Roadha Mihaaru
މަހަށް ނުކުމެ އުޅުނު މަސްދޯންޏެއް ދެބުރިވެއްޖެ

މަހަށް ނުކުމެ އުޅުނު ގެމަނަފުށީ މަސްދޯންޏެއް ދެބުރިވެއްޖެ

11 ނޮވެމްބަރ 2023

މަހަށް ނުކުމެ އުޅުނު ގއ. ގެމަނަފުށީގެ މަސްދޯންޏެއް މިއަދު ދެބުރިވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަހަށް ނުކުމެ އުޅުނު ގއ. ގެމަނަފުށީގެ މަސްދޯންޏެއް މިއަދު ދެބުރިވެއްޖެ އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަން އެމްއެންޑީއެފުން މިހާރު ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެމްއެންޑީއެފުން ބުނީ އައްޑޫގެ ހުޅަނގު އުތުރުން 25 ނޯޓިކަލް މޭލު ބޭރުން، "އޯކިޑް 707" މަސްދޯނި ބިންދައިގެން ދިއުމާ ގުޅިގެން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، ސިފައިންގެ ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ފަށާފައިވާ ކަމަށެވެ.

އެ ހާދިސާގައި ދޯނީގެ ކުރީކޮޅާއި ފަހަތުކޮޅު އެއްކޮށް ވަކިވެފައިވާ ކަމަށް ސިފައިން ބުންޏެވެ.

"... ނަމަވެސް ދޯނީގައި ތިބި 10 ދިވެހިންނާއި 13 ބިދޭސީންގެ ހާލު ރަނގަޅު ކަމަށް ވަނީ މައުލޫމާތު ލިބިފައި،" ސިފައިން ބުންޏެވެ.

ސިފައިން ބުނީ އެ ސަރަހައްދުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަސެޕްޓާ ކްރާފްޓް "ދޮށިމޭނާ" މިހާރު ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ގެމަނަފުށިން ވާހަކަދެއްކި މީހަކު ބުނީ އެ ދޯނި ބިންދައިގެން ދިޔައީ މިއަދު ހެނދުނު 11 ޖަހާކަށް ހާއިރު ކަމަށެވެ. އެ ދޯންޏަކީ ދަގަނޑު ހޮޅި އަޅާފައި އޮތް ދޯންޏަކަށް ވާތީ، ދޯނި ދެބުރި ވިޔަސް، އެއްކޮށް ދެބައި ވަކިނުވާ ކަމަށް އޭނާ ބުންޏެވެ.

"އޯކިޑް 707" އަކީ 111 ފޫޓުގެ ބޮޑު ދޯންޏެކެވެ.

އޭނާ ބުނި ގޮތުގައި، މީގެ ހަ ވަރަކަށް އަހަރު ކުރިން ބަނދެފައި އޮތް އެ ދޯނީގައި 30 ވަރަކަށް މީހުންނަށް މަހަށް ދެވެ އެވެ.