Roadha Mihaaru
އަންހެނުންގެ ކޮމިޓީތަކުގެ މުސާރަ ޖެނުއަރީގައި ދެގުނަވާނެ

އަންހެނުންގެ ކޮމިޓީތަކުގެ މުސާރަ ޖެނުއަރީން ފެށިގެން ބޮޑުވާނެ: ރައީސް

07 ސެޕްޓެމްބަރ 2021

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވޯޓަކުން އިންތިހާބުކޮށް ބޮޑެތި ބާރުތަކަކާއި ޒިންމާތަކެއް މަތިކޮށްފައިވާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރަ އަންނަ ޖެނުއަރީ މަހުން ފެށިގެން ބޮޑުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ށ. ޅައިމަގުން ފަޒީނާ އަހުމަދު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވޯޓަކުން އިންތިހާބުކޮށް ބޮޑެތި ބާރުތަކަކާއި ޒިންމާތަކެއް މަތިކޮށްފައިވާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރަ އަންނަ ޖެނުއަރީ މަހުން ފެށިގެން ބޮޑުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ ދެ އަތޮޅަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ށ. ޅައިމަގު ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވަ އެވެ. އެ ރަށުގައި ހިނގާ މަޝްރޫއުތަކުގެ ތަފްސީލްތައް ދީ ރައްޔިތުން ބޭނުންވާ ކަންކަން ކައުންސިލުގެ ފަރާތުން ހުށަހެޅުމަށް ފަހު، އަންހެނުންގެ ކޮމިޓީން އެދުނު އެއް ކަމަކީ، މިހާރު ދެމުން އަންނަ މުސާރަ އާއި އެލަވަންސް އިތުރުކޮށްދިނުމެވެ.

އެއީ ސަރުކާރުން ވިސްނައި ވަރަށް އަވަހަށް އަމަލުކުރަން ފަށަން ނިންމާފައި އޮތް ކަމެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ޔަގީންކަން ދެއްވި ގޮތުގައި ކޮމިޓީތަކަށް މިހާރު ދެމުން އަންނަ މުސާރަ އާއި އެލަވަންސަށް ވުރެން ދެގުނަ ބޮޑުވާ ގޮތަށް އޮތް މުސާރައިގެ އޮނިގަނޑަށް ޖެނުއަރީން ފެށިގެން އަމަލުކުރަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަންހެނުންގެ ކޮމިޓީތަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މިހާރު ލިބެނީ ޖުމްލަ 3،000ރ. އެވެ. އެކަމަކު މިހާރު ތައްޔާރުކޮށްފައިވާ މުސާރައިގެ އޮނިގަނޑު އޮތް ގޮތުން، އެ އަދަދު 6،000ރ. އަށް ބޮޑުވާނެ އެވެ.

މުސާރައަށް ގެންނަ ބަދަލު (ސިޓީ ކައުންސިލް)

ރައީސް 7،000

ނައިބު ރައީސް 6،500ރ.

މެމްބަރުން: 6000ރ.

ރަށު ކައުންސިލްގެ ކޮމިޓީތައް

ރައީސް 6،000ރ.

ނައިބު ރައީސް 5،500ރ.

މެމްބަރުން 5،000ރ.

މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާ އެކު އިންތިހާބުކޮށްފައިވާ ކޮމިޓީތަކަށް އޮތީ ރަށާއި އަތޮޅު ތަރައްގީގައި ކުރިއަށް ވުރެން ބޮޑަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވިފަ އެވެ.

ކޮމިޓީތަކުގެ މަސްއޫލިއްޔަތާއި ބާރުތަކުގެ ތެރޭގައި، ރަށްވެހި ކަމުގެ ހިދުމަތްތަކާ ބެހޭ ގޮތުން ކައުންސިލަށް ލަފާ ދިނުމާއި އިންސާނީ ހައްގުތައް ރައްކާތެރިކުރަން މަސައްކަތް ކުރުމާއި އެކި ކަންކަމުގައި ހޭލުންތެރިކަން އިތުރުކުރަން މަސައްކަތް ކުރުމާއި އަންހެނުން އިތުރަށް ބާރުވެރިކުރުވާނެ ފަދަ ކަންކަން ކައުންސިލާ ގުޅިގެން މަގުފަހިކުރުން ހިމެނެ އެވެ.

ރައީސް ޅައިމަގު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވަނީ. -- ފޮޓޯ/މިހާރު

ރައީސް ޅައިމަގު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވަނީ. -- ފޮޓޯ/މިހާރު

ޅައިމަގު އަންހެނުންގެ ކޮމިޓީގެ ރައީސް އައިމިނަތު އަސްރާހާ ވިދާޅުވި ގޮތުގައި، ކުރިން ކޮމިޓީތަކަކީ ބާރެއް ނެތް މާ ބޮޑު ޒިންމާއެއް ނޯންނަ އަގުވަޒަން ނުކުރާ ބައެއްގެ ގޮތުގައި ގަބޫލުކުރުން ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. ގާނޫނުން ޒިންމާތަކެއް ހަވާލުކޮށްފައިވާ އިރު ރަށާއި އަތޮޅު އަދި ސިޓީގެ ތަރައްގީގައި މުހިއްމު ދައުރެއް ކޮމިޓީތަކަށް އޮންނަ ކަން ކައުންސިލްތަކުން ގަބޫލުކުރާ ކަމަށް ވިދާޅުވި އެވެ.

ކުރިން ވެސް ކޮމިޓީގައި ގިނަ އަހަރުތަކެއް ހޭދަވި އަސްރާހާ ވިދާޅުވީ ކުރިން މަސައްކަތް ބުރަވެފައި އެކަށީގެންވާ އެލަވަންސެއް ވެސް ނުލިބޭ ކަމަށެވެ. އެކަމަކު، ޅައިމަގު ކޮމިޓީއަށް ވެސް މިހާރު އޮތް ހިތްހަމަޖެހުމަކީ ކުރާ މަސައްކަތާއި އެކަށީގެންވާ މުސާރައެއް ލިބި ކަންކަން ކުރެވޭނެ ބާރުވެރިކަން ފަހިކޮށްދީފައި އޮތުން ކަމަށް ވިދާޅުވި އެވެ.

"ކުރިން ކިތަންމެ ބުރަކޮށް އުޅުނަސް އަގު ވަޒަން ނުކުރާ ކަހަލަ ސަގާފަތެއްގައި ކޮމިޓީތައް ހިނގީ، އެކަމަކު ބަޖެޓް ދީ، އެކަށީގެންވާ އެލަަވަންސް ދީ، ބާރުތައް ދޫކޮށް ފުރުސަތުތަކެއް ހުޅުވައިދީފައި ވަނީ،" އޭނާ ވިދާޅުވި އެވެ.