Roadha Mihaaru
ކަންގަނާ އަށް އަނެއްކާ ވެސް ނެޝަނަލް އެވޯޑް

ކަންގަނާ ރަނާވަތަށް އަނެއްކާ ވެސް ނެޝަނަލް އެވޯޑް

22 މާޗް 2021

ވަރަށް މޮޅު ބަތަލާއެއް ކަމަށް އަމިއްލަ އަށް ވެސް ދައުވާކުރާ ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތަށް އަނެއްކާވެސް އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ކަށަވަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވަރަށް މޮޅު ބަތަލާއެއް ކަމަށް އަމިއްލަ އަށް ވެސް ދައުވާކުރާ ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތަށް އަނެއްކާވެސް އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ކަށަވަރުވެއްޖެ އެވެ.

މިދިޔަ އަހަރު ކޮވިޑް-19 އާ ހެދި ކެންސަލްކުރުމަށް ފަހު 2019 އާއި 2020 ގެ ފިލްމުތަކަށް އިންސާފުކޮށްގެން ހޯމަ ދުވަހު އިއުލާންކުރި އިންޑިއާގެ 67 ވަނަ ނެޝަނަލް ފިލްމު އެވޯޑްސްގައި ކަންގަނާ އަށް އެންމެ މޮޅު ބަތަލާގެ މަގާމު ލިބުނީ ދެ ފިލްމަކުންނެވެ. އެއީ 2019 ގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އާއި މިދިޔަ އަހަރުގެ "ޕަންގާ" އިންނެވެ.

ކަންގަނާ އަށް ކުރިން ވެސް ތިން ފަހަރެއްގެ މަތިން ނެޝަނަލް އެވޯޑް ލިބިފައިވެ އެވެ. އެއީ 2008 ގެ "ފެޝަން" އިން އެންމެ މޮޅު ސަޕޯޓިން ބަތަލާގެ ނެޝަނަލް އެވޯޑާއި 2014 ގެ "ކްއީން" އިން މޮޅު ބަތަލާގެ އެވޯޑާއި 2015 ގެ "ތަނޫ ވެޑްސް މަނޫ ރިޓާންސް" އިން މޮޅު ބަތަލާގެ އެވޯޑެވެ.

އިންޑިއާގައި ހުރިހާ ބަހަކުން ނެރޭ ފިލްމުތައް ޖަޖްކޮށްގެން އިންޑިއާ ސަރުކާރުން ދޭ ނެޝަނަލް ފިލްމު އެވޯޑްސްގެ މި އަހަރުގެ އިތުރު ވަނަތަކަށް ބަލާ އިރު އެންމެ މޮޅު ހިންދީ ފިލްމަކީ 2019 ގެ "ޗިޗޯރޭ" އެވެ. އެ ފިލްމަކީ ނިތޭޝް ތިވާރީ ޑައިރެކްޓްކޮށް، ޝްރަދާ ކަޕޫރާއި މަރުވެފައިވާ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު ކުޅުނު ފިލްމެކެވެ.

އެންމެ މޮޅު ބަތަލުގެ އެވޯޑް މި ފަހަރު ލިބުނީ "ބޯންސްލޭ" އިން މަނޯޖް ބަޖްޕާއީ އާއި ތަމަޅަ ފިލްމު "އަސުރަން" އިން ދަނޫޝްއަށެވެ.

މޮޅު ސަޕޯޓިން ބަތަލާގެ އެވޯޑް "ދަ ތަޝްކެންޓް ފައިލްސް" އިން ޕައްލަވީ ޖޯޝީ އަށް ލިބުނު އިރު އެންމެ މޮޅު ސަޕޯޓިން ބަތަލަކީ ތަމަޅަ ފިލްމު "ސުޕަ ޑިލަކްސް" އިން ވިޖޭ ސެތުޕަތީއަށެވެ. "ތަޝްކެންތު ފައިލްސް" އަށް އެންމެ މޮޅު ސްކްރީންޕްލޭ/ޑައިލޮގްގެ އެވޯޑް ވެސް ލިބިފައިވެ އެވެ.

އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ހިންދީ ފިލްމު "ބަހައްތަރު ހޫރައިން" އިން ސަންޖޭ ޕުރާން ސިންގް ޗޯހަނަށް ލިބުނު އިރު، މޮޅު އާ ޑައިރެކްޓަރަކީ މަލަޔާޅަމް ފިލްމު "ހެލެން" ގެ މަތުކުއްޓީ ޒޭވިއާ އެވެ.

އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔަކީ އަކްޝޭ ކުމާރުގެ "ކޭސަރީ" އަށް "ތޭރީ މިއްޓީ" ކިޔައިދިން ބީ ޕްރާކެވެ. މޮޅު އަންހެން ލަވަކިޔުންތެރިޔަކީ މަރާޓީ ފިލްމު "ބަރުދޯ" ގެ ސަވާނީ ރަވިންދުރަ އެވެ.

ހުރިހާ ބަހަކުން ހެދި ފިލްމުތައް އެއްކޮށްލައިގެން އެންމެ މޮޅު ފީޗާ ފިލްމުގެ އެވޯޑް ލިބުނީ މޯހަން ލާލް ކުޅުނު މަލަޔާޅަމް ފިލްމު "މަރަކައްރު: ލަޔަން އޮފް ދި އެރޭބިން ސީ" އެވެ.

ކަންގަނާ އަށް ހަތަރު ވަނަ ފަހަރަށް ނެޝަނަލް އެވޯޑް ކަށަވަރުވި އިރު އޭނާ ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ތިން ފިލްމަކީ ބެލުންތެރިންނަށް މޮޅުކަން ދައްކައިލާނެ ފިލްމުތަކެވެ. އެ ފިލްމުތަކަކީ "ތަލައިވީ" އާއި "ދާކަޅް" އަދި "ތޭޖާސް" އެވެ.