Roadha Mihaaru
މަޑު އަލީގައި ފޮތް ކިޔާ ނަމަ ލޯ ހަލާކުވާނެތަ؟

މަޑު އަލީގައި ފޮތް ކިޔާ ނަމަ ލޯ ހަލާކުވާނެތަ؟

23 އޯގަސްޓް 2021

އައިނު ނާޅައި ނުވަތަ ލެންސް ނުލައްވައި އުޅެވޭ ވަރަށް ލޮލުގެ ފެނުން ހުރުމަކީ ވަރަށް ބޮޑު ނަސީބެކެވެ. ފަސޭހައެކެވެ. މާބޮޑު ފަރުވާލެއް ނެތި ކުރެވޭ ބައެއް ކަންކަމުގެ ސަބަބުން ލޮލުގެ ފެނުން ނިކަމެތިވެ އެވެ. އެކަމަކު ލޮލާ ބެހޭ ގޮތުން ދައްކާ ވަރަށް އާންމު ވާހަކަތަކުގައި މާބޮޑު ހަގީގަތެއް ވެސް ނެތެވެ.

އައިނު ނާޅައި ނުވަތަ ލެންސް ނުލައްވައި އުޅެވޭ ވަރަށް ލޮލުގެ ފެނުން ހުރުމަކީ ވަރަށް ބޮޑު ނަސީބެކެވެ. ފަސޭހައެކެވެ. މާބޮޑު ފަރުވާލެއް ނެތި ކުރެވޭ ބައެއް ކަންކަމުގެ ސަބަބުން ލޮލުގެ ފެނުން ނިކަމެތިވެ އެވެ. އެކަމަކު ލޮލާ ބެހޭ ގޮތުން ދައްކާ ވަރަށް އާންމު ވާހަކަތަކުގައި މާބޮޑު ހަގީގަތެއް ވެސް ނެތެވެ.

މިއީ ލޮލުގެ ފެނުމާ ގުޅުވައިގެން އާންމުކޮށް ދައްކާ ވާހަކަތަކުގެ ހަގީގަތަކާ ބެހޭ ގޮތުން ހާވާޑް މެޑިކަލް ސްކޫލްގެ ހާވާޑް ހެލްތު ޕަބްލިޝިން ވެބްސައިޓްގައި ދީފައިވާ ބައެއް މައުލޫމާތެވެ.

އަނދިރީގައި ފޮތް ކިޔާ ނަމަ ލޯ ހަލާކުވާނެ؟

އަނދިރީގައި ނުވަތަ މަޑު އަލީގައި ފޮތް ކިޔުމަކީ ލޮލަށް މާބޮޑު ގެއްލުމެއް ލިބޭ ކަމެއް ނޫނެވެ. އެކަމަކު މިގޮތަށް ފޮތް ކިޔާ ނަމަ މާ އަވަހަށް ލޯ ވަރުބަލިވެ އެވެ. ފޮތް ކިޔާއިރު އެންމެ ރަނގަޅު ގޮތަކީ ސީދާ ފޮތަށް އަޅި އެޅޭ ގޮތަށް ބެހެއްޓުމެވެ. އެކަމަކު މި އަލި އަންނަން ޖެހޭނީ ކޮނޑުމައްޗަކުން ނޫނެވެ. އެންމެ ރަނގަޅީ ޓޭބަލް ލޭމްޕެއް ކަހަލަ އެއްޗެއްގެ ކައިރީގައި އިނދެގެން ފޮތް ކިޔުމެވެ. އޭރުން އަލި އަންނާނީ ސީދާ ފޮތާ ދިމާލު މަތިން ފޮތަށް އެކަންޏެވެ.

"ލޮލުގެ ކަސްރަތު" ކުރުމުން އައިނު އަޅާކަށް ނުޖެހޭނެ؟

ލޮލުގެ ކަސްރަތަކީ ލޮލުގެ ފެނުން ދަމަހައްޓައިދޭ ނުވަތަ ރަނގަޅުކޮށްދޭ ކަމެއް ނޫނެވެ. އަދި މިއީ އައިނު އަޅަން ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެއް ވެސް ނޫނެވެ. ލޮލުގެ ފެނުމުގެ ގާބިލްކަން ބިނާވާ ކަންތައްތަކެއް ހުރެ އެވެ. އޭގެ ތެރޭގައި ލޮލުގެ ބައްޓަމާއި ލޮލުގެ ޓިޝޫތަކުގެ ސިއްހަތު ހިމެނެ އެވެ. ލޮލުގެ ކަސްރަތުން މިއިން އެއް ކަމެއް ވެސް ބަދަލެއް ނުވެ އެވެ.

ކެރެޓުން ލޮލަށް ފައިދާވޭ؟

މި ވާހަކާގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް ހިމެނެ އެވެ. ވިޓަމިން އޭ ހިމެނޭ ކެރެޓަކީ އެހެން ބައިވަރު ތަރުކާރީ ފަދައިން ލޮލަށް ވެސް ފައިދާހުރި އެއްޗެކެވެ. އެކަމަކު ތާޒާ މޭވާ އާއި ފެހިކަން ގަދަ ފަތާއި ތަރުކާރީ ފަދަ، އެންޓި އޮންސިޑަންޓް ވިޓަމިންގެ ތެރޭ ހިމެނޭ ވިޓަމިން ސީ އާއި އީ ހުންނަ އެއްޗެހި ލޮލަށް މާ ރަނގަޅެވެ. އެކަމަކު ކޮންމެ މޭވާއެއް އަދި ތަރުކާރީއެއް ކެޔަސް ކައިރި އެކަނި ސާފުކޮށް ފެނުން ނުވަތަ ދުރު އެކަނި ސާފުކޮށް ފެނުން ފަދަ މައްސަލަތައް ރަނގަޅުވާ ވަރަށް ލޮލަށް ބަދަލެއް ނާންނާނެ އެވެ.

އަބަދު އައިނު އަޅައިގެން އުޅޭކަށް ނުވާނެ؟

އަބަދު އައިނު އަޅައިގެން އުޅެން ނުވާނެ ކަމަށާއި ލޮލަށް އަރާމުކޮށްލަން އައިނު ނާޅައި ވެސް އުޅެންވާނެ ކަމަށް ބުނެ އުޅެ އެވެ. ދުރު ބަލަން ނުވަތަ ފޮތް ކިޔަން އައިނު އަޅަންޖެހޭ މީހުން އައިނު އަޅައިގެން އުޅޭށެވެ. އައިނު އަޅައިގެން ނޫނީ ނުފެންނަ އެއްޗެހި އައިނު ނާޅައި ބަލަން އުޅޭ ނަމަ ލޮލަށް ލިބޭނީ އިތުރު ވޭނެކެވެ. އައިނު އެޅުމަކީ ލޯ އިތުރަށް ގޯސްވާ ކަމެއް ނޫނެވެ.

މުޅި ދުވަހު ކޮމްޕިއުޓަރަށް ބަލާ ނަމަ ލޮލަށް ގެއްލުންވޭ؟

ކޮމްޕިއުޓަރަށް ބެލުމަކީ ލޮލަށް ގެއްލުންވާ ކަމަކަށް ނުވިޔަސް މުޅި ދުވަހު ކޮމްޕިއުޓަރު ސްކްރީނަށް ބެލުމަކީ ލޯަލަށް ލިބޭ ވަރަށް ބޮޑު ވަރުބަލި ކަމަކަށްވެ އެވެ. ގިނައިރު ސްކްރީނަށް ބަލަންޖެހޭ ނަމަ ސްކްރީންގެ އަލި، ލޮލަށް އުނދަގޫނުވާ ވަރަށް މަޑުކޮށްލާށެވެ. ގިނައިރު ކޮމްޕިއުޓަރު ބަލަންޖެހޭ ނަމަ ލޮލުގެ ވަރުބަލިކަން ފިލުވާލަން ބްރޭކް ނަގަންވާނެ އެވެ. ގަޑިއަކު އެއްފަހަރު މިގޮތަށް ރެސްޓް ނަގާ ނަމަ ލޮލަށް ކުރާ ބާރު ކުޑަވާނެ އެވެ.