Roadha Mihaaru
ހުޅުމާލޭގެ ޕްރީ ސްކޫލުން ޖާގަ ހުޅުވާލައިފި

ހުޅުމާލޭގެ ޕްރީ ސްކޫލުން ޖާގަ ހުޅުވާލައިފި

11 އޮކްޓޯބަރ 2021

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރާތްކުރި ޕްރީ ސްކޫލު މި މަހުގެ 24 ގައި ހުޅުވަން ނިންމައި، އެ ސްކޫލުން ޖާގަ ބޭނުންވާ ކުދިންނަށް ސަރުކާރުން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ. މިއީ، މާލެ ސަރަހައްދުގައި ސަރުކާރުން ހިންގަން ފަށާ އެންމެ ފުރަތަމަ ޕްރީ ސްކޫލެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރާތްކުރި ޕްރީ ސްކޫލު މި މަހުގެ 24 ގައި ހުޅުވަން ނިންމައި، އެ ސްކޫލުން ޖާގަ ބޭނުންވާ ކުދިންނަށް ސަރުކާރުން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ. މިއީ، މާލެ ސަރަހައްދުގައި ސަރުކާރުން ހިންގަން ފަށާ އެންމެ ފުރަތަމަ ޕްރީ ސްކޫލެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ myoffice.moe.gov.mv/forms/id/2 ޕޯޓަލް މެދުވެރިކޮށް، "މުހައްމަދު ގާސިމް ޕްރީ ސްކޫލް" އިން ޖާގަ ހޯދަން ކުރިމަތިލެވޭނެ ކަމަށެވެ.

އެލްކޭޖީ އަދި ޔޫކޭޖީ އަށް ކިޔަވައިދޭން ނިންމާފައިވާ އެ ސްކޫލުގައި 750 ކުދިންގެ ޖާގަ ހުންނައިރު، އެ ޖާގަތައް ފުރެންދެން ފޯމު ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ 10 ކްލާސްރޫމްގައި ޕްރީ ސްކޫލުގައި 20 ޓީޗަރުން މަސައްކަތް ކުރާނެ އެވެ.

ޕްރީ ސްކޫލު ހިންގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެޑިއުކޭޝަން މިނިސްޓްރީއާ އެ ތަން ހަވާލުކުރީ ޖެނުއަރީ 17، 2019 ގަ އެވެ. އެހެންވެ، އެ ތަން ހިންގާނެ ބަޔަކު ހޯދަން އެޑިއުކޭޝަނުން ހަތަރު ފަހަރެއްގެ މަތިން އިއުލާނުކުރި އެވެ.

ނަމަވެސް ޕްރީ ސްކޫލުގެ ހިންގުން ބަޔަކާ ހަވާލުނުކުރެވި އުޅެނިކޮށް ކޮވިޑު-19 ގެ ބަލިމަޑުކަން ކުރިމަތިވުމުން މި ހުރިހާ ދުވަހު އެ ތަން ބޭނުންކުރީ ފްލޫ ކްލިނިކެއް ގޮތުގަ އެވެ.

މުހައްމަދު ގާސިމް ޕްރީ ސްކޫލް ހިންގަން އެންމެ ފަހުން އިއުލާނު ކުރުމުން ޝައުގުވެރިކަން ފާޅުކުރީ ބިލަބޮންގް ހިންގަމުން އަންނަ އައިލެންޑާސް އެޑިއުކޭޝަނާއި ހުޅުމާލޭގައި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް ހިންގާ ކޮލިޓޭޓް އެޑިއުކޭޝަނާއި އިލްމު އެޑިއުކޭޝަންގެ އިތުރުން އިރުސިޔާދު އިންޓަނޭޝަނަލެވެ. އެކަމަކު އެޑިއުކޭޝަން މިނިސްޓްރީން ފަހުން ނިންމީ ސަރުކާރުން އެތަން ހިންގާ ގޮތަށެވެ.

ކޮމްޕިއުޓަރު ރޫމަކާއި ހޯލަކާއި މުވައްޒަފުންގެ ކޮޓަރި ވެސް ހިމެނޭ ގޮތަށް ހެދި ޕްރީ ސްކޫލު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޭނުންކުރީ ކެމްޕެއިން ޖަގަހައެއްގެ ގޮތުގަ އެވެ.