Roadha Mihaaru
އަލީ ވަހީދު ޔޫކޭގައި ހައްޔަރުކޮށްފި

އަލީ ވަހީދު ޔޫކޭގައި ހައްޔަރުކޮށްފި

25 އޯގަސްޓް 2021

ޖިންސީ ކުށުގެ ދައުވާތަކުގެ ޝަރީއަތަށް ހާޒިރު ނުވެ އިނގިރޭސި ވިލާތުގައި އުޅެނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެންމެ އެ ގައުމުގައި ހައްޔަރުކޮށްފި އެވެ.

ޖިންސީ ކުށުގެ ދައުވާތަކުގެ ޝަރީއަތަށް ހާޒިރު ނުވެ އިނގިރޭސި ވިލާތުގައި އުޅެނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެންމެ އެ ގައުމުގައި ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރުކުރީ ދައުވާވަކާ ބެހޭ ގޮތުން ރާއްޖޭގެ ބައެއް މީޑިއާތައް ބައިވެރިކޮށްގެން އޮންލައިންކޮށް މިއަދު ޕްރެސް ކޮންފަރެންސެއް ބާއްވަން އުޅެނިކޮށެވެ. އޭނާ ހައްޔަރުކުރި އިރު، ސުޕްރީމް ކޯޓުގެ ޝަރީއަތަކަށް ހާޒިރުވުމަށް ފޮނުވި އަމުރަށް ތަބާ ނުވުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމުގެ ހުކުމެއް ވެސް އެބަ އޮތެވެ.

ފުލުހުން އެންމެ ފަހުން ބުނެފައިވާ ގޮތުގައި އަލީ ވަހީދުގެ ހުކުމް ތަންފީޒުކުރުމަށް އޭނާ މާލެ ގެނައުމަށްޓަކައި އިންޓަޕޮލް އާއި އިނގިރޭސި ފުލުހުންގެ އެހީއަށް ވެސް އެދޭނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއްކޮށްފައި އޮއްވައި، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުކޮށްފައި ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ކޯޓުން ހުއްދަ ދިން ފަހުން އޭނާ ރާއްޖެއަށް ވަޑައެއް ނުގަންނަވަ އެވެ. އެކަމާ ހެދި އޭނާގެ ޝަރީއަތްތަކާއި އެ ޝަރީއަތާ ގުޅޭ އިސްތިއުނާފުގެ މައްސަލަތައް ވެސް ވަނީ ހުއްޓިފަ އެވެ.

ކޯޓުގެ ހުރުމަތް ކެނޑި މައްސަލާގައި ސުޕްރީމް ކޯޓުން އަލީ ވަހީދަށް ކުރި ހުކުމުގައި އޭނާގެ އެއްވެސް މައްސަލައެއް ކޯޓުތަކުން ކުރިއަށް ނުގެންދެވި އޮތް އޮތުމާ ބެހޭ ގޮތުން ބުނެފައި ވަނީ އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ފެންނަ ނަމަ ރައްޔިތުންގެ އިތުބާރު ގެއްލި، ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިންގޭ ކަމުގެ ތަސައްވުރު އުފެދޭ ކަމަށެވެ.