Roadha Mihaaru
ކޮވިޑް-19: އައްޑޫގެ ގުޅިފައިވާ ރަށްތައް ބަންދުކޮށްފި

އައްޑޫގައި ކޮވިޑްގެ ހާލަތު އަނެއްކާ ވެސް ގޯސްވެ، ގުޅިފައިވާ ރަށްތައް ބަންދުކޮށްފި

28 އޯގަސްޓް 2021

އައްޑޫން އަނެއްކާ ވެސް ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވް ވަމުން ދާތީ އެ ސިޓީގެ ގުޅިފައިވާ ހަތަރު ރަށެއް މިރޭ ބަންދުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫން އަނެއްކާ ވެސް ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވް ވަމުން ދާތީ އެ ސިޓީގެ ގުޅިފައިވާ ހަތަރު ރަށެއް މިރޭ ބަންދުކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑްގެ ކޭސްތަކަކާ ގުޅިގެން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެހެންވެ، އެ ރަށްތަކުގައި ކެފޭ/ރެސްޓޯރެންޓުތައް ބަންދުކުރުމާއި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ބޭރަށް ނުކުމެ އުޅުން މިހާރު މަނާވާނެ އެވެ.

އެ ހަތަރު ރަށުން މިއަދު އެކަނި ވެސް 18 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އެއީ 14 ދިވެހިންނާއި ހަތަރު ބިދޭސީއެކެވެ.

އައްޑޫގައި މިހާރު ވެސް 153 މީހަކު ކޮވިޑް ބަލި ތަހައްމަލު ކުރާއިރު، އެ ސިޓީގެ ރަށްތަކުގެ ތެރެއިން ހާލަތު އެންމެ ގޯހީ މަރަދޫގަ އެވެ. އެ ރަށުގައި ކޮވިޑް ބަލީގެ 81 މީހުން ތިބިއިރު ދެ ވަނަ އަށް އެންމެ ގިނަ ކޭސް ފެނިފައިވާ ހިތަދޫންނެވެ. އައްޑޫގައި އެންމެ އާބާދީ ބޮޑު ރަށް، ހިތަދޫގައި ކޮވިޑް ޖެހިފައިވާ 36 މީހަކު އެބަތިއްބެވެ.

ކޮވިޑުގެ ކޭސްތަކާ ގުޅިގެން މީގެ ކުރިން ވެސް އެކި ފަހަރު މަތިން އައްޑޫގެ ރަށްތައް މޮނިޓަރިން އަށް ލި އެވެ.