Roadha Mihaaru

ފުރަތަމަ ފަހަރަށް ކެޔޮދޫ ސްކޫލުގެ ކުދިން އޭލެވެލްގެ ގަދަ 10 އަށް

ވ. ކެޔޮދޫ ސްކޫލުގެ ތިން ކުއްޖަކު އޭލެވެލް އިމްތިހާނުގެ ގަދަ 10 ގައި ފުރަތަމަ ފަހަރަށް ހިމެނިއްޖެ އެވެ.

ފުރަތަމަ ފަހަރަށް ކެޔޮދޫ ކުދިން އޭލެވެލް ގަދަ 10ގައި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

21 ޖެނުއަރީ 2025

ވ. ކެޔޮދޫ ސްކޫލުގެ ތިން ކުއްޖަކު އޭލެވެލް އިމްތިހާނުގެ ގަދަ 10 ގައި ފުރަތަމަ ފަހަރަށް ހިމެނިއްޖެ އެވެ.

މީގެ ހަތަރު އަހަރު ކުރިން 2021 ގައި އޭލެވެލަށް ކިޔަވައިދޭން ފެށި ކެޔޮދޫ ސްކޫލްގެ ދެވަނަ ބެޗުގައި ހިމެނުނު 11 ކުދިން މިދިޔަ އަހަރުގެ އޮކްޓޫބަރު/ނޮވެމްބަރު މަހު ބޭއްވި އޭލެވެލް އިމްތިހާނުގައި ބައިވެރިވިއިރު، އޭގެ ތެރެއިން ތިން ކުއްޖަކު ގަދަ 10 އިން ޖާގަ ހޯދި އެވެ.

އެކަމަކު، ކެޔޮދޫ ސްކޫލްގެ އޭލެވެލްގެ ފުރަތަމަ ބެޗުގެ ކުދިން 2023 ގެ އިމްތިހާނުގައި ބައިވެރިވިޔަސް އެ ފަހަރު ގަދަ 10 އިން ފުރުސަތެއް ނުހޯދުނެވެ. ނަމަވެސް، އޭލެވެލްގެ ދެވަނަ ބެޗުގެ ކުދިން މި ފަހަރު ހޯދީ 202 ކުދިން ކިޔަވަމުން އަންނަ ކެޔޮދޫ ސްކޫލުގެ މެނޭޖުމަންޓާއި މުޅި ރަށް ފަހުރުވެރިވާ ނަތީޖާއެއް ކަމަށް އެ ސްކޫލުގެ އިސްވެރިން ދެކެވަޑައިގަންނަވަ އެވެ.

ގަދަ 10 ގައި ހިމެނުނު ކުދިންނާއި އެ ކުދިންގެ ރޭންކުތައް:

- ހުސައިން ސިމާހު އިބްރާހިމް (ހަ ވަނަ)

- ހަމްދާ ހަމީދު ހަސަން (ނުވަ ވަނަ)

- އަހުމަދު މާހިލް އިބްރާހިމް (10 ވަނަ)

އާބާދީގައި 900 އެއްހާ މީހުން ދިރިއުޅޭ ކެޔޮދޫ ސްކޫލުގެ ޕްރިންސިޕަލް ޒައީމާ ހުސައިން ވިދާޅުވީ، އެ ކުދިންނަށް ފަހުރުވެރި ކާމިޔާބީއެއް ލިބުނީ ޓީޗަރުންނާއި ބެލެނިވެރިންގެ ބުރަ މަސައްކަތުން ކަމަށެވެ.

"މިކޮޅުގައި [ކެޔޮދޫ ސްކޫލުގައި] އެންމެ ޓީޗަރެއް، އިކޮނޮމިކްސް ޓީޗަރު އެކަނި ހުންނަނީ އޭލެވެލަށް ކިޔަވައިދޭ ޓީޗަރަކަށް. ދެން އެއްކޮށް ވެސް އަޅުގަނޑުމެންގެ ތިބެނީ އޯލެވެލް އަށް ކިޔަވައިދޭ ޓީޗަރުން. އޯލެވެލަށް ކުދިން ތައްޔާރު ކުރަމުން އޭލެވެލަށް ވެސް ޓީޗަރުން ކުދިން ތައްޔާރު ކުރީ،" ވ. އަތޮޅުގައި އެންމެ އާބާދީ ބޮޑު ރަށުގެ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީގެ އިތުރުން މާލޭގެ އެހެން ބައެއް ސްކޫލުތަކާ ގުޅިގެން ސްޓަޑީ ކޭމްޕުތައް ވެސް ކެޔޮދޫ ސްކޫލުން ބޭއްވި އެވެ. އަދި ފެންވަރު ރަނގަޅު ޓީޗަރުން ރަށަށް ގެންގޮސްގެން ސެޝަންތައް ނެގި ކަމަށް ވެސް ޒައީމާ ވިދާޅުވި އެވެ.

"ޓީޗަރުންނާއި ބެލެނިވެރިންގެ މަސައްކަތް މިއީ. ބެލެނިވެރިން ވެސް އެތައް ހަރަދެއްކޮށް، އަޅުގަނޑުމެން ބުނި ކޮންމެ ކަމެއްގައި އެހީތެރިވި. އެހާ ބޮޑު ހަރަދެއްކޮށް، ބޮޑު ޒިންމާއެއް އުފުލި، ދަތުރު ކުރުމާއި ސްޓަޑީ ކޭމްޕް ތަކަށް،" އޭނާ ވިދާޅުވި އެވެ.

އެ ރަށުގައި އޭލެވެލަށް ކިޔަވައިދޭން ފެށި ފަހުން މާލެއަށް ކިޔަވަން އަންނަ ކުދިންގެ އަދަދު މަދެވެ. މި ފަހަރުގެ އޭލެވެލްގެ ނަތީޖާ އިން އެނގުނީ ޒައީމާ ވިދާޅުވި ގޮތުގައި، ރަށުގައި ތިބެގެން ވެސް ރަނގަޅު ނަތީޖާއެއް ހޯދިދާނެ ކަމެވެ.