Roadha Mihaaru
ނިދި ހަމަޔަކަށް އަޅުވައިދޭން އައިނެއް ހަދަނީ

ނިދި ހަމަޔަކަށް އަޅުވައިދޭން އައިނެއް ހަދަނީ

29 އޯގަސްޓް 2021

ނިދަން އުނދަގޫވުމާއި ނިދުމާ ގުޅުން ހުރި އެކި މައްސަލަތަކަށް ހައްލު ހޯދައިދޭ އައިނެއް ބާޒާރަށް ނެރެން ރަޝިއާ އިން މަސައްކަތްކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނިދަން އުނދަގޫވުމާއި ނިދުމާ ގުޅުން ހުރި އެކި މައްސަލަތަކަށް ހައްލު ހޯދައިދޭ އައިނެއް ބާޒާރަށް ނެރެން ރަޝިއާ އިން މަސައްކަތްކުރަން ފަށައިފި އެވެ.

އެ ގައުމުގެ ރޮސްޓެކް ސްޓޭޓް ކޯޕަރޭޝަންގެ ދަށުން ހިންގާ ޓެކްނޯޑިނަމިކާ ހޯލްޑިންގެ މި އައިނުގެ ޕްރޮޓޯޓައިޕް މި މަހުގެ 22 އިން ހޮނިހިރު ދުވަހުގެ ނިޔަލަށް މޮސްކޯގައި ބޭއްވި އިންޓަނޭޝަނަލް މިލިޓަރީ އެކްޒިބިޝަން "އާމީ 2021" ގައި ވަނީ ދައްކާލައިފަ އެވެ.

އިންސޯމްނިއާ އާއި ޖެޓްލެގް ފަދަ، ނިދަން އުނދަގޫވުމުގެ މައްސަލަތަކަށް ފަރުވާއަކަށް ބޭނުންކުރެވިދާނެ މި "އެންޓި-އިންސޯމްނިއާ ބްލޫ ސްކައި ޕްރޯ ގްލާސެސް" އަކީ ދުވާލު އެކި ވަގުތުތަކުގައި ބައިގަޑިއެއްހާ އިރު އެ އަޅައިގެން ހުރުމުން، މީހާގެ "ސްލީޕް ސައިކަލް" ހަމައަކަށް އަޅުވައިދޭން އެހީވާ އެއްޗެއް ކަމަށް އެ އައިނު އުފައްދާ ކުންފުނިން ބުންޏެވެ.

"މި އައިނަކީ ނިދުމުގެ މައްސަލަތައް ހުންނަ މީހުންގެ ދިމާވާ މައްސަލަތައް ހައްލުކޮށް އެ މީހުންގެ ހިއުމަން ބައޮރިދަމް ހަމައަކަށް އަޅުވައިދޭނެ ވަރަށް އިތުބާރު ހިފޭ، މޮޅު އުފެއްދުމަކަށް ވާނެ،" ރޮސްޓެކްގެ އެކްޒެކެޓިވް ޑިރެކްޓަރު އޯލޭގް ޔެވްޓުޝެންކޯ ވިދާޅުވި އެވެ.

ނިދި ރަނގަޅުކޮށްދޭ އައިނުގެ ޕްރޮޓޯޓައިޕް.

ނިދި ރަނގަޅުކޮށްދޭ އައިނުގެ ޕްރޮޓޯޓައިޕް.

އޭނާ ވިދާޅުވި ގޮތުގައި ސްލީޕިން ޑިސްއޯޑާ އާންމުކޮށް ދިމާވާ މީހުންގެ ތެރޭގައި ހިމެނޭ މަތިންދާބޯޓް ދުއްވާ ޕައިލެޓުންނަށް ވެސް "އެންޓި-އިންސޯމްނިއާ ބްލޫ ސްކައި ޕްރޯ ގްލާސެސް" އަކީ ވަރަށް ބޮޑު އެހީއަކަށް ވާނެ އެވެ.

ރޮސްޓެކުން ބުނީ އެ ކުންފުނީގެ މި އުފެއްދުމަކީ ރޭގަނޑުގެ ހަމަ ނިދި ނުލިބި، ހެނދުނު އެކަމުގެ ސަބަބުން ދިމާވާ އުނދަގޫތަކުން ވެސް ރައްކާތެރިކޮށް ދޭނެ އެއްޗެކެވެ. މި އައިނު ބޭނުންކުރުމުން ނިދިޖެހުމާއި ވަރުބަލިވުން ފަދަ ކަންކަން ލަސްކޮށްދޭނެ ކަމަށް ބުންޏެވެ.

މިއީ ޑިޕްރެޝަނާއި ނިއުރޯއެންޑޮކްރިނަލް ޑިޒްނީޒް އާއި ކަންކަމަށް ދެވޭ ސަމާލަން ކުޑަވުމާ ދެކޮޅަށް ވެސް އެހީވެދޭނެ އެއްޗެއް ކަމަށް ރޮސްޓެކުން ބުންޏެވެ.

ނިދި ރަނގަޅުކޮށްދޭ އައިނުގެ ޕްރޮޓޯޓައިޕް.

ނިދި ރަނގަޅުކޮށްދޭ އައިނުގެ ޕްރޮޓޯޓައިޕް.

ރަސްމީކޮށް ބާޒާރަށް ނެރޭނެ އިރެއް އަދި އިއުލާން ނުކުރާ މި އައިނު ވިއްކާނީ ގާތްގަނޑަކަށް 406 ޑޮލަރު (7,416ރ.) އަށެވެ. މި އައިނު ޕެކްގައި ނޭފަތަށް ފިޓްކުރެވޭ ގޮތަށް ބަދަލުކުރެވޭ ނޯޒް ޕެޑެއް ވެސް އޮންނާނެ އެވެ.

ޓެކްނޯޑިނަމިކާ ހޯލްޑިން އިން ބުނި ގޮތުގައި ވިޔަފާރީގެ އުސޫލުން އައިނު އުފައްދަން ފަށާނީ އަންނަ އަހަރުގެ ތެރޭގަ އެވެ.

އެ ކުންފުނީގެ ޖެނެރަލް ޑިރެކްޓަރު އިގޯ ނަސެންކޯވް ވިދާޅުވި ގޮތުގައި ރަޝިއާގެ ސަމާރާ ސްޓޭޓް މެޑިކަލް ޔުނިވަސިޓީއާ ޕާޓްނަޝިޕް ހަދައިގެން އުފައްދާ "އެންޓި-އިންސޯމްނިއާ ބްލޫ ސްކައި ޕްރޯ ގްލާސެސް" ގެ އެންމެ ފުރަތަމަ ނެރޭނީ 15،000 އައިނެވެ. އަދި އުފައްދާ މިންވަރު އިތުރުކުރާނީ އެއަށް ލިބޭ ތަރުހީބަށް ބަލައިފަ އެވެ.