Roadha Mihaaru
މާލެއަށް ވީގޮތެއް ސަރުކާރަކުން ނުބެލި: އިންތި

މާލެއަށް ވީ ގޮތެއް ސަރުކާރަކުން ނުބެލި: އިންތި

08 ސެޕްޓެމްބަރ 2021

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް މާލެ ގެއްލުމުން ވެސް އެކަން ވީ ގޮތެއް ސަރުކާރުން ނުބަލާ ކަމަށް ރަައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް މާލެ ގެއްލުމުން ވެސް އެކަން ވީ ގޮތެއް ސަރުކާރުން ނުބަލާ ކަމަށް ރަައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު ފުއްދަން ގޮވާލައި މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި އިންތި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ ގޮނޑިތައް ގެއްލުމަކީ އެމްޑީޕީއަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ. އެކަމަކު އެވަރުގެ ގެއްލުމެއް ލިބުމުން، އެކަން އެހެންވީ ސަބަބުތައް ހޯދަން ސަރުކާރުން ނޫޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ އިންތިހާބު ގެއްލުމަށް ފަހުގައި މާލޭގެ ރައްޔިތުންނާ ސަރުކާރުން އަދި ބައްދަލުކޮށްލެއްވުމެއް ނެތް. [ވީގޮތް އަހައިލުމަށް ޓަކައި] އަޅުގަނޑުމެން، ރައްޔިތުންގެ މަޖިލީހުގައި މިތިިބޭ މެމްބަރުންނާ ބައްދަލުކޮށްލުމެއް ނެތް. އެހެންވީމާ މިއީ އަޅުގަނޑު ކަންބޮޑުވާ ކަމެއް. [ސަރުކާރުން] މާލެ ދޫކޮށްލީތޯ؟ މާލެ ކަހަަލަ އެނޫން ވެސް ބޮޑެތި ސަރަހައްްދުތައް ވެސް ދޫކޮށްލެެއްވީތޯ؟" އިންތި ސުވާލު ކުރެއްވި އެވެ.

އޭނާ ވިދާޅުވީ މާލެ އާއި ބޮޑެތި އެހެން ސަރަހައްދުތައް ދޫކޮށްލައިގެން ސަރުކާރަށް ވެސް އަދި އެމްޑީޕީއަށް ވެސް ލިބޭނެ މޮޅެއް އޮތްތޯ ސުވާލު އުފެދޭކަމަށާއި އެފަދަ ގޮތެއް އޮތްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގޭ. އެހެން ނަމަވެސް އޮވެދާނެ ޖާދުލެއް ކަހަލަ މޮޅެއް،" އޭނާ ވިދާޅުވި އެވެ.

އިންތި ވިދާޅުވިގޮތުގައި މާލެއާއި ބޮޑެތި އާބާދީތައް އޮތް އެހެން ސަރަހައްދުތަކުގައި ވެސް ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަަ ހައްލުކޮށްދިނުމަކީ އެމްޑީޕީގެ މައި އެއް ވައުދެވެ. އެ ވައުދު ނުފުއްދައި ރައްޔިތުންނާ ދެން ކުރިމަތިލާނީ ކިހިނެތްތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ. ސުވާލު އުފައްދަން ވެސް ދެން މާގިނަ ވަގުތެއް ނެތް ކަަމަށާއި ސަރުކާރުގެ ދައުރު މިހާރު ނިމެން ކައިރިވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެމްބަރު އިބްރާހީމް ރަޝީދު މަޖިލީހަށް މިއަދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދުތަކެއް އަދިވެސް ނުފުއްދޭ ކަމަށެވެ. އެ ވައުދުތަކަކީ 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި އަދި ސަރުކާރުގެ އެސްއޭޕީގައި ހިމެނޭ ސިޔާސަތުތަކެއް ކަމަށާއި އެއީ ވި ވައުދުތަކެއްކަން ރައީސް އޮފީހުގެ ވެބްސައިޓުން ވެސް އެނގޭ ކަމަށް ވިދާޅުވެފައިވެ އެވެ.