Roadha Mihaaru
މަރުގެ ދައުވަތެއް: މަސްފެންގަނޑުތަކަށް ސަމާލުވޭ!

މަރުގެ ދައުވަތެއް: މަސްފެންގަނޑުތަކަށް ސަމާލުވޭ!

31 އޯގަސްޓް 2021

އަނެއްކާ ވެސް މަސްފެންގަނޑަށް ތުއްތު ކުއްޖަކު ވެއްޓުނު ހާދިސާއެކެވެ. މިފަހަރު އަދި މާ ހިތާމަވެރި މަރެކެވެ. މިދިޔަ ހޮނިހިރު ދުވަހު އދ. އޮމަދޫގައި މަސްފެންގަނޑަކަށް ވެއްޓި މަރުވީ އެންމެ 11 މަހުގެ ތުއްތު ކުއްޖެކެވެ. އެ ކުއްޖާ ނިންދަވަން ބާއްވައިގެން އޮއްވައި، އޭނާގެ މަންމަ އަށް ނިދި ޖެހުނު ވަގުތު ކުއްޖާ އަމިއްލަ އަށް ތެދުވެ، ބޭރަށް ނިކުމެ އުޅެނިކޮށް މަސްފެންގަނޑަށް ވެއްޓުނީ އެވެ. އެ ކުއްޖާ ވެއްޓުނު ސީދާ ގަޑިއެއް ނޭނގޭއިރު، ފެނުނީ އޭނާ ނުފެނިގެން ހޯދަނިކޮށް މަސްފެންގަނޑު ތެރޭގައި މަރުވެފައި އޮއްވަ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަނެއްކާ ވެސް މަސްފެންގަނޑަށް ތުއްތު ކުއްޖަކު ވެއްޓުނު ހާދިސާއެކެވެ. މިފަހަރު އަދި މާ ހިތާމަވެރި މަރެކެވެ. މިދިޔަ ހޮނިހިރު ދުވަހު އދ. އޮމަދޫގައި މަސްފެންގަނޑަކަށް ވެއްޓި މަރުވީ އެންމެ 11 މަހުގެ ތުއްތު ކުއްޖެކެވެ. އެ ކުއްޖާ ނިންދަވަން ބާއްވައިގެން އޮއްވައި، އޭނާގެ މަންމަ އަށް ނިދި ޖެހުނު ވަގުތު ކުއްޖާ އަމިއްލަ އަށް ތެދުވެ، ބޭރަށް ނިކުމެ އުޅެނިކޮށް މަސްފެންގަނޑަށް ވެއްޓުނީ އެވެ. އެ ކުއްޖާ ވެއްޓުނު ސީދާ ގަޑިއެއް ނޭނގޭއިރު، ފެނުނީ އޭނާ ނުފެނިގެން ހޯދަނިކޮށް މަސްފެންގަނޑު ތެރޭގައި މަރުވެފައި އޮއްވަ އެވެ.

ގޭގޭގައި މީހުން ހިތްހަމަޖައްސާލަން ހަދައިފައި ހުންނަ މި ކަހަލަ މަސްފެންގަނޑުތަކުން، މުޅި އުމުރަށް ބޮޑެތި ހިތާމަކުރަން ޖެހޭ ވަރުގެ ވަރަށް ގިނަ ހާދިސާތައް މީގެ ކުރިން ވެސް ވަނީ ހިނގައިފަ އެވެ.

މި އަހަރުގެ ކުރީކޮޅު، މާޗު މަހު ރ. އުނގޫފާރުގައި ވެސް އެއް އަހަރުގެ ކުއްޖަކު މަސްފެންގަނޑަކަށް ވެއްޓި ލިބުނު އަނިޔާތަކަށް އައިސީޔޫގައި ފަރުވާންދޭން ޖެހުނެވެ. މިފަހުން، މިކަހަލަ ހާދިސާތައް އެންމެ ގިނައިން ހިނގާފައި ވަނީ ލ. ގަމުގަ އެވެ. މިދިޔަ އަހަރު އެ ރަށުގައި ދޮޅު އަހަރުގެ ކުއްޖަކު މަސްފެންގަނޑަކަށް ވެއްޓި، ވަރަށް ބޮޑަށް އަނިޔާވެގެން މާލެ ގެނެސް، އައިޖީއެމްއެޗުގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާދިނެވެ.

ލ. ގަމުގައި ގެއެއްގައި ހަދައިފައި ހުރި މަސްފެންގަނޑެއް.-- ފޮޓޯ: އިސްމާއިލް ފަޒާލް

ލ. ގަމުގައި ގެއެއްގައި ހަދައިފައި ހުރި މަސްފެންގަނޑެއް.-- ފޮޓޯ: އިސްމާއިލް ފަޒާލް

އެ ފަހަރު ކުއްޖާ ވެއްޓުނީ ބޭނުންކުރާ މަސްފެންގަނޑަކަށް ވެސް ނޫނެެވެ. އެއީ ބޭނުންނުކޮށް، ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް، ވާރޭ ވެހި އެއަށް ފެން އެޅި ފުރިފައި އޮތް ފެންގަނޑެކެވެ.

އޭގެ ކުރީ އަހަރު، 2019 ގައި ވެސް ގަމުގައި ދެ އަހަރުގެ ކުއްޖަކު މަސްފެންގަނޑަކަށް ވެއްޓި ވަރަށް ހާލު ދެރަވި އެވެ. އެ ކުއްޖާ މާލެ ގެނެސް ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ އަށް އިންޑިއާ އަށް ވެސް ގެންދިޔަ އެވެ. ކޮޗިންގެ އަމްރިތާ ހޮސްޕިޓަލްގައި ގާތްގަނޑަކަށް ހަތަރު މަސް ދުވަހު ބޭއްވުމަށް ފަހު ކުއްޖާގެ ހާލު ރަނގަޅުވާން ފެށުމުން ގެއަށް ދޫކޮށްލީ މިދިޔަ އަހަރު ކުރީކޮޅެވެ.

މަސްފެންގަނޑުތައް ހަދަނީ ރައްކާތެރި ކަމަށް ނުބަލާ!

ގޭގޭގެ ގޯތިތެރޭގައި މަސްފެންގަނޑު ހަދަން މީހުން ފެށީ، ދިރޭ އެއްޗެހި އޮޅުކޮށްގެން ގޭގައި ގެންގުޅުމުގެ ޝައުގުވެރިކަން ފެށުނު ހިސާބުން ކަމަށް ބެލެވެ އެވެ. ސިމެންތި ޖަހައިގެން ހަދައިފައި ހުންނަ މި ފެންގަނޑުތައް އާންމުކޮށް ހުންނަނީ ވަރަށް ތިރިކޮށެވެ. ގިނައީ އެއްކޮށް ތިރިކޮށް ހުންނަ ފެންގަނޑުތަކެވެ.

ލ. ގަމު ކައުންސިލުގެ ރައީސް އަހްމަދު ޒަކީ ވިދާޅުވި ގޮތުގައި މިއީ އެންމެ ބޮޑު އެއް މައްސަލަ އެވެ. މަސްފެންގަނޑުތައް މިހާ ތިރިކޮށް ހަދައިފައި ހުރުމާއި ރައްކާތެރިކަމުގެ އިތުރު އެއްވެސް ފިޔަވަޅެއް އެޅިފައި ނެތުމުން، ނަތީޖާއެއްގެ ގޮތުން މިކަހަލަ ހިތާމަވެރި ހާދިސާތައް ހިނގަން މެދުވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަދަ ހާދިސާތައް އިތުރުވާތީ މިހާރު ބައެއް ގޭގައި ވަރަށް އުސްކޮށް މަސްފެންގަނޑުތައް ހަދައި، ވަށައިގެން ފެންސު ޖަހައިގެން ވަރަށް ރައްކާތެރިކަމާ އެކު ހުންނަ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އަދި ބައެއް ގޭގައި ބޭނުންނުކޮށް ހުންނަ މަސްފެންގަނޑުތައް ނަގަން ވެސް ނަގައިފި އެވެ.

ލ.ގަމުގައި ގެއެއްގައި ހަދައިފައި ހުރި މަސްފެންގަނޑެއް.-- ފޮޓޯ: އަހްމަދު ސާމިހު

ލ.ގަމުގައި ގެއެއްގައި ހަދައިފައި ހުރި މަސްފެންގަނޑެއް.-- ފޮޓޯ: އަހްމަދު ސާމިހު

"ސެލްފް ސެކިއުރިޓީއަކީ ވަރަށް ބޮޑަށް ބަލަންޖެހޭ ކަންކަން. އެކަން ކަމަށް ނުބެލޭތީ މިކަހަލަ ހިތާމަވެރި ހާދިސާތައް މި ހިނގަނީ،" ޒަކީ ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ހުރިހާ މައްސަލައެއް ވެސް ފެށެނީ ވެސް އެހާ ހިސާބުންނެވެ. މަސްފެންގަނޑު ހަދާއިރު ވެސް، ކުއްޖަކަށް ނުވަތަ މީހަކަށް ލިބިދާނެ ގެއްލުމަކަށް ނުބަލައި، ރައްކާތެރިކަމުގެ ގޮތުން އެއްވެސް ކަމެއް ކުރެވިފައެއް ނުހުރެ އެވެ. ތުއްތު ކުއްޖެއްގެ ރައްކާތެރިކަމަށްޓަކައި، މަސްފެންގަނޑު ތަންކޮޅެއް އުސްކޮށް ރާނާލަން ވެސް ވިސްނާލެވެނީ، މިފަދަ ހާދިސާއެއް ހިނގާފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ބައެއް ގޭގައި ތަންކޮޅެއް އުސްކޮށް މަސްފެންގަނޑުތައް ހަދައިފައި ހުރެ އެވެ. އަދި މަތިޖަހާފައި ވެސް ބަހައްޓަ އެވެ.

"އާންމު ސިއްހަތާއި އަދި މަސްފެންގަނޑުހެން ގޭގެ ގޯތިތެރޭގައި މި ގޮތަށް ހަދައިފައި ހުންނަ މަސްފެންގަނޑުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރަން ގިނަގިނައިން އާންމުން ހޭލުންތެރިކުރުވަން އެބަޖެހޭ،" އޭނާ ވިދާޅުވި އެވެ.

ލ.ގަމުގައި ގެއެއްގައި ހަދައިފައި ހުރި މަސްފެންގަނޑެއް.-- ފޮޓޯ: އިސްމާއިލް ފަޒާލް

ލ.ގަމުގައި ގެއެއްގައި ހަދައިފައި ހުރި މަސްފެންގަނޑެއް.-- ފޮޓޯ: އިސްމާއިލް ފަޒާލް

ހައްލަކީ ގަވާއިދެއް ހެދުން؟

މި ކަހަލަ ކޮންމެ ހާދިސާއަކަށް ފަހު ވެސް، ސޯޝަލް މީޑިއާ އަށް ތިލަވާ އެއް ވާހަކައަކީ މަސްފެންގަނޑަށް ވެއްޓި ކުދިންނަށް އަނިޔާވުން ހުއްޓުވެން އޮތީ މިކަމަށް ހާއްސަ ގަވާއިދެއް ހެދިގެން އޭގެ ތެރެއިން ކަމަށެވެ. ޓުވިޓާގައި މި ހިޔާލު ފާޅުކުރައްވާ، އޭގެ ވާހަކަ އެންމެ ރަނގަޅަށް ދައްކަވާ އެއް ބޭފުޅަކީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، އަހްމަދު ފައިސަލް އެވެ.

"ކުޑަކުދިންގެ ރައްކާތެރި ކަމަށް މަސްފެންގަނޑާ ބެހޭ ގަވާއިދެއް ހަދާ އެ ކަމަށް އަމަލުކުރުން އަވަސްކުރަމާ،" އޮމަދޫގައި ހިނގި ހާދިސާ އަށް ފަހު ފައިސަލް ކުރެއްވި ޓުވީޓެއްގައިވެ އެވެ.

މީގެ ވަރަށް ކުރިން، 80 ގެ އަހަރުތަކުގައި ކުޑަކުދިންނާއި މީހުން ގޭގެ ހުންނަ ފެން ވަޅުތަކަށް ވެއްޓި އަނިޔާވުމުގެ ހާދިސާތައް އިތުރުވާތީ، ވަޅުތައް އުސްކުރަން ސަރުކާރުން އެންގި އެވެ. ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ބައެއް މީހުން އެދިފައި ވަނީ ސަރުކާރާއި ރަށްރަށުގެ ކައުންސިލްތައް ގުޅިގެން މިފަދަ ގަވާއިދެއް ހަދައި ވީހާ ވެސް އަވަހަކަށް އެކަން ތަންފީޒު ކުރުމަށެވެ.

ގަވާއިދެއް އަދި ނެތް ނަމަވެސް، ކުރިމަގުގައި މިފަދަ ހިތާމަވެރި ހާދިސާތައް ހިނގިޔަ ނުދިނުމަށް މިވަގުތު ވެސް ކުރެވިދާނެ ބައެއް ކަންކަން ފައިސަލް ހިއްސާކުރެއްވި އެވެ. އޭނާގެ އަމިއްލަ ބުލޮގުގައި އިއްޔެ ޝާއިއުކުރެއްވި ލިޔުމެއްގައި ވިދާޅުވެފައިވާ ގޮތުގައި އެންމެ މުހިންމު ދެ ކަމަކީ ކުދިން ނުގެނބޭ ގޮތަށް މަސްފެންގަނޑުތައް އަލުން ފަރުމާކުރުމާއި ސީޕީއާރު ދޭން ދަސްކުރުމެވެ.

"މިއީ ރާއްޖޭގައި އެކަނި ވާ ކަމެއް ނޫން، މުޅި ދުނިޔޭގައި ވެސް، ހިނގަންފަށާ އުމުރާއި 4 އަހަރާ ދެމެދުގެ ކުޑަކުދިން އެންމެ ގިނައިން އެކްސިޑެންޓެއްގެ ގޮތުގައި ނިޔާވާ އެއް ސަބަބަކީ މި ކަހަލަ ފެންގަނޑުތަކަށް ވެއްޓި ނޭވާ ނުލެވުން،" ފައިސަލް ލިޔުއްވާފައިވެ އެވެ.

އޭނާ ވިދާޅުވީ ހިނގަން ފަށާ އުމުރުގެ ކުދިންނަށް މިފަދަ ހާދިސާތައް ގިނައިން ދިމާވަނީ، ކައްސާލައިގެން ކަހަލަ ގޮތަކަށް މަސްފެންގަނޑަށް ވެއްޓި ދެން އެ ކުދިންނަށް ތެދުވަން ނޭނގުމުންނެވެ. އަދި ބައެއް ފަހަރު ފެހި ޖަހާފައި ހުރުމުން، އެ ކުދިން ހާސްވާ ގޮތް ވެސް ދިމާވާ ކަމަށް އޭނާގެ ލިޔުއްވުމުގައި ވެ އެވެ.

އެންމެ މޮޅު ގޮތަކީ ކުދިން ރަނގަޅަށް ބެލެހެއްޓުން ކަމުގައި ވިޔަސް، ބައެއް ފަހަރު ލޯމަތިން ކުދިން ކުއްލިއަކަށް ގެއްލޭ ވަގުތުތަކުގައި މި ކަހަލަ ކަމެއް ދިމާވެދާނެތީ، ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަސްފެންގަނޑު ހަދާއިރު ވިސްނާލަންވީ ކަންތައްތަކެއް ފައިސަލް ލިސްޓުކުރައްވާފައި ވެސް ވެ އެވެ.

ވަށައިގެން ފެންސު ޖެހުމާއި އޭގެ މަތީގައި ނެޓެއް ދެމުމާއި މަސްފެންގަނޑާ މާ ބޮޑަށް ކައިިރި ނުވެވޭ ގޮތަށް ވަށާފާރު ރޭނުމާއި ކުދިންނަށް ނޭރެވޭ ގޮތަށް އުސްކޮށް މަސްފެންގަނޑު ރޭނުމާއި ގޭގައި ގިނަ ވަގުތު މީހުން އުޅޭ ތަނެއް ނުވަތަ ފަސޭހައިން ފެންނަ ހިސާބެއްގައި މަސްފެންގަނޑު ހެދުމާއި އަދި ރެއާއި ދުވާލު އަލިވާތަނެއްގައި މަސްފެންގަނޑު ބެހެއްޓުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

ލ.ގަމުގައި ގެއެއްގައި ހަދައިފައި ހުރި މަސްފެންގަނޑެއް.-- ފޮޓޯ: އިސްމާއިލް ފަޒާލް

ލ.ގަމުގައި ގެއެއްގައި ހަދައިފައި ހުރި މަސްފެންގަނޑެއް.-- ފޮޓޯ: އިސްމާއިލް ފަޒާލް

"މީގެ ކުރިން އަޅުގަނޑުމެންނާ ހިސާބަށް ގެނެސްފައި އެބަހުރި އެތަނުން ނަގައިގެން ފުރާނަ ސަލާމަތްކޮށްގެން އައި ކުދިން ވެސް. މީގައި ވަރަށް މުހިންމު ސާފު ފެނަކަށް ވާން. ހާއްސަކޮށް ފަންގަސް ފަދަ އެއްޗެހި ނުއަޅާ ފެނަކަށް ވާން. މިހެން ދަންނަވާއިރު ވެސް އެނގޭ މަސްފެންގަނޑަކީ މާ ސާފު ފެނަކަށް ނުވާނެކަން، އެކަމަކުވީ އެންމެ ސާފެއް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ދިރާސާތަކާ ހަވާލާދެއްވާ ފައިސަލް ވިދާޅުވެފައި ވަނީ ގެނބިގެން ނޭވާނުލެވި، ހަރަކާތް ހުއްޓިފައި އޮންނަ ކުއްޖެއްގެ ފުރާނަ ސަލާމަތްކުރުމަށް އެންމެ އެދެވޭ ގޮތަކީ ވެއްޓިފައި އޮންނަ ތަނުން ކުއްޖާ ނަގައިގެން ވަގުތުން ސީޕީއާރު ދިނުން ކަމަށެވެ.

މުޅި އުމުރަށް ބޮޑު ހިތާމާއެއް ކުރަން ނުޖެހޭނީ، މިއަދު ރައްކާވެ ތިބެގެންނެވެ. ޑޮކްޓަރުންނާއި ތަރުޖިބާކާރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަވަހަށް ފިޔަވަޅު އަޅައިގެންނެވެ.