Roadha Mihaaru
މުހިންމީ އެކަޑަމީތަކާއި ބިދޭސީ މޮޅު ކުޅުންތެރިން

މުހިންމީ ރަނގަޅު އެކަޑަމީތަކާއި ބިދޭސީ މޮޅު ކުޅުންތެރިން: ހާބަސް

24 އޯގަސްޓް 2021

ލޯކަލް ފުޓްބޯޅަ ކުޅުންތެރިންގެ ކުރިއެރުމަށް އެންމެ މުހިންމީ ފެންވަރު ރަނގަޅު އެކަޑަމީތަކާއި ބިދޭސީ މޮޅު ކުޅުންތެރިން ކަމަށް އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ ކޯޗު އެންޓޯނިއޯ ލޯޕޭޒް ހާބަސް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލޯކަލް ފުޓްބޯޅަ ކުޅުންތެރިންގެ ކުރިއެރުމަށް އެންމެ މުހިންމީ ފެންވަރު ރަނގަޅު އެކަޑަމީތަކާއި ބިދޭސީ މޮޅު ކުޅުންތެރިން ކަމަށް އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ ކޯޗު އެންޓޯނިއޯ ލޯޕޭޒް ހާބަސް ބުނެފި އެވެ.

އިންޑިއާގެ ސުޕަ ލީގުގެ ސަބަބުން އިންޑިއާގެ ފުޓްބޯޅަ އަށް ކުރާ ފައިދާ އަކީ ކޮބައިތޯ ސުވަލު ކުރުމުން ސްޕޭނަށް އުފަން ކޯޗު ބުނީ އެ ލީގުގައި ކުޅޭ ބިދޭސީ މޮޅު ކުޅުންތެރިންގެ ސަބަބުން އިންޑިއާގެ ކުޅުންތެރިންނަށް ބޮޑު ކުރިއެރުމެއް ލިބޭ ކަމަށެވެ.

އިޓަލީގެ ވޯލްޑް ކަޕް ކެޕްޓަން އެލްސެންޑްރޯ ޑެލް ޕިއޭރޯ އަދި ބްރެޒިލްގެ ރޮބާޓޯ ކާލޯސް ވަނީ އިންޑިއާގެ ދިއްލީ ޑައިނަމޯ އަށް ކުޅެފަ އެވެ. ކުރިން އެތުލެޓިކޯ ޑި ކަލްކަތާގެ ނަމުގައި ހިންގަމުން ދިޔަ ކްލަބަށް ސްޕޭނުގެ އެތުލެޓިކޯ މެޑްރިޑަށް ކުރިން ކުޅުނު ލުއިސް ގާސިއާ ވަނީ ކުޅެފަ އެވެ. ހާބަސް ބުނީ، ގާސިއާގެ ސަބަބުން އޭޓީކޭގެ އިންޑިއާގެ ކުޅުންތެރިންނަށް ބޮޑު ކުރި އެރުމެއް ލިބޭ ކަމަށެވެ.

"ދަނޑުމަތީގައި އޭނާ ކުރާ މަސައްކަތް އެކަންޏެއް ނޫން. ޗޭންޖިން ރޫމުގައި ވެސް އޭނާ އަދާކުރާ ދައުރުގެ ސަބަބުން ކުޅުންތެރިންނަށް ބޮޑު ފައިދާއެއް ކުރޭ. ގިނަ ކަންކަން އޭނާގެ ފަރާތުން ކުޅުންތެރިންނަށް ދަސްކުރެވޭ،" ހާބަސްގެ ކޯޗު ކަމުގެ ދަށުން 2014 ގައި އޭޓީކޭ އަށް ކުޅުނު ކުޅުންތެރިޔާއާ ބެހޭގޮތުން އޭނާ ބުންޏެވެ

ހާބަސް ބުނީ އިންޑިއާގެ ފުޓްބޯޅަ ދަނީ ކޮންމެ ސީޒަނެއްގައި ވެސް ކުރިއެރުން ހޯދަމުން ކަމަށެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ މޮޅު ބިދޭސީ ކުޅުންތެރިންނާ އެކު ކުޅުމުގެ ފުރުސަތު އިންޑިއާގެ ކުޅުންތެރިންނަށް ލިބޭތީކަން އޭނާ ފާހަގަކުރި އެވެ.

"ރަނގަޅު ފެސިލިޓީ ނެތި ފުޓްބޯޅަ ކުރިއެރުވުމަކީ އުނދަގޫ ކަމެއް. ވަރަށް މުހިންމު ކަމެއް ޓްރޭނިން ހެދުމަށް ވެސް ރަނގަޅު ފެސިލިޓީ ހުރުން. ޒުވާން ކުޅުންތެރިންގެ ކުރިއެރުމަށް ވަރަށް މުހިންމު ކަމެއް އެއީ. އަދި ކޮންމެ އަހަރަކު ވެސް ގެންނަ ބިދޭސީ ކުޅުންތެރިންގެ ފެންވަރު ރަނގަޅު ވާން ޖެހޭނެ،" ހާބަސް ބުންޏެވެ.

"އެކަމަކު އަހަންނަށް އެންމެ މުހިންމު ކަމަކީ ރަނގަޅު ވަސީލަތްތަކަކާ އެކު ރަނގަޅު އެކަޑަމީއެއް ހުރުން."

މިއަދު ހަވީރު އޭނާގެ ޓީމު ނުކުންނާނީ ބަންގްލަދޭޝްގެ ބަށުންދަރާ ކިންގްސް އާ ދެކޮޅަށެވެ. މެޗު އެއްވަރު ކޮށްލިޔަސް މޯހަން ބަގާން އަނެއް ބުރަށް ދާނެ އެވެ. ހާބަސް ބުނީ ބަށުންދަރާގެ ފޯވަޑް ރޮބީނިއޯއާ މެދު ސަލާމު ވާނެ ކަމަށެވެ. އަދި އެ ޓީމަކީ ޑިފެންސްކޮށް ކުޅޭ ޓީމެއް ކަމަށް ވުމުން އެ ޓީމު ދިފާއު ފޫއަޅުވާލަން އުނދަގޫ ވާނެ ކަން އޭނާ ފާހަކުރި އެވެ.