Roadha Mihaaru
"ނުފޫޒު ފޯރުވާތީ" އަލީ ޒާހިރު ވަކިކުރަން ގޮވާލައިފި

"ނުފޫޒު ފޯރުވާތީ" އަލީ ޒާހިރު ވަކިކުރަން ގޮވާލައިފި

04 ސެޕްޓެމްބަރ 2021

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަދި އަދާލަތު ޕާޓީގެ އިސް މެމްބަރު އަލީ ޒާހިރު ފަނޑިޔާރުންނަށް ގުޅައި ޝަރީއަތްތަކަށް ނުފޫޒު ފޯރުވާކަން ކަށަވަރު ވެފައިވާ ކަމަށާއި އޭނާ މިހާރުން މިހާރަށް މަގާމުން ވަކިކުރަން އިދިކޮޅު ފަރާތްތަކުން މިރޭ ގޮވާލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަދި އަދާލަތު ޕާޓީގެ އިސް މެމްބަރު އަލީ ޒާހިރު ފަނޑިޔާރުންނަށް ގުޅައި ޝަރީއަތްތަކަށް ނުފޫޒު ފޯރުވާކަން ކަށަވަރު ވެފައިވާ ކަމަށާއި އޭނާ މިހާރުން މިހާރަށް މަގާމުން ވަކިކުރަން އިދިކޮޅު ފަރާތްތަކުން މިރޭ ގޮވާލައިފި އެވެ.

ޕީޕީއެމް/ޕީއެންސީން މި ކަމަށް ގޮވައިލީ އަލީ ޒާހިރު ނުފޫޒު ފޯރުވާ ކަމަށް ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު ތުހުމަތު ކުރެއްވުމާ ގުޅިގެނެވެ.

އެކަމާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ސަރުކާރުން އިންތިހާ އަށް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާފައިވާ ކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ. އަދި އެ ކަންތައް ކުރަނީ އަލީ ޒާހިރު މެދުވެރިކޮށް ކަން ކުރީގެ ފަނޑިޔާރުން ﷲ ގަންދީ ހުވާ ކުރައްވައި ވިދާޅުވުމުން އެކަމުގެ ހަގީގަތް ވަރަށް ބޮޑަށް ސާފުވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

މީގެ އިތުރުން ބައެއް ޝަރީއަތްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާ ގޮތަަކަށް ކުރިޔަށް ގެންދިޔުމަށް އަލީ ޒާހިރު ވިދާޅުވާ ކަމަށް ވެސް ކުރީގެ ފަނޑިޔާރުންނާ ހަވާލާދީ އަދުރޭ ވިދާޅުވި އެވެ.

"ރައީސަށް ގޮވާލަން ބޭނުންވަނީ މި ރެއިން މި ރެއަށް ފުރަތަމަ ކަމަކަށް އަލީ ޒާހިރު މަގާމުން ދުރު ކުރައްވާ. އެ ވަރުގެ މީހަކު ހެޔޮ ނުވާނެ ދައުލަތުގެ އިސް މާގަމެއްގައި ބަހައްޓާކަށް،" ރައީސްގެ ފަރާތްޕުޅުން ދައުލަތުގެ އެކި ފަރާތްތަކަށް އެކި އެންގުންތައް އަންގަވާ އަލީ ޒާހިރާ ގުޅޭ ގޮތުން އަދުރޭ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމްކުރި ތިން ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާމެ ދު ސުވާލު އުފެދޭ ފަދަ އޯޑިއޯތަކެއް ލީކުވެފައިވާ އިރު، އަދުރޭ ވިދާޅުވީ އެ މައްސަލާގައި އެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް، އެ މައްސަލަ ވެސް ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ބުނަމުން މި ގެންދަނީ ޔާމީންގެ މައްޗަށް ކޮށްފައި ވަނީ ބާތިލު ހުކުމެކޭ އަދި އެއީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކުރާ ކަމެކޭ، މިއަދު އެ ހަގީގަތްތައް މި ފާޅު ވަނީ،" ޕީޕީއެމް/ޕީއެންސީ ވަގުތީ ގޮތުން ހިންގަވާ ލީޑަރު އަދުރޭ ވިދާޅުވި އެވެ.

ލީކުކޮށްލާފައި ވަނީ ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުންގެ އޯޑިއޯއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް އެ ފަނޑިޔާރުން ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ. އަދި ފުލުހުން ވެސް ވަނީ އެ ފަނޑިޔާރުންގެ އޯޑިއޯ ސާމްޕަލް ނަގައި އެ މައްސަލައިގެ ތަހުގީގެއް ފަށައިފަ އެވެ.

އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގައި އިހުތިޖާޖު ކުރުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލު ކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގަތެވެ. ނަމަވެސް އެ ތަނުން ބައްދަލު ކުރެވުނީ އަލީ ޒާހިރާ އެވެ.