Roadha Mihaaru
ބޮމުގެ ހަމަލާ: އިސްހާގާއި ފަހުމީގެ ބަންދަށް 14ދުވަސް

ނަޝީދަށް ދިން ހަމަލާ: އިސްހާގާއި ފަހުމީގެ ބަންދަށް އިތުރު 14 ދުވަސް

01 ސެޕްޓެމްބަރ 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ފަހުމީ އަލީ އާއި އިސްހާގުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ފަހުމީ އަލީ އާއި އިސްހާގުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

މ. އުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 14 ދުވަސް ޖަހައިފަ އެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ އިސްހާގު (ފުރިހަމަ ނަމެއް ނޭނގެ) އަކީ ހަމަލާ ރާވައި ހިންގުމުގައި އިސް ދައުރެއް އަދާކުރި އެކަކު ކަމަށެވެ. އަދި ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވައިލި އަދުހަމް އަހުމަދު ރަޝީދު ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކީ ވެސް އިސްހާގު ކަމަށް ފުލުހުން ބުނެފައިވެ އެވެ. ހަމަލާގެ އެންމެ އިސް ތިން މީހުންގެ ތެރޭގައި އިސްހާގު ހިމެނޭއިރު ފަހުމީ އަކީ ވެސް ހަމަލާގައި އެކި ދައުރު އަދާކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އިސްހާގާއި ފަހުމީ ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ފަހުކޮޅު ދެ މީހުންގެ ބަންދަށް ވެސް ވަނީ އިތުރު 30 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފަ އެވެ. އެ ދެ މީހުން ވެސް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދިނީ ކުރިން ދިން ބަންދުގެ މުއްދަތު ހަމަވާތީ އެވެ. އެ މީހުންގެ ބަންދަށް އިތުރު 14 ދުވަސް ޖަހާފައިވަނީ މި މުއްދަތު ހަމަވުމުން އިއްޔެ ކޯޓަށް ގެންދިއުމުންނެވެ.

މި އަހަރު މެއި މަހު ހަވަނަ ދުވަހު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ވަނީ ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްޗަށެވެ.

މި މައްސަލައިގެ ތުހުމަތުގައި އަދިވެސް ހައްޔަރުކޮށްގެން ތަހުގީގު ކުރިއަށް ގެންދަނީ ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމާއި އިސްހާގާއި ފަހުމީ އާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމްގެ އިތުރުން ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކުގެ އެވެ.

އިސްހާގުގެ އިތުރުން، ހަމަލާ ދިނުމުގައި އިސްކޮށް އުޅުނީ ހައިޝަމާއި ތަސްލީމް ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނި ގޮތުގައި ހައިޝަމަކީ ސައިކަލުގައި ބޮން ހަރުކުރި މީހާ އެވެ. އަދި ތަސްލީމަކީ، ނަޝީދު އަވަހާރަ ކޮށްލަން އިރުޝާދުދީ އެއީ ކުރަންޖެހޭ ކަމަށް ވިސްނައިދިން، ހަމަލާގެ އެންމެ އިސް މީހާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.