Roadha Mihaaru
ފްލެޓްގެ ފާރު ތެޅިޔަސް ސްޓްރަކްޗާއަށް ގެއްލުމެއް ނުވާނެ

ހިޔާ ފްލެޓްތަކުގެ ގްރައުންޑް ފްލޯގެ ފާރުތައް ތެޅިޔަސް ސްޓްރަކްޗާއަކަށް ގެއްލުމެއް ނުވާނެ: އެޗްޑީސީ

13 ސެޕްޓެމްބަރ 2021

ހިޔާ ފްލެޓްތަކުގެ ގްރައުންޑް ފްލޯގެ ބައެއް، ކޮމާޝަލް ޔުނިޓްތަކަށް ބަދަލުކުރަން ތަޅައިލަމުން ދާތީ، ހިޔާ ޔޫނިއަނުން ކަންބޮޑުވުން ފާޅުކުރިޔަސް މުޅި އިމާރާތުގެ ސްޓްރަކްޗާ އަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ ފްލެޓްތަކުގެ ގްރައުންޑް ފްލޯގެ ބައެއް، ކޮމާޝަލް ޔުނިޓްތަކަށް ބަދަލުކުރަން ތަޅައިލަމުން ދާތީ، ހިޔާ ޔޫނިއަނުން ކަންބޮޑުވުން ފާޅުކުރިޔަސް މުޅި އިމާރާތުގެ ސްޓްރަކްޗާ އަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫއު ކުރިއަށް ގެންދިޔައީ ގްރައުންޑް ފްލޯގެ އެޕާޓްމަންޓަތައް ހިމެނޭ ގޮތަށް 7،000 ޔުނިޓް ހިމެނޭ ގޮތަށެވެ. އޭރު ޕްރޮޖެކްޓް ފަރުމާކޮށްފައި އޮތީ އިމާރާތްތަކާ ކައިރީގައި މޯލްތަކާއި ފިހާރަތައް ހަދާ ގޮތަށެވެ. އެކަމަކު މި ސަރުކާރުން އެ ޕްރޮޖެކްޓް ރީ-ޑިޒައިން ކުރުމަށް ފަހު ނިންމީ އިމާރާތުގެ ފުރަތަމަ ފްލޯ، ކޮމާޝަލް ސްޕޭސްގެ ގޮތުގައި ތަރައްގީކުރާށެވެ. އެހެންވެ، ބައެއް ފްލެޓްތަކުގެ ގްރައުންޑް ފްލޯގެ ފާރުތައް ތަޅާލައި ކޮމާޝަލް ޔުނިޓުތަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ގްރައުންޑް ފްލޯގައި ކޮމާޝަލް ޔުނިޓްތައް ހަދާ ގޮތުން، އިމާރާތުގައި އުޅޭ މީހުންނަށް ބިރުވެރިކަން އޮތްކަމަށް ބުނެ ހިޔާ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ވަނީ ކޮމާޝަލް ސްޕޭސްގެ ގޮތުގައި ގްރައުންޑް ފްލޯ ބަދަލުކޮށް، އެޕާޓްމަންޓްގެ ފާރުތައް ތަޅާލައި ވިޔަފާރިތަކަށް ޖާގަ ހޯދާއިރު، އިމާރާތުގައި ވަޒަންވެރިވާ އާއިލާތަކަށް އޮތީ ހަރުކަށި އުސޫލުތަކެއް ކަމަށެވެ.

އެ ޔޫނިއަނުން ބުނި ގޮތުގައި އެއްވެސް ކަހަލަ ބެލުމެއްނެތި ކޮމާޝަލް ޔުނިޓްތަކުގެ ބެރިތައް ތަޅާ ފާރުކަނޑަމުން ގެންދާ ނަމަ އެ ފަދަ އުސް އިމާރާތްތަކަށް ދިގު މުއްދަތަށް ވިސްނާއިރު ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހިދާނެ އެވެ.

"އިމާރާތް އެ މައްޗަށް ބިނާވެފައިވާ މައި ތަނބުތަކަށް ގަސްތުގައި ދެވޭ މިފަދަ ގެއްލުންތަކުގެ ސަބަބުން އިމާރާތުގައި ރެނދުލައި އިމާރާތް ބަލިކަށިވެ ކުރު މުއްދަތެއްގެ ތެރޭގައި ތަނުގައި މީހުންނަށް ނޫޅެވޭވަރު ވުމަކީ އެކަށީގެންވާ ކަމެކެވެ." ކަންބޮޑުވުން ފާޅުކޮށް ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ސުހައިލް "މިހާރު" އަށް ކުރިން އިންޓަވިއު ދެއްވަނީ: ކޮމާޝަން ޔުނިޓްތަކަށް ބައެއް ފްލެޓްތަކުގެ ގްރައުންޑް ފްލޯ ބަދަލުކުރަން ކޮންކްރީޓް ބައިތަކެއް ނުތަޅާނެ ކަމަށް ވިދާޅުވި.--- ފައިލް ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ސުހައިލް "މިހާރު" އަށް ކުރިން އިންޓަވިއު ދެއްވަނީ: ކޮމާޝަން ޔުނިޓްތަކަށް ބައެއް ފްލެޓްތަކުގެ ގްރައުންޑް ފްލޯ ބަދަލުކުރަން ކޮންކްރީޓް ބައިތަކެއް ނުތަޅާނެ ކަމަށް ވިދާޅުވި.--- ފައިލް ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ނަމަވެސް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަަރު ސުހައިލް އަހުމަދު "މިހާރު" އަށް ވިދާޅުވީ، އެ މަސައްކަތް ކުރިއަށް ގެންދާއިރު ކޮންކްރީޓް އެއްވެސް ތަނެއް ނުތަޅާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ތަޅައިލަނީ ފާރު އެކަނި. ތަޅައިލާ ބައިގެ ތެރޭގައި ނުހިމެނޭނެ ތަނބުތަކެއް، ކޮންކްރީޓް ބައިތަކެއް. އެހެންވީމާ މުޅި އިމާރާތަށް އެއްވެސް ގެއްލުމެއް ނުވާނެ،" ސުހައިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މަސައްކަތް ކުރަނީ ވެސް އިންޖީނިއަރުނާ މަޝްވަރާކުރުމަށް ފަހު އެ މީހުން އަންގާފައިވާ ގޮތަށެވެ.

ކޮމާޝަލް ބޭނުންތަކަށް ފްލެޓްގެ އެންމެ ތިރި ދޫކުރަން ފަށާފައިވާއިރު އެތަންތަން ލިބުނު ބައެއް ވިޔަފާރިތަކުން ވިޔަފާރި ފެށުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ. މިހާތަނަށް އަދި އެއްވެސް ބަޔަކަށް އެތަނުގައި ހިދުމަތެއް ފެށިފައެއް ނުވެ އެވެ.