އަފްގާނިސްތާނުގެ އާންމު ރައްޔިތުންނަށް ކޮންމެ ގޮތެއް ވިޔަސް، އެމެރިކާ އިން އެކަމާ ފަރުވާލެއް ނުބަހައްޓާ ކަމަށް އަފްގާނިސްތާނުގެ މުޖާހިދުންގެ ކުރީގެ ވެރިޔާ އަދި ކުރީގެ ބޮޑުވަޒީރު ގުލްބުއްދީން ހިކްމަތުޔާރު ވިދާޅުވެއްޖެ އެވެ.
އަފްގާނިސްތާނުގެ އާންމު ރައްޔިތުންނަށް ކޮންމެ ގޮތެއް ވިޔަސް، އެމެރިކާ އިން އެކަމާ ފަރުވާލެއް ނުބަހައްޓާ ކަމަށް އަފްގާނިސްތާނުގެ މުޖާހިދުންގެ ކުރީގެ ވެރިޔާ އަދި ކުރީގެ ބޮޑުވަޒީރު ގުލްބުއްދީން ހިކްމަތުޔާރު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަފްގާނިސްތާން ދޫކޮށް ދާން ބޭނުންވާ އެތައް ހާސް ރައްޔިތުންނެއް ކާބުލްގެ ވައިގެ ބަނދަރަށް ޖަމާވެފައިވާ އިރު، އެމެރިކާ ސިފައިން ކަންތައް ކުރަމުންދާ ގޮތުން، އެމެރިކާ ސިފައިންގެ ކުރިމަތީގައި، އަފްގާނިސްތާނުގެ އާންމު ރައްޔިތުންގެ އެއްވެސް އަގެއް ނެތް ކަން ހާމަވެ އެވެ.
ވިހި އަހަރަށް ފަހު، އޮގަސްޓް 31 ވަނަ ދުވަހު އެމެރިކާ ސިފައިން އަފްގާނިސްތާނު ދޫކޮށްފައި ފުރާއިރު، މުޅި ދިރިއުޅުން ނުރައްކަލަށް ހުށަހެޅިފައިވާ، އަފްގާނިސްތާނުގެ އެތައް ހާސް ރައްޔިތުންނެއް، ކާބުލް ވައިގެ ބަނދަރުގައި ތިބޭނެ ކަމަށް ހިކްމަތުޔާރު ވިދާޅުވި އެވެ.
"އެމެރިކާ އިން އަފްގާނިސްތާނު ރައްޔިތުންނަށް ބާރުއަޅަމުން ދިޔައީ، ގައުމުން ބޭރަށް ދާން ބޭނުންވާ ލިޔެކިޔުން ނެތަސް ވެސް، ކާބުލް ވައިގެ ބަނދަރަށް އަވަހަށް އަންނަން. އެއީ ތާލިބާނުން ބަދުނާމުކޮށް، ތާލިބާނުންނަށް ވުރެ ބޮޑަށް، އަފްގާނިސްތާނު ރައްޔިތުން ބޭނުންވަނީ އެމެރިކާ ކަން، ދުނިޔެއަށް ދައްކަން،" ދަ ނޭޝަނަލް ނިއުސް ވެބްސައިޓް އަށް ދެއްވި އިންޓަވިއުއެއްގައި ގުލްބުއްދީން ހިކްމަތުޔާރު ވިދާޅުވި އެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އެމެރިކާ ސިފައިންނާ އެކު އަފްގާނިސްތާނުން ބޭރަށް ގެންގޮސްދޭނެ ކަމަށް އެމެރިކާ ސިފައިން ބުނުމާ ގުޅިގެން، ކާބުލްގެ ވައިގެ ބަނދަރަށް ދިޔަ މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މިހާރު ވަނީ، ވިސާ އާއި އެހެނިހެން ލިޔުންތައް ނެތް ކަމަށް ބުނެ، އެމެރިކާ ސިފައިންނާ އެކު ނުގެންދަން ނިންމައިފަ އެވެ.
"ހަގީގަތަކީ، އަފްގާނިސްތާނުގެ އާންމު ރައްޔިތުންނާ މެދު އެމެރިކާ އިން އެއްވެސް ފަރުވާލެއް ނުބަހައްޓާ،" ހިކްމަތުޔާރު ވިދާޅުވި އެވެ.
އަފްގާނިސްތާނުގެ ދާހިލީ ހަނގުރާމައިގެ ދުވަސްވަރު، މުޖާހިދުންގެ ޖަމާއަތްތަކުގެ މެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން، 1996 ވަނަ އަހަރުގެ ކުރީކޮޅު އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމަށް، ހިކްމަތުޔާރު އިސްކުރެވުނެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވަނީސް، ތާލިބާނުން އަފްގާނިސްތާނު ހިފައި، ހިކްމަތުޔާރުގެ ސަރުކާރު ވައްޓައިލި އެވެ.
އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނުގައި ތިބި ދުވަސްވަރު، އަފްގާނުގައި އޮތް ސަރުކާރަށް އެންމެ ބޮޑު އެއް ގޮންޖެހުމެއްގެ ގޮތުގައި އޮތީ، ތާލިބާނުންގެ އިތުރުން، ހިކްމަތުޔާރަށް ވަފާތެރި ހަނގުރާމަވެރިންގެ ލަޝްކަރެވެ. ތާލިބާނުންނާ ގުޅިގެން، ކުރީގެ ރައީސް ހާމިދު ކަރުޒާއީގެ ވެރިކަމުގައި ވެސް އަދި އޭގެ ފަހުން އަޝްރަފް ޣަނީގެ ވެރިކަމުގައި ވެސް، އަފްގާނިސްތާނު ސަރުކާރަށް ވަރަށް ބޮޑަށް އުނދަގޫތައް ކުރިމަތި ކުރި އެވެ.
ނަމަވެސް، ސަރުކާރުގެ ފަރާތުން ހިމާޔަތް ދިނުން ޝަރުތުކޮށް، އަޝްރަފް ޣަނީގެ ސަރުކާރާ އެކު ހިކްމަތުޔާރު ވަނީ ސުލްހަ ގާއިމުކޮށްފަ އެވެ. އެއަށް ފަހު، ހިކްމަތުޔާރުވެފައި ވަނީ އަފްގާނިސްތާނުގެ ސިޔާސީ ދާއިރާގައި ނުފޫޒު ގަދަ ބޭފުޅަކަށެވެ.
ތާލިބާނުން އަފްގާނިސްތާނު ހިފުމަށް ފަހު، ސުލްހަވެރިކަމާ އެކު ވެރިކަން ބަދަލުކުރުމަށް އެކުލަވައިލި، ގައުމީ އެއްބައިވަންތަކަމުގެ މަޖިލީހުގައި ވެސް ހިކުމަތުޔާރުގެ ނުފޫޒު ވަރަށް ބޮޑެވެ. އެ މަޖިލީހުގައި ހިކްމަތުޔާރުގެ އިތުރުން ދެން ހިމެނެނީ ކުރީގެ ރައީސް ހާމިދު ކަރުޒާއީ އާއި، ކުރީގެ ޗީފް އެގްޒެކެޓިވް (ސަރުކާރުގެ ވެރިޔާ) އަބްދުﷲ އަބްދުﷲ އެވެ.
ތާލިބާނުން އެކަހެރިކޮށްގެން އުފެދޭނީ އިތުރު ހަމަނުޖެހުން: ގަތަރު
ހަތިޔާރު ބަހައްޓާނީ ޝަރުތުތަކެއްގެ މަތިން: އަހްމަދު
ކާބުލްގެ ވައިގެ ބަނދަރު ހިންގާނީ ތުރުކީ އާއި ގަތަރުން
ތާލިބާނުން، ކުރީގެ ސިފައިން މަރާތީ އެކަން ކުށްވެރިކޮށްފި
ތާލިބާނުންގެ އަސްކަރީ ދައްކާލުމެއް ބާއްވައިފި
އަފްގާނުގައި އައިއެސް ފުޅާވާތީ އެމެރިކާ ކަންބޮޑުވޭ
އަފްގާނުގެ ކުރިމަގާ ގުޅޭ މަހާސިންތާއެއް އީރާނުގައި
"ތާލިބާނުން އައުމަކީ ހަރުކަށި ފިކުރަށް ލިބުނު ބާރެއް"
ތާލިބާނުންގެ އިސް ވަފުދެއް ތުރުކީ އަށް
ފިއްތަންވީކީ ނޫން، އެހީތެރިވާންވީ: ތާލިބާނުން