Roadha Mihaaru
ޕްރީ ސްކޫލް މަރާމާތުކުރަން 1.9 މިލިއަން ރުފިޔާއަށް

ހުޅުމާލޭ ޕްރީ ސްކޫލް މަރާމާތުކުރަން 1.9 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފި

23 އޯގަސްޓް 2021

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރަތްކުރި ޕްރީ ސްކޫލު މަރާމާތުކުރުމަށް 1.9 މިލިއަން ރުފިޔާއަށް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރަތްކުރި ޕްރީ ސްކޫލު މަރާމާތުކުރުމަށް 1.9 މިލިއަން ރުފިޔާއަށް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، 45 ދުވަހުގެ ތެރޭގައި މުހައްމަދު ގާސިމް ޕްރީ ސްކޫލު މަރާމާތުކުރަން ހަވާލުކުރީ އޭއާރު ބިޒްނަސް މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.

އެ އެއްބަސްވުމުގައި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު އަދި އޭއާރު ބިޒްނަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަލީ ރަޝީދު ވަނީ ސޮއިކުރައްވައިފަ އެވެ.

މިނިސްޓްރީން ބުުނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ޕްރީ ސްކޫލު މަރާމާތުކޮށް ނިމޭނެ ކަމަށެވެ. ނަމަވެސް، އެތަނުގައި ކިޔަވައިދޭން ފެށޭނެ ދުވަހެއް ހާމައެއް ނުކުރެ އެވެ.

އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ 10 ކްލާސްރޫމުގެ ޕްރީ ސްކޫލުގައި، މި މަހުގެ 10 ގައި ފެށި ދިރާސާ އާ އަހަރު ކިޔަވައިދިނުމަށް ވެސް އެޑިއުކޭޝަނުން ކުރިން މަސައްކަތްކުރި އެވެ. އެ ސްކޫލަށް ބޭނުންވާ ތަކެތި ހޯދުމަށް ވެސް އެ މިނިސްޓްރީން އޭރު އިއުލާނުކުރި އެވެ. ނަމަވެސް، ފްލޫ ކްލިނިކެއްގެ ގޮތުގައި ޕްރީ ސްކޫލު އިމާރާތް ބޭނުންކުރުމުން އެކަން ލަސްވެގެން ދިޔައީ އެވެ.

ޕްރީ ސްކޫލް ހިންގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެޑިއުކޭޝަން މިނިސްޓްރީއާ އެ ތަން ހަވާލުކުރީ ޖެނުއަރީ 17، 2019 ގަ އެވެ. އެހެންވެ، އެ ތަން ހިންގާނެ ބަޔަކު ހޯދަން އެޑިއުކޭޝަނުން ހަތަރު ފަހަރެއްގެ މަތިން އިއުލާނުކުރި އެވެ. އެކަމަކު، އެންމެ ފަހުން ނިންމީ ސީދާ މިނިސްޓްރީން ޕްރީ ސްކޫލް ހިންގާ ގޮތަށެވެ.

ކޮމްޕިއުޓަ ރޫމަކާއި ހޯލަކާއި ސްޓާފް ރޫމެއް ވެސް ހިމެނޭ ގޮތަށް ހެދި ޕްރީ ސްކޫލް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޭނުންކުރީ ކެމްޕެއިން ޖަގަހައެއްގެ ގޮތުގަ އެވެ.