Roadha Mihaaru
ކާބުލްގެ އެއާޕޯޓް ހިންގުމުގެ މަޝްވަރާތައް ގަތަރުގައި

ކާބުލްގެ ވައިގެ ބަނދަރު ހިންގުމާ ގުޅޭ މަޝްވަރާތައް ގަތަރުގައި

07 ސެޕްޓެމްބަރ 2021

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އޮންނަ ހާމިދު ކަރުޒާއީ ބައިނަލްއަގުވާމީ ވައިގެ ބަނދަރުން އަލުން ދަތުރުތައް ފެށުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އާއި ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އިއްޔެ ގަތަރުގެ ވެރިރަށް ދޯހާ އަށް ވަޑައިގެންފި އެވެ.

ކާބުލް ވައިގެ ބަނދަރު އަލުން ހުޅުވުމާ ބެހޭ ގޮތުން ދޯހާގައި ކުރިއަށް ދާ މަޝްވަރާތަކުގައި އެމެރިކާގެ ދެ ވަޒީރުންގެ އިތުރުން ބައިވެރިވެވަޑައިގަންނަވަނީ، ގަތަރުގެ ބައެއް ވަޒީރުންނާއި ތުރުކީ ސަރުކާރުގެ ބައެއް ވެރިންނެވެ.

މި މަޝްވަރާތަކުގައި ބައިވެރިވާ ގަތަރުގެ ހާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން މިއަދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، ކާބުލްގެ ވައިގެ ބަނދަރުން އަލުން ރަސްމީކޮށް ދަތުރުތައް ފެށޭނެ ކަމަށް އުންމީދު ކުރެވެ އެވެ. އެހެން ނަމަވެސް ވައިގެ ބަނދަރު ހިންގާނެ ގޮތަކާ ބެހޭ ގޮތުން ތާލިބާނުންނާ އެކުގައި މިހާތަނަށް އެއްބަސްވުމަކަށް ނާދެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކާބުލް ވައިގެ ބަނދަރުން އަލުން ދަތުރުތައް ފެށުމަށްޓަކައި، ކުރަން ޖެހޭ ފަންނީ މަސައްކަތް ކުރަމުން އަންނަނީ ގަތަރުގެ ފަންނީ ތަޖުރިބާކާރުންނެވެ. މިކަމުގައި ތުރުކީ ވިލާތާއި އެމެރިކާގެ އެހީތެރިކަން ލިބޭ ކަމަށް ގަތަރުން ބުންޏެވެ.

ތާލިބާންގެ ހަނގުރާމަވެރިއަކު، ކާބުލްގެ ވައިގެ ބަނދަރަށް ލިބިފައި ހުރި ގެއްލުންތައް ނޫސްވެރިންނަށް ދައްކާލަނީ. --އޭއެފްޕީ

ތާލިބާންގެ ހަނގުރާމަވެރިއަކު، ކާބުލްގެ ވައިގެ ބަނދަރަށް ލިބިފައި ހުރި ގެއްލުންތައް ނޫސްވެރިންނަށް ދައްކާލަނީ. --އޭއެފްޕީ

ގަތަރުގެ ހާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ކާބުލް ވައިގެ ބަނދަރު އަލުން ބޭނުންކުރަން ފެށޭނީ، އެ ތަނުގައި ހުރި އާލާތްތަކުގެ ފެންވަރު މަތިކޮށްގެންނެވެ. އޭގެ ތެރޭގައި ބައިނަލްއަގުވާމީ ދަތުރުފަތުރު ފެށުމަށްޓަކައި ކޮންމެހެން ބޭނުންކުރަންޖެހޭ އާލާތްތައް ވެސް ހިމެނެ އެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބައިގެން ދިޔައިރު، އަފްގާނުގައި ތިބި ހުޅަނގުގެ ޑިޕްލޮމޭޓުންނާއި ހުޅަނގުގެ ގައުމުތަކުގެ އާންމު ރައްޔިތުން އަފްގާނުން ބޭލުމަށްޓަކައި 18 ދުވަސް ވަންދެން، ކާބުލް ވައިގެ ބަނދަރު އޮތީ އެމެރިކާ ސިފައިންގެ ބާރުގެ ދަށުގަ އެވެ. އޮގަސްޓް 30 ވަނަ ދުވަހުގެ ދަންވަރު އެމެރިކާ ސިފައިން ކާބުލް ވައިގެ ބަނދަރުން ފުރައިގެން ދިޔައިރު، ވައިގެ ބަނދަރު އޮތީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްފަ އެވެ.

އޭގެ ތެރޭގައި ކާބުލް ވައިގެ ބަނދަރުގެ ރާޑަރު ނިޒާމާއި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ އިތުރުން، އެތައް އާލާތްތަކާއި ސާމާނުތައް ހުރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްފަ އެވެ. އެހެންކަމުން ކާބުލް ވައިގެ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުގައި ގަތަރުގެ ފަންނީ ތަޖުރިބާކާރުން 24 ގަޑިއިރު މަސައްކަތް ކުރަމުން އަންނަތާ ހަފުތާއެއްވީ އެވެ.

ސެޕްޓެމްބަރު 7، 2021: (ކ-ވ) ގަތަރުގެ ހާރިޖީ ވަޒީރު މުހައްމަދު ބިން އަބްދުއްރަހްމާން، އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން، ގަތަރުގެ ދިފާއީ ވަޒީރު ޚާލިދު ބިން މުހައްމަދު އަދި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން، ގަަތަރުގެ ވެރިރަށް ދޯހާގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ. --އޭއެފްޕީ

ވޭތުވެ ދިޔަ އަހަރުތަކުގައި ތާލިބާނުންނާއި ބައިނަލްއަގުވާމީ މުޖްތަމައާ ދެމެދު މުއާމަލާތު ކުރަމުން އައި ގަތަރު މެދުވެރިއެއްގެ ދައުރު އަދާކޮށްގެންނެވެ. ތާލިބާނުންގެ ސިޔާސީ ގޮފީގެ އިދާރާ ހުންނަނީ ވެސް ގަތަރުގަ އެވެ. އޭގެ އިތުރުން، އޮގަސްޓް 15 ގައި ތާލިބާނުން އަފްގާނު ހިފުމާ ގުޅިގެން އެގައުމު ދޫކޮށް ދިޔަ 120،000 އަށް ވުރެ ގިނަ މީހުން ވިލާތުގެ ގައުމުތަކަށް ދިއުމުގެ މަގުމަތީގައި މަޑުކުރީ ވެސް ގަތަރުގަ އެވެ.

އެމެރިކާ ސިފައިން ފައިބައިގެން ދިޔަ ފަހުން ވެސް، އަފްގާނުގައި ތިބި ހުޅަނގުގެ ބައެއް ގައުމުތަކުގެ މީހުން އެ ގައުމުން ބޭރުކުރުމުގެ މަސައްކަތް މިހާރު ވެސް އެކި ގޮތްގޮތުން ކުރަމުން ދެ އެވެ. އެ ގޮތުން މަޒާރެ ޝަރީފްގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުން ވެސް ބައެއް މީހުން ފުރައިގެން އެހެން ގައުމުތަކަށް ހިނގައްޖެ އެވެ.

އޭގެ އިތުރުން، އެއްގަމު މަގުން އިއްޔެ ވެސް އެމެރިކާގެ ހަތަރު މީހަކު ޕާކިސްތާނަށް ދިޔުމަށް ފަހު އެމެރިކާ އަށް ފުރައިގެން ހިނގައްޖެ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ހުޅަނގުގެ މީހުން އަފްގާނުން ފުރުމަށް ތާލިބާނުން ދަނީ ހުރަސް އަޅަމުންނެވެ.

ސެޕްޓެމްބަރު 4، 2021: ކާބުލް ވައިގެ ބަނދަރުގެ މުވައްޒަފުން ވައިގެ ބަނދަރަށް ވަންނަ އިރު ތާލިބާންގެ ހަނގުރާމަވެރިން، އެމީހުން ބަލައި ފާސްކުރަނީ. --އޭއެފްޕީ

ސެޕްޓެމްބަރު 4، 2021: ކާބުލް ވައިގެ ބަނދަރުގެ މުވައްޒަފުން ވައިގެ ބަނދަރަށް ވަންނަ އިރު ތާލިބާންގެ ހަނގުރާމަވެރިން، އެމީހުން ބަލައި ފާސްކުރަނީ. --އޭއެފްޕީ

ނަމަވެސް އެމެރިކާ އިން ބުނި ގޮތުގައި ތާލިބާނުންގެ ފަރާތުން އެފަދަ ކަމެއް މިހާތަނަށް ކުރިމައްޗެއް ނުވެ އެވެ. ނަމަވެސް މަޒާރެ ޝަރީފުން ފުރަން ހަމަޖެހިފައި އޮތް ޗާޓަރު މަތިންދާބޯޓެއްގައި ތިބި ބައެއް މީހުންގެ އަތުގައި، ވައިގެ މަގުން ދަތުރުކުރަން ބޭނުންވާ ލިޔެކިޔުންތައް ނެތުމުގެ ސަބަބުން، އެ ބޯޓު ފުރިޔަނުދީ ހިފެހެއްޓި ކަމަށް އެމެރިކާ އިން ބުނެ އެވެ.

ޗާޓަރު ދަތުރު އިންތިޒާމު ކުރި ފަރާތުން ބުނާ ގޮތުގައި، ބޯޓު ފުރޭ ގޮތް ނުވީ އެމެރިކާގެ ހާރިޖިއްޔާ އިން އަމަލުކުރި ގޮތުންނެވެ. އެކަމުގައި ތާލިބާނުންގެ ފަރާތުން އެއްވެސް ހުރަހެއް ކުރިމަތިނުވާ ކަމަށާއި، އެމެރިކާގެ ހާރިޖިއްޔާ އިން ފުރިހަމަކުރަންޖެހޭ އިޖުރާއާތު ފުރިހަމަ ނުކުރާތީ ފުރޭ ގޮތް ނުވީ ކަމަށް އޭޖެންޓުން ބުނެ އެވެ.