Roadha Mihaaru
"ޔާމީނަށް ކުރީ ނުހައްގު ހުކުމެއް، މިނިވަންކުރަންޖެހޭ"

އެއްވެސް ޝަރުތަކާ ނުލައި ޔާމީން މިނިވަން ކުރަންޖެހޭ: ގަރާރު

29 އޯގަސްޓް 2021

ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރި ބެންޗުގެ ފަނޑިޔާރުންތަކެއްގެ އޯޑިއޯތަކެއް ލީކުވުމާ ގުޅިގެން، އެ މަނިކުފާނަށް ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، ޔާމީން އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރަން ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިރޭ ގަރާރެއް ފާސްކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރި ބެންޗުގެ ފަނޑިޔާރުންތަކެއްގެ އޯޑިއޯތަކެއް ލީކުވުމާ ގުޅިގެން، އެ މަނިކުފާނަށް ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، ޔާމީން އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރަން ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިރޭ ގަރާރެއް ފާސްކޮށްފި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވުމުން ޔާމީން ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗެއްގެ އިއްތިފާގުންނެވެ.

އެ ބެންޗުގައި ހިމެނިވަޑައިގަތީ ރިޔާސަތު ބެލެހެއްޓެވި، މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ގާޒީ ހުސައިން ފާއިޒު ރަޝާދާއި ކްރިމިނަލް ކޯޓުގެ މިހާރުގެ އިސް ގާޒީ އަހުމަދު ޝަކީލާއި ގާޒީ އަލީ އާދަމާއި މިހާރު ޑްރަގް ކޯޓުގައި ހުންނެވި ގާޒީ މުހައްމަދު ސަމީރެވެ.

އެންމެ ފުރަތަމަ މިއަދު ލީކުވީ ގާޒީ ފާއިޒު، މީހަކާ ވާހަކަ ދައްކާ ރެކޯޑިން އެކެވެ. އެ އަށް ފަހު ގާޒީ އަލީ އާދަމާއި ސަމީރުގެ އޯޑިއޯތަކެވެ. އެ އޯޑިއޯތަކުގައި އެ ބޭފުޅުން ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން ޔާމީންގެ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރާފައިވާކަން ދޭހަވާ ކަމަށް އިދިކޮޅުން ބުނެ އެވެ.

އެ ތިން ފަނޑިޔާރުންގެ އޯޑިއޯ ލީކުވުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ކައުންސިލް ބައްދަލުވުމެއް މިރޭ ބާއްވައި ވަނީ ދެ ޕާޓީގެ ލީޑާޝިޕުން ގަރާރެއް ހުށަހަޅުއްވައިފަ އެވެ.

އެ ގަރާރުގައި ވަނީ ޔާމީނަށް ކުރި ހުކުމަކީ ގަދަ ބާރުން އެ ފަނޑިޔާރުންނަށް ބިރު ދައްކައި ނުފޫޒު ފޯރުވައި، ރަހީނުކޮށްގެން އަދި އޮޅުވާލައިގެން ކޮށްފައިވާ ނުހައްގު ހުކުމެއް ކަމަށް އެ ފަނޑިޔާރުން ގަބޫލުކުރާކަން މިއަދު ހާމަވެފައިވާ ކަމަށެވެ.

އެހެންކަމުން ޔާމީނަށް ކުރީ ބާތިލު ހުކުމެއް ކަމަށް ކަނޑައަޅައި އެއްވެސް ޝަރުތަކާ ނުލައި އެ މަނިކުފާނު މިނިވަން ކުރަން އެ ގަރާރުގައި ހުށަހެޅި އެވެ.

"އެހެންކަމުން އެ ހުކުމަކީ ޣައިރު ގާނޫނީ ހުކުމެއް ކަމަށް ފަނޑިޔާރުންގެ ބެންޗުގެ އަގުލަބިއްޔަތުން ބުނަމުން ދާތީ، އެ ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ކަނޑައެޅުމާއެކު މިހާރުން މިހާރަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށް ގޮވާލައި މި ގަރާރު ހުށަހަޅަމެވެ." ޕީޕީއެމްގެ ލީޑަޝިޕުން ހުށަހެޅި ގަރާރުގައިވެ އެވެ.

މިރޭ ބޭއްވި ޕީޕީއެމް ޕީއެންސީގެ ޖޮއިންޓް ކައުންސިލު ބައްދަލުވުމުގެ ތެރެއިން ޝިޔާމް ވާހަކަ ދައްކަވަނީ --

މިރޭ ބޭއްވި ޕީޕީއެމް ޕީއެންސީގެ ޖޮއިންޓް ކައުންސިލު ބައްދަލުވުމުގެ ތެރެއިން ޝިޔާމް ވާހަކަ ދައްކަވަނީ --

ޔާމީނަށް ލިބިފައިވާ ޖިސްމާނީ އަދި ނަފުސާނީ ގެއްލުމާއި ޕާޓީގެ ލީޑަރުގެ ގޮތުގައި މަސައްކަތް ނުކުރެއްވުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން ޕީޕީއެމްގެ ކައުންސިލް މެމްބަރު މާލޭގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ނަރީޝް ގަރާރަށް އިސްލާހެއް ހުށަހެޅުއްވި އެވެ.

އެ އިސްލާހު ހިމަނައިގެން ގަރާރު ފާސްކުރީ ބައްދަލުވުމަށް ވަޑައިގެންނެވި ބޭފުޅުންގެ އިއްތިފާގުންނެވެ.

އެ ގަރާރަށް ތާއީދު ކުރައްވައި، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންގެ އިތުރުން އެ ދެ ޕާޓީގެ ކައުންސިލު މެމްބަރުން ވެސް ވާހަކަ ދެއްކެވި އެވެ. ގިނަ ބޭފުޅުން ވަނީ ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާފައިވާކަން ހާމަވެފައިވާ ކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރައްވައިފަ އެވެ.

މިރޭ ބޭއްވި ޕީޕީއެމް/ ޕީއެންސީގެ ޖޮއިންޓް ކައުންސިލު ބައްދަލުވުމުގެ ތެރެއިން --

މިރޭ ބޭއްވި ޕީޕީއެމް/ ޕީއެންސީގެ ޖޮއިންޓް ކައުންސިލު ބައްދަލުވުމުގެ ތެރެއިން --

އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގަވާ، ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވައިލެއްވީ ޔާމީނަށް އިންސާފު ހޯދުމަށް އާންމުން މަގުމައްޗަށް ނުކުތުމަށެވެ. އޭނާގެ އިތުރުން ވެސް ގިނަ މެމްބަރުންތަކެއް ވަނީ ޔާމީނަށް އިންސާފު ހޯދަން ސަޕޯޓަރުން މަގުމައްޗަށް ނުކުތުމަށް ގޮވާލައިފަ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ގޮވައިލެއްވީ ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހެއް ވަގުތުން ބާއްވައި، ޔާމީނަށް ކޮށްފައިވާ ހުކުމް ބާތިލު ކުރާށެވެ. އެހެން ނޫނީ ރައްޔިތުންގެ އިތުބާރު އެ ކޯޓަށް ނޯންނާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި މައްސަލަ ހުށަހަޅަން ޖެހޭ ހުރިހާ ފަރާތްތަކަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

ޔާމީންގެ މައްސަލަ ބަލަން ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވައިލީ އެ މައްސަލަ ކުރިން ބެއްލެވި ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑު ކުރުމުން އެ މައްސަލައާ ހަވާލުވި ގާޒީ އަލީ ރަޝީދުގެ ނަޒާހަތްތެރިކަމާ މެދު ޔާމީންގެ ފަރާތްޕުޅުން ސުވާލު އުފައްދަނިކޮށެވެ.

އޯޑިއޯތައް ލީކުވުމާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ކުރާ ތުހުމަތުތައް ވަރަށް ހާއްސަކަމެއް ދީގެން ބަލާނެ ކަމަށެވެ.