Roadha Mihaaru
އަފްގާނުން މީހުން ބޭރުކުރުމުގެ މަސައްކަތް ކުރިއަށް

އަފްގާނުން މީހުން ބޭރުކުރުމުގެ މަސައްކަތް ކުރިއަށް

17 އޯގަސްޓް 2021

އަފްގާނިސްތާނުގައި އޮތް ވެރިކަން ތާލިބާންގެ ހަނގުރާމަވެރިން ވައްޓާލައި އެ ގައުމު ހިފުމާ ގުޅިގެން، އެ ގައުމުގައި މަސައްކަތް ކުރަމުން އައި ހުޅަނގުގެ ޑިޕްލޮމޭޓުންނާއި ހުޅަނގުގެ ގައުމުތަކުގެ އާންމު ރައްޔިތުން، އެ ގައުމުން ބޭރުކުރުމުގެ މަސައްކަތް މިއަދު ވެސް ނުހުއްޓި ކުރިއަށް އެބަދެ އެވެ.

އަފްގާނިސްތާނުގައި އޮތް ވެރިކަން ތާލިބާންގެ ހަނގުރާމަވެރިން ވައްޓާލައި އެ ގައުމު ހިފުމާ ގުޅިގެން، އެ ގައުމުގައި މަސައްކަތް ކުރަމުން އައި ހުޅަނގުގެ ޑިޕްލޮމޭޓުންނާއި ހުޅަނގުގެ ގައުމުތަކުގެ އާންމު ރައްޔިތުން، އެ ގައުމުން ބޭރުކުރުމުގެ މަސައްކަތް މިއަދު ވެސް ނުހުއްޓި ކުރިއަށް އެބަދެ އެވެ.

ޑިޕްލޮމޭޓުން ބޭރު ކުރުމުގެ މަސައްކަތް އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ސިފައިން އެންމެ ފުރަތަމަ ފެށީ، ތާލިބާންގެ ހަނގުރާމަވެރިން އިއްޔެ ވެރިރަށް ކާބުލް އަށް ވަދެ، ރިއާސީ ގަނޑުވަރު ވެސް ހިފުމާ ގުޅިގެންނެވެ. އެއާއެކު އެމެރިކާ ސިފައިން ވަނީ ކާބުލްގެ ހާމިދު ކަރުޒާއީ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ހިފައިފަ އެވެ.

އެމެރިކާ ސިފައިންގެ އަސްކަރީ މަތިންދާބޯޓުތައް ކާބުލްގެ ވައިގެ ބަނދަރަށް ތިރިކޮށް، ޑިޕްލޮމޭޓުން ގެންދިއުމަށް ތައްޔާރުވި އިރު، އަފްގާނިސްތާނު ދޫކޮށް ދާން ބޭނުންވި އާންމުންގެ އެތައް ހާސް ބަޔަކުވެސް ކާބުލްގެ ވައިގެ ބަނދަރަށް ޖަމާވާން ފެށި އެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ވައިގެ ބަނދަރުގެ ރަންވޭ އާއި މަތިންދާބޯޓު ޕާކު ކުރާ ސަރަހައްދުގައި ވެސް ތިއްބެވެ.

އަފްގާނުގައި ތިބި ޖަރުމަން ވިލާތުގެ ޑިޕްލޮމޭޓުން އެ ގައުމުން ބޭރުކުރުމަށް، ކާބުލް އަށް ރޭ ދިޔަ ޖަރުމަނުގެ އަސްކަރީ މަތިންދާބޯޓުތައް ވެސް، ރަންވޭ މަތީގައި މީހުން ތިބުމުގެ ސަބަބުން، ކާބުލްގެ ވައިގެ ބަނދަރަށް ނުޖެއްސިގެން އަނބުރައި ދިޔައީ އެވެ. މީހުން ބޭރުކުރުމުގެ މަސައްކަތް މިއަދު އަލުން ފެށީ، ރަންވޭ އާއި ޕާކު ކުރާ ސަރަހައްދަށް ޖަމާވެފައި ތިބި މީހުން އެ ހިސާބުން ދުރަށް ލައި، އެ ސަރަހައްދު ސާފު ކުރުމަށް ފަހު އެވެ.

އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް މިއަދު ކާބުލް އިން ބޭރަށް ގެންދާ މީހުންގެ ތެރޭގައި، އެމެރިކާ އިން ދިން ހާއްސަ ވިސާގެ ދަށުން އެމެރިކާ އަށް ދިރިއުޅުން ބަދަލުކުރާ އަފްގާނު ރައްޔިތުން ވެސް ހިމެނެ އެވެ. އެމީހުންނަކީ މިދިޔަ 20 އަހަރުގެ ތެރޭގައި އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ތިބި ދުވަސްވަރު، ތަރުޖަމާނުންގެ ގޮތުގަ އާއި އެނޫން ގޮތްގޮތުން ވެސް އެމެރިކާ ސިފައިންނަށް އެހީތެރިވެދިން މީހުންނެވެ.

ކާބުލްގެ ވައިގެ ބަނދަރުން އިއްޔެ ފުރައިގެން ދިޔަ، އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއްގެ ފުރޮޅުތަކުގައި އެލިގަނެގެން ތިބި މީހުންގެ ތެރެއިން ހަތް މީހަކު ވަނީ، އެ ބޯޓު ވައިގެ ތެރެއަށް އަރައިގެން ގޮސް، އޭގެ ފުރޮޅު އެތެރެއަށް މަޅައިލުމުގެ ތެރޭގައި ބޯޓުން ވެއްޓި މަރުވެފަ އެވެ.

ތާލިބާނުން އަފްގާނިސްތާނު ހިފުމާ އެކު ކާބުލްގައި މިހާރު ހިނގަމުންދާ ކަންތަކާ މެދު ބައިނަލްއަގުވާމީ މުޖްތަމައުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، މީޑިއާތަކުން ބުނާ ގޮތުގައި، މިހާރުގެ ހާލަތުގެ މެދުވެރިވީ ކުއްލި ގޮތަކަށް އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނުން ބޭލުމުންނެވެ. ނަމަވެސް، އެމެރިކާ ސިފައިން އަނބުރާ ގެންދިއުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވެސް ވިދާޅުވި އެވެ.