Roadha Mihaaru
"ބަންދު މާހައުލުން ކުދިން ނެރެން މަސައްކަތްކުރަންޖެހޭ"

ފަސްޓް ލޭޑީ އެދިވަޑައިގަތީ އަމާން ހިޔާތަކުގެ ކުދިން މުޖުތަމައަށް ނެރެން މަސައްކަތްކޮށްދޭން

07 ސެޕްޓެމްބަރ 2021

ކުޑަކުދިންގެ ހިޔާ އިން ރަށްރަށުގެ އަމާން ހިޔާތަކަށް ބަދަލުކުރި ކުދިންނަށް އަޅާލައި އޯގާތެރިވެ، ވަކިން ބަންދުވެގެން ތިބެން ޖެހޭ މާހައުލުން އެ ކުދިން މުޖުތަމަ އަށް ނެރެން އެންމެން ގުޅިގެން މަސައްކަތް ކޮށްދޭން ފަސްޓް ލޭޑީ ފަޒްނާ އަހްމަދު މިއަދު އެދިވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ށ. ފުނަދޫން ފަޒީނާ އަހުމަދު

ކުޑަކުދިންގެ ހިޔާ އިން ރަށްރަށުގެ އަމާން ހިޔާތަކަށް ބަދަލުކުރި ކުދިންނަށް އަޅާލައި އޯގާތެރިވެ، ވަކިން ބަންދުވެގެން ތިބެން ޖެހޭ މާހައުލުން އެ ކުދިން މުޖުތަމަ އަށް ނެރެން އެންމެން ގުޅިގެން މަސައްކަތް ކޮށްދޭން ފަސްޓް ލޭޑީ ފަޒްނާ އަހްމަދު މިއަދު އެދިވަޑައިގެންފި އެވެ.

ފަސްޓް ލޭޑީ މިއަދު ވަނީ ށ. ފުނަދޫގައި ހުންނަ ޗިލްޑްރަން ސާވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގައި ތިބި ކުދިންނާ އެކު ވަގުތުކޮޅެއް ހޭދަކުރައްވައި، އެ ކުދިން ބަލަހައްޓާ މުވައްޒަފުންނާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ފަސްޓް ލޭޑީ ވިދާޅުވީ އާއިލީ ލޯބިން މަހްރޫމްވެ، ބަންދުވެފައި ތިބެން ޖެހިފައިވާ ކުދިން ބެލެހެއްޓުމަކީ ވަރަށް ބުރަ، ކެތްތެރިކަމާ އެކު އަދާކުރަން ޖެހޭ ބޮޑު ޒިންމާއެއް ކަމަށެވެ. ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކަށް ކުރިން ކުރެއްވި ޒިޔާރަތްތަކުން، އެ ޒިންމާ ކިހާ ބުރަކަން ވަޒަންކުރެއްވުނު ކަމަށް ވިދާޅުވި އެވެ.

ފުނަދޫ އަމާން ހިޔާގެ ކުދިންތަކަކާ ފަސްޓް ލޭޑީ ފަޒްނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ/ ރައީސް އޮފީސް

ފުނަދޫ އަމާން ހިޔާގެ ކުދިންތަކަކާ ފަސްޓް ލޭޑީ ފަޒްނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ/ ރައީސް އޮފީސް

އެ ކުދިންނާ މެދު އަޅާލައި އޯގާތެރިވެ ރަނގަޅު ކުދިންގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ޖެންޑާ މިނިސްޓްރީ އާއި ކައުންސިލާއި ސްކޫލާއި ފުލުހުންނާއި ހެލްތު މިނިސްޓްރީ އާއި އެ ނޫން ވެސް މުއައްސަސާތަކާއި މުޅި މުޖުތަމައެއްގެ އެންމެންގެ އެއްބާރުލުން ލިބިގެން ވާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އެ ކުދިންނާ ހަވާލުވެގެން އުޅޭ އެންމެންގެ މަގްސަދަކަށް ވެސް ވާންވާނީ އެ ކުދިން މި މާހައުލުން ވީހާވެސް އަވަހަކަށް ނެރުން،" ފަޒްނާ ވިދާޅުވި އެވެ.

"އެއީ މަސައްކަތެއް ދަސްކޮށްދީގެން ވިޔަސް އަދި ފޮސްޓަކުރާނެ އާއިލާއެއް ލިބިގެން ވިޔަސް،"

ށ. ފުނަދޫ ސެންޓަރުގައި އަށް އަހަރާއި 18 އަހަރާ ދެމެދުގެ 12 ކުދިން ބަލަހައްޓަ އެވެ.

އެ މަރުކަޒަށް ބަދަލުކުރުމުން ކުދިންނަށް އަންނަ ބަދަލުތަކާއި އެ ކުދިންނާ މެދު މުޖުތަމައުން ދެކޭ ގޮތް ފަސްޓް ލޭޑީ އޮޅުންފިލުއްވި އެވެ. އެ ކުދިންގެ ދިރިއުޅުން އެތަނުގައި ހަމަޖެހިފައިވާ ގޮތް ބައްލަވާލައްވައި، އިތުރަށް ބޭނުންވާ ކަންކަން ވެސް އޮޅުންފިލުއްވި އެވެ.

ފުނަދޫގެ އަމާން ހިިޔާގައި ދައުލަތުން ބަލަހައްޓާ ކުއްޖަކާ އެކު ފަސްޓް ލޭޑީ ފަޒްނާ. -- ފޮޓޯ/ ރައީސް އޮފީސް

ފުނަދޫގެ އަމާން ހިިޔާގައި ދައުލަތުން ބަލަހައްޓާ ކުއްޖަކާ އެކު ފަސްޓް ލޭޑީ ފަޒްނާ. -- ފޮޓޯ/ ރައީސް އޮފީސް

ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިން އަތޮޅުތަކުގެ އަމާންވެށިތަކަށް ބަދަލުކުރަން ފެށީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ފަސް ސަރަހައްދެއްގައި ޗިލްޑްރަންސް ހޯމް ގާއިމްކޮށްފައިވެ އެވެ.

ހިޔާ އިން ރަށްރަށަށް ކުދިން ބަދަލުކުރީ ތޮއްޖައްސާފައި ގެންގުޅުމުގެ ބަދަލުގައި އެހެން ކުދިންނެކޭ އެއްގޮތަށް މުޖުތަމައުގައި އުޅެވޭނެ ގޮތެއް ހަމަޖެއްސުމަށާއި ކުދިންނަށް އާއިލީ ވެއްޓެއްގައި ދިރިއުޅެވޭނެ މަގު ފަހިކުރުމަށެވެ.