Roadha Mihaaru
އިންތިގާލީ އިންސާފުގެ 19 މައްސަލައެއް ތަހުގީގުކުރަނީ

އިންތިގާލީ އިންސާފުގެ އޮފީހުން 19 މައްސަލައެއް ތަހުގީގުކުރަން ނިންމައިފި

04 އޯގަސްޓް 2021

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 19 މައްސަލައެއް ތަހުގީގުކުރަން ނިންމާފައިވާ ކަމަށް އެ އޮފީހުން ރޭ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 19 މައްސަލައެއް ތަހުގީގުކުރަން ނިންމާފައިވާ ކަމަށް އެ އޮފީހުން ރޭ ބުނެފި އެވެ.

އެ އޮފީހަށް މައްސަލަ ހުށަހަޅަން ޖެހޭ މުއްދަތު މި މަހު 13 ގެ ނިޔަލަށް ހަމަވާއިރު، މިހާތަނަށް ޖުމްލަ 84 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.

އޮމްބަޑްސްޕާސަން އޮފީހުގެ އެންމެ ފަހުގެ މަސައްކަތްތަކުގެ ތަފުސީލު ދެއްވަމުން، ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގުރާމްގައި އެ އޮފީހުގެ ޑިރެކްޓާ ޖެނަރަލް އަހްމަދު ޔާމީން ވިދާޅުވީ މި 19 މައްސަލައިގެ އިތުރުން، އެ އޮފީހަށް ހުށަހަޅާފައިވާ އެހެން މައްސަލަތަކުގެ ތަހުގީގު ފަށަން ބޭނުންވާ ކަންކަން ވެސް ކުރައްވަމުން އަންނަ ކަމަށެވެ.

"ވަރަށް ބާރަށް މި އޮފީހުގެ މަސައްކަތްތައް ކުރިއަށް އެބަދޭ. ވީހާ ވެސް އަވަހަށް މައްސަލަތައް ނިންމުމަށްޓަކައި ބޭނުންވާ ޑޮކިއުމެންޓްސް ހޯދުމާ އަދި އިދާރާތަކުން ބޭނުންވާ އެހީތެރިކަން ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ،" ޔާމީން ވިދާޅުވި އެވެ.

އެ އޮފީހަށް ހުށަހަޅާފައިވާ 84 މައްސަލައިގެ ތެރޭގައި ހިމެނޭ 27 މައްސަލައަކީ ބަދަލު ހޯދަން ހުށަހަޅާފައިވާ މައްސަލަތަކެވެ. އެންމެ ގިނައީ މަދަނީ މައްސަލަތަކެވެ. މަދަނީ މައްސަލަތަކުގެ އަދަދު 78 ގައި އުޅޭއިރު، ބާކީ ހުރީ ޖިނާއީ މައްސަލަތަކެވެ. މީގެ ތެރެއިން 39 މައްސަލަ އެ އޮފީހުގައި މިހާތަނަށް ރަޖިސްޓްރީކޮށްފައި ވެ އެވެ.

ޔާމީން ވިދާޅުވީ މިހާރު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ގިނައީ ރަށްރަށުން ފޮނުވާފައި ހުރި މައްސަލަތައް ކަމަށެވެ. އެ މައްސަލަތަކުގެ ބާވަތުން ހޯދަން ޖެހޭ ހެއްކާއި ބަޔާން ނެގުމުގެ ކަންކަން ކުރުމަށް ރަށްރަށަށް ދާން ޖެހިއްޖެ ނަމަ، އެ އޮފީހުގެ ޓީމަކުން އެކަން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިން މައްސަލަ ހުށައަޅައިފި ނަމަ، އެ މައްސަލައިގެ ބާވަތުން އެ ގައުމަކަށް ގޮސް މައްސަލަ އަށް ބޭނުންވާ ލިޔެކިޔުންތަކާއި ހެކިތައް ހޯދަން ޖެހިގެން ނަމަ އެކަން ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އޮފީހުން މިދިޔަ މަހު ބުނެފައިވާ ގޮތުގައި އެންމެ ގިނައިން ހުށަހަޅާފައި ވަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކެވެ. އެއީ ހުށަހެޅި މައްސަލަތަކުގެ 54 ޕަސެންޓެވެ. އަދި ދެ ވަނަ އަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަސައްކަތްކުރުމުގެ ހައްގަށް އަރައިގެންފައިވާ މައްސަލަތައް ކަމަށާއި އެއީ 20 ޕަސެންޓް ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން، މުދާ ހޯދުމާއި ލިބިގަތުމުގެ ހައްގާއި އުނގެނުމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި ޕެންޝަން ލިބުމުގެ ހައްގާއި ގާނޫނާ ހިލާށް ހައްޔަރުކުރުމުގެ މައްސަލަތައް ވެސް ހިމެނެ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު ފާސްކުރީ ރާއްޖޭގައި އެންމެ ފަހުން އޮތް ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަގުސަދުގަ އެވެ. އެ އޮފީހަށް ހުށަހަޅާ ހުރިހާ މައްސަލައެއް ދެ އަހަރުގެ ތެރޭގައި ބަލައި ނިންމައި، އިންސާފު ހޯދައިދޭން ޖެހެ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު މަޖިލީހަށް ފުރަތަމަ ހުށަހެޅިއިރު އޮތީ 2012 އިން 2018 ގެ ނިޔަލަށް، ގާނޫނާ ހިލާފަށް މީހުންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާތައް ބަލައި، އިންސާފު ހޯދައިދިނުމެވެ. އެކަމަކު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން ނޮވެމްބަރު 29، 2020 ގައި ގާނޫނު ފާސްކުރީ އެއަށް ވުރެ މާ ފުޅާކޮށް، 65 އަހަރުގެ މުއްދަތެއް ހިމަނައިގެންނެވެ.