Roadha Mihaaru
ހުޅުމާލޭގައި އާ ސްކޫލެއް އަޅައި މިސްކިތަކާ ގުޅުވާލަނީ

ހުޅުމާލޭގެ ފޭސް 1 ގެ ވަގުތީ މިސްކިތް ކައިރީ ސްކޫލެއް އަޅައި މިސްކިތާ ގުޅުވާލަނީ

22 ޖެނުއަރީ 2024

ހުޅުމާލެ ފޭސް އެކެއްގައި ސްކޫލެއް ތަރައްގީކުރަން އެޗްޑީސީން އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލެ ފޭސް އެކެއްގައި ސްކޫލެއް ތަރައްގީކުރަން އެޗްޑީސީން އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އަލް މަދީނާ އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހްސަން އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ހިއްސާ ކުރިން އޮތް އަދި މިހާރު އެ ހިއްސާ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމްއަށް ބަދަލުކޮށްފައިވާ މަދީނާ އިންވެސްޓްމެންޓާ އެކު އެޗްޑީސީން މިދިޔަ އަހަރުގެ މެއި މަހު ވަނީ މި މަސައްކަތުގެ ފްރޭމްވޯކް އެގްރިމެންޓުގައި ސޮއިކޮށްފަ އެވެ.

އެޗްޑީސީން ބުނީ މި ޕްރޮޖެކްޓުގެ ދަށުން، ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއާ ކައިރީގައި ހުންނަ ވަގުތީ މިސްކިތް ވެސް ތަރައްގީކުރާނެ ކަމަށެވެ. އެޗްޑީސީން ބުނި ގޮތުގައި މިސްކިތް ތަރައްގީކުރާނީ ސްކޫލާއި މިސްކިތް ގުޅިގެންދާ ގޮތަށެވެ.

"މި ސްކޫލްގައި 2.5 އަހަރުގެ ތެރޭގައި ޕްރީސްކޫލްގެ ދަރިވަރުންނަށް ކިޔަވައިދެވޭނެ. އަދި އެއަށްފަހު ގްރޭޑް 1-10 ގެ ދަރިވަރުންނަށް ކިޔަވައިދެވޭ ފެންވަރަށް އަދި އޭގެ އިތުރުން މަތީ ތައުލީމު އުނގަންނައިދެވޭ ފެންވަރަށް މި ސްކޫލް ތަރައްގީ ކުރެވިގެންދާނެ،" އެޗްޑީސީން ބުންޏެވެ.

މާލޭގައި "ކޮއްކޮމެންގެ ޕްރީ ސްކޫލް" ވެސް ހިންގާ މަދީނާ އިންވެސްޓްމަންޓުން ހަދާ މި ސްކޫލުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް ފުރިހަމަ އިސްލާމީ ތައުލީމު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ފުދުންތެރިކަން ދަށް ކުދިންނަށާއި ހާއްސަ އެހީ އަށް ބޭނުންވާ ދަރިވަރުންނަށް މި ސްކޫލުން ހިލޭ ކިޔެވޭނެ ގޮތް ހަމަޖައްސާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.