ބޭނުން ކުރަން ވަނީ ފަށައިފަ އެވެ. މިދިޔަ އަހަރު އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފެށިގެން ވީއޭއާރް ބޭނުން ކުރި އެވެ. މި އަހަރު ވެސް އެ މުބާރާތުގައި ކުއާޓަ ފައިނަލުން ފެށިގެން ވީއޭއާރް ބޭނުން ކުރަން ފަށާނެ އެވެ. އަދި މިއަހަރު އޭއެފްސީ ކަޕު ފައިނަލުގައި ވެސް ވީއޭއާރް ބޭނުން ކުރަން އޭއެފްސީން ވަނީ ނިންމައިފަ އެވެ.

ޕަޒުއުއޭލޯ ބުނީ، އޭއެފްސީ ކަޕަށް ބެންގަލޫރުން ބޮޑު ހަރަދެއް ކުރާ ކަމަށެވެ. ކްލަބުތަކުން އެވަރަށް ހޭދަ ކުރާއިރު އޭފްސީން ޓެކްނޮލޮޖީ ގެންނަން ހޭދަ ނުކުރަނީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދި އެވެ.

ބެންގަލޫރުން ފޮނުވާލި ބޯޅަ ބަށުންދަރާގެ ގޯލް ލައިން ހުރަސްކޮށް ގޯލްގެ ތެރެއަށް ވަދެފައިވާ މަންޒަރުގެ ސްކްރީން ސޮޓެއް

ބެންގަލޫރުން ފޮނުވާލި ބޯޅަ ބަށުންދަރާގެ ގޯލް ލައިން ހުރަސްކޮށް ގޯލްގެ ތެރެއަށް ވަދެފައިވާ މަންޒަރުގެ ސްކްރީން ސޮޓެއް

"އަހަރެމެން ޖެހީ ގޯލެއް، ޓީވީން އަހަރެން އެ ގޯލް ބަލައިފިން. ސާފުކޮށް އެނގޭ އެއީ ގޯލެއްކަން. މިއަދު މޮޅު ނުވީ އަހަރެމެންގެ މިސްޓޭކަކުން ނޫން،" މެޗަށް ފަހު އޮތް ޕްރެސްގައި ޕަޒުއުއޭލޯ ބުންޏެވެ.

"އަހަރެމެން މި މުބާާރާތަށް ވަރަށް ބޮޑު ހޭދައެއް ކޮށްފިން. މިއީ މި އަަހަރުގެ މުބާރާތަށް އަހަރެމެން ރާއްޖެ އައި ދެ ވަނަ ފަހަރު. އަހަންނަކަށް ނޭނގެ ޓެކްނޮލޮޖީ ގެންނަން އޭއެފްސީން ފައިސާ ހޭދަ ނުކުރަނީ ކީއްވެގެން ކަމެއް. މި ޓެކްނޮލޮޖީ ބޭނުން އެބަ ކުރޭ ދުނިޔޭގެ ހުރިހާ ތަނެއްގައި ކަހަލަ ގޮތަކަށް. އެއީ ޔޫރަޕް ނުވަތަ އެފްރިކާތޯ ކިޔާނެ ކަމެއް ނެތް. ހުރިހާތަނެއްގައި އެބަ ބޭނުން ކުރޭ އެނަލައިޒިން ޓެކޮނޮލޮޖީ ސިސްޓަމް."

"އަހަރެމެން ވަރަށް ބައިވަރު ފައިސާ ހަރަދުކޮށްފިން. ހަމައެކަނި އަހަރެމެންނެއް ނޫން. ހުރިހާ ކްލަބެއް ކަހަލަ ގޮތަކަށް ރަނގަޅު ހޭދައެއް ކޮށްފި. އަހަރެމެން ހަގީގީ ގޯލެއް ޖަހާފައި އެއީ ލަނޑެއް ކަމަށް ނުހިމެނުން އެއީ އަހަރެން ވަރަށް ހިތްދަތިވި ކަމެއް."

މެޗުގެ ދެ ވަނަ ހާފުގައި ބެންގަލޫރު ޓީމުން މޮޅު ކުޅުމެއް ދެއްކި އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި އެވެ. ޕަޒުއުއޭލޯ ބުނީ ރަނގަޅު ފުޓްބޯޅައެއް ކުޅެގެން އެހާ ގިނަ ފުރުސަތުތައް ތަނަވަސް ކުރި ޓީމެއް، ބެންގަލޫރު ނޫނީ އެ ގްރޫޕުން އޭނާ އަށް ފެންނާން ނެތް ކަމަށެވެ. ޓީވީން މެޗު ބަލަން ތިބި މީހުން ވެސް އޭނާގެ ޓީމު ކުޅުނު ގޮތާ މެދު ހިތްހަމަ ޖެހޭނެ ކަމަށް ޖަރުމަންގެ ފްރެންކްފާޓްގެ ކުރީގެ ސްޕޯޓިން ޑައިރެކްޓަރު ބުންޏެވެ.

"އެމީހުން (ކުޅުންތެރިން) ބޭނުން ވާނެ މި ގޯލް. އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެ މީހުން އެކަމަށް މަސައްކަތް ކުރި. އެހެންވީމަ ވީއެންމެ އަވަހަކަށް ޓެކްނޮލޮޖީ ގެންނަން ޖެހޭ. ފަހަރެއްގައި ޓެކްނޮލޮޖީން އަހަރެމެންނާ ދެކޮޅަށް ވެސް ނިންމުން އައިސްފާނެ. އެކަމަކު އެއީ ހުރިހާ ޓީމެއްގެ ހައްގުގައި ކުރަން ޖެހޭނެ ކަމެއް."