08 ނޮވެމްބަރ 2016
މިހާރު އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނެވި ބަރަކް އޮބާމާ ވެރިކަމަށް އިންތިހާބު ކުރުމަށް ނެގި ވޯޓުގައި އެމެރިކާ ރައްޔިތުންގެ އެ ގައުމުގެ ތާރީޚް ބަދަލުކޮށްލި އެވެ. ގިނަ ބަޔަކު ލަފާކުރި ގޮތާ ޚިލާފަށް، ކަޅު ނަސްލުގެ ބޭފުޅަކު ރައީސްގެ މަގާމަށް އިންތިހާބު ކޮށްގެންނެވެ. އޭގެ އަށް އަހަރު ފަހުން އަނެއްކާ ވެސް މި އޮތީ ތާރީޚް ބަދަލު ކޮށްލުމުގެ ފުރުސަތު ވަރަށް ރަނގަޅަށް ލިބިފަ އެވެ.
މިހާރު އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނެވި ބަރަކް އޮބާމާ ވެރިކަމަށް އިންތިހާބު ކުރުމަށް ނެގި ވޯޓުގައި އެމެރިކާ ރައްޔިތުންގެ އެ ގައުމުގެ ތާރީޚް ބަދަލުކޮށްލި އެވެ. ގިނަ ބަޔަކު ލަފާކުރި ގޮތާ ޚިލާފަށް، ކަޅު ނަސްލުގެ ބޭފުޅަކު ރައީސްގެ މަގާމަށް އިންތިހާބު ކޮށްގެންނެވެ. އޭގެ އަށް އަހަރު ފަހުން އަނެއްކާ ވެސް މި އޮތީ ތާރީޚް ބަދަލު ކޮށްލުމުގެ ފުރުސަތު ވަރަށް ރަނގަޅަށް ލިބިފަ އެވެ.
އެންމެ ހަރުދަނާ ޑިމޮކްރެސީގެ ގޮތުގައި މުޅި ދުނިޔެ އަށް ނަމޫނާ ދައްކަމުން އައި އެމެރިކާގެ މުޅި ތާރީޚުގައި ވެސް މިހާތަނަށް އަންހެނަކު ގައުމުގެ ވެރިކަމަށް އިންތިހާބު ކޮށްފައެއް ނުވެ އެވެ. އޭޝިޔާ، ދެކުނު އެމެރިކާ އަދި ޔޫރަޕްގައި ވެސް އަންހެން ވެރިން އެބަ ތިއްބެވި އެވެ. އަދި ބޮޑުވަޒީރުންނާއި ދިފާއީ ވަޒީރުންނާއި އުއްތަމަ ފަނޑިޔާރުންގެ މަގާމާއި ބޭންކުތަކުގެ ވެރިންގެ ގޮތުގައި އަންހެނުން އެބަ ތިއްބެވެ.
ދެ ޖިންސުގެ ތަފާތު ނައްތާލުމުގައި ދުނިޔޭގެ އެހެން ގައުމުތައް ކުރިއަރައިގެން ދާއިރު، ވެރިކަމަށް އަންހެން ބޭފުޅަކު އިންތިހާބު ކުރުމުގައި އެމެރިކާ މިހާ ފަހަތުގައި އޮތީ ކީއްވެ ހެއްޔެވެ؟ އެންމެ ހަރުދަނާ ޑިމޮކްރެސީގެ އެންމެ މަތީ މަގާމުތައް އަންހެނުންނަށް ނުލިބެނީ ކީއްވެ ހެއްޔެވެ؟
އެމެރިކާގެ އެންމެ ފަޚުރުވެރި އެއް މުއައްސަސާއަކީ ޖައްވީ އިދާރާ ނާސާ އެވެ. ނަމަވެސް އެ އިދާރާގެ އެންމެ އިސް މަގާމަށް މިހާތަނަށް އަންހެނަކު އައްޔަން ކޮށްފައެއް ނުވެ އެވެ. އެމެރިކާގެ އަސްކަރިއްޔާގައި ހަތަރު ތަރީގެ އަންހެން ޖެނެރަލުންތައް ބައިވަރު އެބަ ތިއްބެވެ. ނަމަވެސް ޗެއާމަން އޮފް ދަ ޖޮއިންޓް ޗީފް އޮފް ސްޓާފްގެ މަގާމަށް މިހާތަނަށް އަންހެނަކު އައްޔަން ކޮށްފައެއް ނުވެ އެވެ. ހަމަ އެހެންމެ، ދިފާއީ ވަޒީރުގެ މަގާމު ވެސް މިހާތަނަށް އަންހެނަކު ފުރާފައެއް ނުވެ އެވެ.
އެމެރިކާގެ އެންމެ ނުފޫޒު ގަދަ އެއް މުއައްސަސާއަކީ އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ ސީއައިއޭ އެވެ. އެ އިދާރާގެ ތަފާތު މަގާމުތަކުގައި އަންހެނުން އެބަ ތިއްބެވެ. ނަމަވެސް މިހާތަނަށް އެ އިދާރާގެ ޑިރެކްޓަރުގެ މަގާމަށް އަންހެނަކު އައްޔަން ކޮށްފައެއް ނުވެ އެވެ. އެފްބީއައި އަކީ ޖިނާއީ ތަހުގީގުތަކާ ބެހޭ މަރުކަޒީ އިދާރާ އެވެ. އެ އިދާރާގެ އުމުރުން 108 އަހަރު ފާއިތުވި އިރު ވެސް، އެފްބީއައިގެ ޑިރެކްޓަރުގެ މަގާމު އަންހެން ބޭފުޅަކަށް ދީފައެއް ނުވެ އެވެ.
ހިލަރީ އާއި ރައީސް ބިލް ކްލިންޓަން ކެމްޕޭންގައި ދަތުރު ކުރައްވާ ހާއްސަ މަތިންދާ ބޯޓުގެ ތެރޭގައި ނޫސްވެރިންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
ބޭންކިން ދާއިރާގައި ވެސް ކަންތައް ހުރީ މި ގޮތަށެވެ. އެންމެ ބޮޑު އަދި އެންމެ މަޝްހޫރު ހަތަރު ބޭންކުގެ މުޅި ތާރީޚުގައި ވެސް އަންހެނަކަށް އެއިން ބޭންކެއްގެ ސީއީއޯގެ މަގާމު ދީފައެއް ނުވެ އެވެ. އެމެރިކާގެ އަދުލު އިންސާފުގެ ދާއިރާގެ އެންމެ އިސް ފަރާތް ކަމުގައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމު ވެސް މިހާތަނަށް އަންހެން ބޭފުޅަކަށް ދީފައެއް ނުވެ އެވެ. އެމެރިކާގެ ސުޕްރީމް ކޯޓުގެ އުމުރުން 227 އަހަރުވީ އިރު އެ ކޯޓުގެ ފަނޑިޔާރުންގެ ތެރޭގައި މިހާތަނަށް ހިމެނިފައިވަނީ އެންމެ ހަތަރު އަންހެން ފަނޑިޔާރުންނެވެ.
އެހެންކަމުން އެމެރިކާގެ ތާރީޚް ބަދަލު ކޮށްލުމަށް ލިބިފައިވާ މި ފުރުސަތުގެ ބޭނުން ހިފައި، ގައުމުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އަންހެނަކު އިންތިހާބު ކޮށްފާނެތޯ ސުވާލު އުފެދެ އެވެ. އެމެރިކާގެ ޑިމޮކްރެސީގެ ތާރީޚު ކިތަންމެ ދިގު ނަމަވެސް، މައި ޕާޓީއެއްގެ ޓިކެޓްގައި އަންހެން ބޭފުޅަކު އާންމު ރައްޔިތުންގެ ވޯޓާ ހަމައަށް އައި މިއީ ފުރަތަމަ ފަހަރެވެ.
ހިލަރީ ކްލިންޓަން ރިއާސީ ކެންޑިޑޭޓްގެ ގޮތުގައި ނުކުންނެވުމުގެ ކުރިން، ގައުމުގެ ރައީސްކަން ފިޔަވައި އެ ގައުމުގެ އެންމެ ނުފޫޒު ގަދަ ސިޔާސީ މަގާމާއި އެންމެ ޝަރަފުވެރި މަގާމު ވަނީ ފުރުއްވައިފަ އެވެ. ރައީސް ކްލިންޓަންގެ އަނބިކަނބަލުންގެ ހައިސިއްޔަތުން އަށް އަހަރު ވަންދެން (1993-2001) އެއީ އެމެރިކާގެ މަހާރެހެންދި އެވެ. އަދި 2009 ން 2013 އަށް އެމެރިކާގެ ހާރިޖީ ވަޒީރު ކަން ކުރެއްވި އެވެ.
އެހެންކަމުން ހިލަރީއަކީ އަންހެން ބޭފުޅަކަށް ވިޔަސް، އެމެރިކާގެ ސިޔާސީ މަސްރަހަށް ނުފަރިތަ ބޭފުޅެއް ނޫނެވެ. އަދި އަމުދުން ބައިނަލްއަގުވާމީ ސިޔާސީ މަސްރަހާއި ޑިޕްލޮމެޓިކް މައިދާން ރަނގަޅަށް ހިތުދަސް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
ވޯޓު ލާން ނުކުންނަ ކޮންމެ މީހެއްގެ ކުރިމަތީގައި މިއަދު އޮތް ހަ ނަމުގެ ތެރެއިން ދެ ނަމަކީ އަންހެން ބޭފުޅުންނެވެ. އަދި މައި ދެ ޕާޓީގެ ކެންޑިޑޭޓުންގެ ތެރެއިން އެކަކީ އަންހެން ބޭފުޅެކެވެ. މިހާތަނަށް އެމެރިކާގައި ރިއާސީ އިންތިހާބު ކާމިޔާބު ކޮށްފައި ވަނީ، މައި ދެ ޕާޓީން ކުރެ ޕާޓީއެއްގެ ކެންޑިޑޭޓެއް ކަމަށްވާތީ، ހަމަ ގައިމު ވެސް މި ފަހަރު މި އޮތީ އަންހެނަކު އިންތިހާބު ކުރުމުގެ ފުރުސަތު ކިތަންމެ ރަނގަޅަކަށް ވެސް ލިބިފަ އެވެ.
ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕު: ހިލަރީ އަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ވާނެ.
އެމެރިކާގެ ބައެއް މީހުން ބުނާ ގޮތުގައި ރައީސް ކަމަށް އަންހެނަކު އިންތިހާބު ކުރުމުގެ ފަހި ފުރުސަތަކަށް އެދި އެމީހުން ތިބޭތާ ލައްކަ ޒަމާން ވެއްޖެ އެވެ. އެމެރިކާގެ ނަމާ ގުޅިގެން ޑިމޮކްރެސީގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް، އޮގަސްޓް 18، 1920ގެ ކުރިން އެ ގައުމަކީ ވޯޓު ލުމުގެ ހައްގު ވެސް އަންހެނުންނަށް އޮތް ގައުމެއް ނޫނެވެ.
ނަމަވެސް މިއަދު އެ ފުރުސަތު ފަހިވެފައި އޮތުމުގެ އިތުރުން، އެ ހައްގުގެ ބޭނުން ހިފައި އަންހެނަކު އިންތިހާބު ކުރުމުގެ ރަނުގެ ފުރުސަތެއް ވެސް މިއޮތީ ލިބިފަ އެވެ. އެހެންކަމުން ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މި ފަހަރުގެ އިންތިހާބުގައި ހިލަރީ ހޮވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި މައި ޕާޓީއެއްގެ ޓިކެޓްގައި އަންހެން ބޭފުޅަކު ހުންނެވުމުން، ވޯޓު ލުމަށް ގިނަ އަދަދެއްގެ ބަޔަކު ނުކުންނާނެ ކަމަށް ވެސް ލަފާ ކުރެވެ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ހިސާބުން، ހިލަރީއާ މެދު އާންމުން ދެކޭ ގޮތް ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އަދި ވާދަވެރި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓަކީ ޓްރަމްޕު ކަން ޔަގީންވި ހިސާބުން ހިލަރީގެ މަގުބޫލު ކަން އިތުރުވާން ފެށި އެވެ.
ސީއެންއެން އިން ނެގި ޚިޔާލު ހޯދުމުގެ ވޯޓުން ދައްކާ ގޮތުގައި އެމެރިކާގެ ރައީސްގެ މަގާމަށް އަންހެނަކު އިންތިހާބު ކުރުމަށް އެ ގައުމުގެ 80 ޕަސެންޓް މީހުން ތާއީދު ކުރެ އެވެ. ޕާޓީގެ ނިސްބަތުން ބަލާއިރު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ 90 ޕަސެންޓް މީހުން ގަބޫލު ކުރާ ގޮތުގައި، އޯވަލް އޮފީސް އަންހެނެއްގެ އަތަށް ދޫކޮށްލުމުގެ ވަގުތު މިވަނީ ޖެހިފަ އެވެ. ނަމަވެސް ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ ތެރެއިން އެކަމަށް ތާއީދު ކުރަނީ އެންމެ 68 ޕަސެންޓް މީހުންނެވެ.
އޮބާމާ ވެރިކަމަށް ހޮވުނު އިންތިހާބަށް ކެމްޕޭން ކުރި ދުވަސްވަރު 2006 ވަނަ އަހަރު ނެގި ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އެ ގައުމުގެ ވެރިކަމަށް އަންހެނަކު ގެނައުމަށް އޭރު ތާއީދު ކުރީ އާންމުންގެ އެންމެ 60 ޕަސެންޓް މީހުންނެވެ. ނަމަވެސް އެ ނިސްބަތް މިހާރު މިވަނީ 80 އަށް މައްޗަށް ޖެހިފަ އެވެ.
ހިލަރީ ކްލިންޓަން (ވ-2) އާއި ރައީސް އޮބާމާ (ވ) އަދި ކުރީގެ ރައީސް ބިލް ކްލިންޓަން (ކ-2) ފިލެޑެލްފިއާގައި ކެމްޕޭން ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
މީގެ އިތުރުން އެމެރިކާގެ ރައީސް ކަން އަންހެނަކަށް ދިނުމަށް ތާއީދު ކުރާ އަންހެނުންނަށް ވުރެ ގިނައީ ފިރިހެނުންނެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާތައް ބުނާ ގޮތުން ފިރިހެނުންގެ 83 ޕަސެންޓް މީހުން އެ ކަމަށް މިހާރު ތާއީދު ކުރެ އެވެ. އަންހެނުންގެ ތެރެއިން އެ ކަމަށް ތާއީދު ކުރަނީ އެންމެ 76 ޕަސެންޓް މީހުންނެވެ.
މިއަދުގެ ވޯޓުލުމަށް އާންމު ރައްޔިތުން ނުކުންނަ އިރު، ހިލަރީގެ ފަސްމަންޒަރުގެ އެންމެ ދުރުން ފެންނަނީ، އެމެރިކާގައި ދިރިއުޅޭ ބައިމަދު (މައިނޯރިޓީ) ޖަމާއަތްތަކުގެ ހައްގުތަކާއި އަންހެނުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ކުރައްވަމުން ގެންދެވި މަސައްކަތްތަކެވެ. ވައިޓް ހައުސް އަށް ވަދެވަޑައިގަތުމަށް ފަހު ވެސް އެ މަގުން ހިންގަވާނެ ކަމަށް ހިލަރީ ވިދާޅުވެ އެވެ. އަދި އިގްތިސާދީ ގޮތުން ގެންގުޅުއްވާނީ، މިހާރުގެ ރައީސް އޮބާމާގެ ސިޔާސަތުކަން ހިލަރީ ވަނީ ހާމަ ކުރައްވައިފަ އެވެ.
މިއާ ޚިލާފަށް ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕުގެ މާޒީގެ ތެރެއިން ގައުމީ ޚިދުމަތްތަކަށް ވުރެ ބޮޑަށް ގިނަ ބަޔަކު ފާހަގަ ކުރަނީ، އޭނާގެ ކަމުނުދާ ސިފަތަކެވެ. އޭގެ ތެރޭގައި އަންހެނުންނަށާއި އެހެން ނަސްލުތަކުގެ މީހުންނަށް ރައްދުކޮށް ވިދާޅުވެފައިވާ ދަށު ދަރަޖައިގެ ބަސްތައް ހިމެނެ އެވެ. އަދި އަންހެނުންނަށް އެކި ގޮތްގޮތުން ހިންގާފައިވާ ޖިންސީ ގޯނާތަކުގެ ސަބަބުން ޓްރަމްޕުގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. މިއަދުގެ ވޯޓު ލުމަށް އާންމު ރައްޔިތުން ނުކުންނަ އިރު، ޚިޔާލު ހޯދުމުގެ ވޯޓުން ދައްކާ ގޮތުގައި ހިލަރީ އުޅެނީ ޓްރަމްޕަށް ވުރެ ހަތަރު ޕަސެންޓް ކުރީގަ އެވެ.
ޖެނުއަރީ 20، 2017 އިން ފެށިގެން ކުރި އަށް އޮތް ހަތަރު އަހަރު އެމެރިކާގެ ރައީސްގެ ކަމުގެ މަގާމު ފުރުއްވާނޭ ބޭފުޅަކު ހޮވުމަށް މިއަދު ބާއްވާ އިންތިހާބުގައި އެމެރިކާ ރައްޔިތުން މިއަދު ހެނދުނު ހަޔަކާއި ހަތަކާ ދެމެދުން (ރާއްޖޭ ގަޑިން މިއަދު ހަވީރު 4-5 އާ ދެމެދު) ފެށިގެން ވޯޓު ލާން ނުކުންނާނެ އެވެ. އެންމެ ފުރަތަމަ ވޯޓު ލާން ފަށާނީ އިރުމަތީ ބިތުގެ ސްޓޭޓްތަކާއި ސަހަރުތަކުގަ އެވެ. އޭގެ ތެރޭގައި ވޮޝިންޓަން ޑީސީ، ނިއު ޔޯކް، އަލަބާމާ، ޖޯޖިއާ ފަދަ ތަންތަން ހިމެނެ އެވެ.
ފިލަޑެލްފިއާގައި އޮތް އިންތިހާބުގެ ކެމްޕޭން ތެރޭގައި ހިލަރީ ކްލިންޓަން (ވ-3) އާއި ފަސްޓް ލޭޑީ މިޝޭލް އޮބާމާ (ވ) ސަލާމް ކުރައްވާ އިރު ރައީސް އޮބާމާ (ވ-2) އާއި ކުރީގެ ރައީސް ބިލް ކްލިންޓަން (ކ) އަދި ދަރިކަނބަލުން ޗެލްސީ (ކ-2) އަރިހުގައި. --ފޮޓޯ:އޭއެފްޕީ
ވޯޓު ލުން ނިމޭނީ މިއަދު ހަވީރު އެމެރިކާ ގަޑިން 6:00 އާއި 7:00 (ރާއްޖޭ ގަޑިން މިރޭ ދަންވަރު 4:00 އާއި ފަތިހު 5:00އާ) ދެމެދުގަ އެވެ. ވޯޓު ފޮށިތައް އެންމެ ފުރަތަމަ ބަންދު ކުރާނީ އިރުމަތީގެ އިންޑިއާނާ އާއި ކެންޓާކީގަ އެވެ. ވޯޓު ގުނުމުގެ އެންމެ ބިޒީ ވަގުތުތައް ފެށިގެންދާނީ، ހަވީރު 8:00 ގައި އެންމެ ފަހު 20 ސްޓޭޓްގެ ވޯޓު ފޮށި ބަންދުކުރުމާ އެކުގަ އެވެ. އޭގެ ތެރޭގައި އިލިނޮއިސް އާއި މިޗިގަން ފަދަ ތަންތައް ހިމެނެ އެވެ.
އިންތިހާބުގެ ވޯޓު ލުމާއި ވޯޓު ގުނުމުގެ ކަންތައް އޮމާންކަމާ އެކު ހިނގައްޖެ ނަމަ، އެމެރިކާ އަށް މިރޭ މެންދަމުގެ ވަގުތުގައި (ރާއްޖެއަށް މާދަމާ ހެނދުނު) އެލަސްކާގެ ވޯޓުގެ ނަތީޖާއާ އެކު މުޅި އިންތިހާބުގެ ނަތީޖާ ސާފުވާވަރު ވާނެ އެވެ. އެހެން ނޫން ނަމަ، އިންތިހާބުގެ ނަތީޖާ ސާފުވާވަރު ވާނީ އެމެރިކާ އަށް ބުދަ ދުވަހުގެ ހެނދުނު (ރާއްޖެ އަށް މާދަމާ ހަވީރު)ގެ ވަގުތުގަ އެވެ.
މިޝިގަންގެ ވޯޓާ އެކު ޓްރަމްޕް އިތުރަށް ކުރިއަށް
ޓްރަމްޕުގެ ތުހުމަތުތަކަށް ވައިޓްހައުސް އިން ރައްދު ދީފި
ވިސްކޮންސިންގެ ވޯޓު އަލުން ގުނަން ހުށަހަޅައިފި
ޓްރަމްޕަށް ވުރެ ހިލަރީ ދެ މިލިއަން ވޯޓު ކުރީގައި
ޓްރަމްޕް ސަރުކާރުން ހިލަރީ ޖަލަކަށް ނުލާނެ
ނާކާމިޔާބުވުމުން ވަރަށް ބޮޑަށް މާޔޫސްވި: ހިލަރީ
އިލެކްޓޯރަލް ކޮލެޖް ސިސްޓަމް އުވާލަން ހުށަހަޅައިފި
ޓްރަމްޕަށް ވޯޓު ދިން އަންހެނުން ވެސް މަދެއް ނޫން
ގިނަ މީހުން ވޯޓުލީ ހިލަރީ އަށް، ހޮވުނީ ޓްރަމްޕް
ޓްރަމްޕަށް ގައުމު ހިންގަން ފުރުސަތު ދޭން ޖެހޭ: ހިލަރީ