Roadha Mihaaru
ނ. އަތޮޅުގެ ރަށްތައް ވިއްކި ގޮތް ބަލަނީ

ނ. އަތޮޅުގެ ރަށްތައް ވިއްކި ގޮތް ހޯދަން އަތޮޅު ކައުންސިލުން އިންތިގާލީ އިންސާފުގެ އޮފީހަށް

30 އޯގަސްޓް 2021

ނ. އަތޮޅުގެ ރަށްތައް ބޮޑެތި ވިޔަފާރިތަކަށް ދޫކޮށްފައިވާ ގޮތާއި އޭގެއިން ދައުލަތަށް ލިބޭ މަންފާ އެ އަތޮޅުގެ ރައްޔިތުންނަށް ނޭނގޭތީ އިގްތިސާދީ އިންސާފު ހޯދަން އެ އަތޮޅު ކައުންސިލުން އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހަޅަން ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ނ. އަތޮޅުގެ ރަށްތައް ބޮޑެތި ވިޔަފާރިތަކަށް ދޫކޮށްފައިވާ ގޮތާއި އޭގެއިން ދައުލަތަށް ލިބޭ މަންފާ އެ އަތޮޅުގެ ރައްޔިތުންނަށް ނޭނގޭތީ އިގްތިސާދީ އިންސާފު ހޯދަން އެ އަތޮޅު ކައުންސިލުން އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހަޅަން ނިންމައިފި އެވެ.

މި ގޮތަށް ނިންމައި އެ ކައުންސިލުން ފާސް ކުރީ، ނ. އަތޮޅުގެ ބިންބިމާއި، ފަޅުތަކާއި ފަރުތައް އަދި ގުދުރަތީ ވަސީލަތްތައް ބޭނުންކުރަމުން އަންނަ ގޮތާއި މެދު ރައްޔިތުންގެ ހުރި ޝަކުވާތައް ހައްލު ކުރުމަށް އެކުލަވާލި ޕްލޭނުގައި ހިމަނައިގެންނެވެ.

އެ ޕްލޭނުގައި ވަނީ ފަޅު ރަށްރަށާއި ކަނޑުފަޅު ދިގުމުއްދަތަށް ދޫކޮށްފައިވަނީ ރައްޔިތުންނަށް އެނގުމެއް ނެތި ކަމާއި، ކޮން ފަރާތްތަކަށް ކަމާއި އަދި އެއްވެސް މައުލޫމާތެއް ދިނުމެއް ނެތި ކަމާއި އެ ވަސީލަތްތަކުން ދައުލަތަށް ލިބޭ އާމްދަނީވެސް އަދިވެސް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅަން ފާސްކުރި އެ ޕްލޭނުގައި ހިމެނެ އެވެ.

އެ ނިންމުން އިތުރަށް ސާފު ކޮށްދެއްވަމުން ނ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ބަޝީރު "މިހާރު"އަށް ވިދާޅުވީ މައްސަލަ ހުށަހަޅުއްވާނީ މާޒީގައި ރަށްރަށާއި ފަޅުތައް ދޫކޮށްފައި ހުރި ގޮތުގެ މައުލުމާތާއި އާންމުދަނީގެ މައުލޫމާތު ހޯދައި އާންމު ކުރަން ކަމަށެވެ. އިގްތިސާދީ ވަސީލަތްތައް ބެހިގެންދާއިރު ރައްޔިތުންނަށް މަންފާ ނުލިބޭ ގޮތަށް، އަދި ރައްޔިތުންނަށް ނޭނގި އެކަން ކޮށްފައި ހުންނަ ކަމަށް ބަޝީރު ވިދާޅުވި އެވެ.

އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާ މައްސަލައިން ގާނޫނާ ހިލާފަށް އެއްވެސް ވަސީލަތެއް ދޫކޮށްފައިވާކަން ފާހަގަކުރެއްވިއްޖެ ނަމަ އެ މައްސަލައެއްގައި ބަދަލު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ބަޝީރު ވިދާޅުވި އެވެ.

"ދެން ގާނޫނާއި ގަވައިދާ ހިލާފަށް ކަމެއް ކޮށްފައި އޮތިއްޔާ ބަދަލު ހޯދުމުގެ މަރުހަލާ އަށް އަޅުގަނޑުމެންނަށް ދެވޭނެ. ފުރަތަމަ މި މައުލޫމާތު އެނގުމާއި ފެނުމާއި ހާމަވާން ބޭނުންވަނީ،" ބަޝީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިންތިގާލީ އިންސާފުގެ އޮފީހަށް މި މައްސަލަ ހުށަހަޅަން ދަނީ މަސައްކަތް ކުރަމުންނެވެ.

ނ. އަތޮޅު ކައުންސިލުން ފާސްކުރި ޕްލޭނުގައި ވަނީ އެ އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ވެސް ހިމަނައިފަ އެވެ. އޭގައިވާ ގޮތުން ރަށްރަށް މަދު ބަޔަކަށް އެކަނި މަންފާވާ ގޮތަށް ދޫކުރުމުގެ ސަބަބު މުއްސަނދިންނާއި ފަގީރުންނާ ދެމެދު އޮންނަ ފަރަގު ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ކަމަށް ރައްޔިތުންގެ ދެކެ އެވެ. އަދި އެ ރަށްރަށުން ލިބޭ މަންފާއިން ރައްޔިތުން މަހުރޫމު ކުރެވިފައިވާ ކަމަށް ވެސް ދެކެ އެވެ.

ބަޝީރު ވިދާޅުވި ގޮތުގައި ނ. އަތޮޅުގެ ބިމުގެ ސައިޒަކީ 1،700 ހެކްޓަރެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައަކީ މީހުން ދިރިއުޅޭ ބިމެވެ.

އަތޮޅުގެ ބިމުގެ ތެރެއިން ބޮޑު ބައެއް ވަނީ ރިޒޯޓުތައް ހިންގުމަށާއި އިންޑަސްޓްރިއަލް މަސައްކަތަށް ދޫކޮށްފަ އެވެ. ރިޒޯޓު ހަދަން ދޫކޮށް އެއްވެސް މަސައްކަތެއް ނުކުރާ 12 ރަށެއް ދޫކޮށްފައި އެބަ އޮތެވެ. މިހާރު އޮޕަރޭޓު ކުރަނީ ހަތް ރިސޯޓެވެ. އަދި އިންޑަސްޓްރިއަލް މަސައްކަތަށް ހަ ރަށް ކަނޑައަޅާފައި އޮވެ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު ފާސްކުރީ ރާއްޖޭގައި އެންމެ ފަހުން އޮތް ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަގުސަދުގަ އެވެ. އެ އޮފީހަށް ހުށަހަޅާ ހުރިހާ މައްސަލަތައް ދެ އަހަރުގެ ތެރޭގައި ބަލައި ނިންމައި، އިންސާފު ހޯދައިދޭންޖެހެ އެވެ.

މީހަކަށް ނުވަތަ ބަޔަކަށް ލިބިފައިވާ އަނިޔާތަކަށް ގާނޫނީ އިމުގެ ތެރެއިން އިންސާފު ހޯދައިދިނުމާއި އަނިޔާގެ ބަދަލު ހޯދައިދިނުމާއި ހައްގުތަކެއް ގެއްލިފައިވާ ނަމަ އެ ހައްގުތައް އަލުން ކަށަވަރުކޮށްދިނުމާއި އެފަަދަ ކަމެއްގައި ޝާމިލުވާ ދައުލަތުގެ މުއައްސަސާތަކެއްވާ ނަމަ، އެ ތަންތަނުގައި ހުރި ކަންކަން އިސްލާހުކުރުމަށް އެ އޮފީހުން މަސައްކަތް ކުރަން ޖެހޭނެ އެވެ.

އެ އޮފީހަށް މައްސަލަ ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 13 އެވެ. އެ އޮފީހަށް މައްސަލަ ހުށަހަޅަން ފުރުސަތު ހުޅުވައިލީ މިދިޔަ ޖޫން މަހުގެ 13 ގަ އެވެ.