Roadha Mihaaru
ޒުވާނުންގެ ކޮންފަރެންސަށް ދިވެހި މަސްވެރިންގެ ޕެޓިޝަނެއް

އދ. ގެ ތިމާވެއްޓާ ބެހޭ ޒުވާނުންގެ ކޮންފަރެންސަށް ދިވެހި މަސްވެރިންގެ ޕެޓިޝަނެއް

07 ސެޕްޓެމްބަރ 2021

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހި މަސްވެރިންނަށް ކުރިމަތިވަމުންދާ މައްސަލަތައް ކުޑަކުރުމަށްޓަކައި އެހީތެރިކަން ހޯދުމަށް، އދ. ގެ ތިމާވެއްޓާ ބެހޭ ޒުވާނުންގެ ކޮންފަރެންސަށް "ދިވެހި މަސްވެރިން" ގެ ޖަމިއްޔާ އިން ޕެޓިޝަނެއް ހުށަހަޅަން މިއަދު ނިންމައިފި އެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހި މަސްވެރިންނަށް ކުރިމަތިވަމުންދާ މައްސަލަތައް ކުޑަކުރުމަށްޓަކައި އެހީތެރިކަން ހޯދުމަށް، އދ. ގެ ތިމާވެއްޓާ ބެހޭ ޒުވާނުންގެ ކޮންފަރެންސަށް "ދިވެހި މަސްވެރިން" ގެ ޖަމިއްޔާ އިން ޕެޓިޝަނެއް ހުށަހަޅަން މިއަދު ނިންމައިފި އެވެ.

އެ ޖަމިއްޔާގެ ރައީސް އަހުމަދު ޝާފިއު ވިދާޅުވީ މި ޕެޓިޝަން ހުށަހަޅަން ނިންމީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމަށް ވެސް ވަރަށް ބޮޑު އަސަރެއް ކުރަމުންދާތީ، މި ގެއްލުންތައް ކުޑަކުރުމަށް ގައުމުތަކަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ.

އެ ޖަމިއްޔާގެ އެންމެ ބޮޑު މަގުސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުން ޕްރޮމޯޓް ކުރުމާއި އެކަމަށް މީހުން ހޭލުންތެރިކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ޕެޓިޝަނެއް، އެކަމަކު ޕެޓިޝަނަކަށް ވުރެ ބޮޑަށް އަޅުގަނޑުމެންގެ ހުރި ކަންބޮޑުވުންތައް ވެސް ބުނެފައި ހުރި ސްޓޭޓްމަންޓެއް،" ޝާފިއު ވިދާޅުވި އެވެ.

މި ޕެޓިޝަނުގައި އެ ޖަމިއްޔާ އިން ބުނެފައި ވަނީ ޖައްވު ހޫނުވުމުގެ ސަބަބުން މިހާރު ވެސް މުރަކަތައް ހުދުވުމުގެ މައްސަލަ ބޮޑުވެފައިވާއިރު، ފަރުތަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށާއި އޭގެ ސަބަބުން ކުރިމަގުގައި މަސްވެރިކަމަށް ވަރަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށެވެ. އަދި ޕްލާސްޓިކް ކުނީގެ މައްސަލަ ވެސް ބޮޑުވެފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.

ޖައްވަށް ވިހަ ގޭސްތައް ބޭރުކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ގޮވާލާފައިވާ މި ޕެޓިޝަނުގައި ވަނީ ބޮޑެތި ގައުމުތަކުން ކުރާ ކަންކަމުގެ ސަބަބުން ރާއްޖެ ކަހަލަ ކުދި ޖަޒީރާ ރަށްތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް މިހާރު ވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި ދޯނިފަހަރުގައި ޑީސެލިނޭޝަން ޕްލާންޓްތަކާއި ތިމާވެއްޓާ ރައްޓެހި ވަސީލަތައް ގާއިމު ކުރަން "ފަންޑިން މެކޭނިޒަމް" އެއް ބޭނުންވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެ ބަދަލުގައި ދޮށީ މަސްވެރިކަމާ އެކު ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށާއި ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް އެ ޖަމިއްޔާ އިން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދީފައިވެ އެވެ.

އުމުރުން 10-35 އަހަރާ ދެމެދުގެ މީހުންނަށް ސޮއިކުރެވޭ މި ޕެޓިޝަނަށް މަދުވެގެން 500 މީހުންގެ ސޮއި ބޭނުންވެ އެވެ.

އދ. ގެ ތިމާވެއްޓާ ބެހޭ ޒުވާނުންގެ ކޮންފަރެންސް އޮންނާނީ މި މަހު 31 އިން ނޮވެމްބަރު 12 ގެ ނިޔަލަށް އިނގިރޭސި ވިލާތުގަ އެވެ.