Roadha Mihaaru
ކެޔޮދޫ ސްކޫލުން 12،000 ކިލޯ ޕްލާސްޓިކް އެއްކޮށްފި

އެއާ ޗެލެންޖުގައި ކެޔޮދޫ ސްކޫލުން 12،000 ކިލޯގެ ޕްލާސްޓިކް އެއްކޮށްފި

13 ސެޕްޓެމްބަރ 2021

ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ސްކޫލުތަކަށް އަމާޒުކޮށްގެން ޕާލޭ މޯލްޑިވްސް އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ "އެއާ ޗެލެންޖު" ގެ ފުރަތަމަ މަރުހަލާ ވ. ކެޔޮދޫ ސްކޫލުން ކާމިޔާބުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ސްކޫލުތަކަށް އަމާޒުކޮށްގެން ޕާލޭ މޯލްޑިވްސް އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ "އެއާ ޗެލެންޖު" ގެ ފުރަތަމަ މަރުހަލާ ވ. ކެޔޮދޫ ސްކޫލުން ކާމިޔާބުކޮށްފި އެވެ.

އެ ސްކޫލްގެ ދަރިވަރުން އިއްޔެ ވަނީ 12،000 ކިލޯ އަށް ވުރެ ގިނަ ޕްލާސްޓިކު ކިރައި އެ ޗެލެންޖް ފުރިހަމަކޮށްގެން ހަދިޔާއަކަށް އައުޓްޑޯ ސައުންޑް ސިސްޓަމެއް ހޯދައިފަ އެވެ.

ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޗެލެންޖުގައި ބަލަނީ އުކާލާ ޕްލާސްޓިކް އެއްކޮށް، ސިންގަލް ޔޫސް ޕްލާސްޓިކްގެ ބަދަލުގައި އެހެން ތަކެތި ބޭނުންކޮށް އަދި ތިމާވެއްޓަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުމަށެވެ. މި ޗެލެންޖުގެ ކޮންމެ މަރުހަލާއެއްގައި ޕޮއިންޓް ދޭ ގޮތަށް ވަކި ޓާގެޓެއް ވަނީ ކަނޑައަޅައިފަ އެވެ. އަދި އެންމެ ފުރަތަމަ އެ ޓާގެޓް ހާސިލުކުރާ ސުކޫލަކަށް، އެ މަރުހަލާއަކުން އެއް ވަނަ ލިބޭނެ އެވެ.

މި ޗެލެންޖުގެ ދަށުން ފުރަތަމަ މަރުހަލާގައި ކެޔޮދޫ ސްކޫލްގެ ދަރިވަރުން ވަނީ 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް 12،795 ކިލޯގެ ޕްލާސްޓިކު އެއްކޮށްފަ އެވެ. އެ ސްކޫލަށް ޕޮއިންޓް ގިނައިން ލިބުނު އިތުރު ކަންކަމުގެ ތެރޭގައި ޕްލާސްޓިކާ ދެކޮޅަށް ކޮށްފައިވާ ގިނަ މަސައްކަތްތައް ވެސް ހިމެނެ އެވެ.

ޖެނުއަރީގައި ފެށި މި ޗެލެންޖުގެ މަގުސަދަކީ ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމާއި ކުނީގެ ގޮތުގައި ވެއްޓަށް ޕްލާސްޓިކް ދިޔަނުދީ ހިފެހެއްޓުމުގެ އިތުރުން ޕްލާސްޓިކާ ނުލައި ކަންކަން ކުރެވޭނެ ގޮތަކަށް ދަރިވަރުންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަށް ހިތްވަރުދިނުމެވެ.

މި އިނާމު ދަރިވަރުންނާ ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

ކެޔޮދޫ އަށް ކުރެއްވި ދަތުރުގައި މިނިސްޓަރު ވަނީ އެ ރަށުގެ ސްކޫލާއި މުއައްސަސާތަކާއި ޖަމިއްޔާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.

ޕާލޭ އިން އިންތިޒާމުކޮށްގެން އިއްޔެ ވަނީ ކެޔޮދޫ ސްކޫލްގެ ދަރިވަރުންނަށް ސްނޯކްލިން އިވެންޓެއް ވެސް ބާއްވައިފަ އެވެ. މިނިސްޓަރު ވެސް ބައިވެރިވެވަޑައިގެންނެވި މި އިވެންޓުގައި ސްނޯކްލިން އަށް ދިޔައީ މިހާރު ވަރަށް މަޝްހޫރު ސައިޓެއް ކަމަށްވާ ކެޔޮދޫ ކައިރިން އަޑިއަށް ގޮސްފައި އޮންނަ ބޯޓު ކައިރިއަށެވެ.