Roadha Mihaaru
ހުސައިން އެމްޑީޕީއަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު

އެމްޑީޕީގެ އިންތިހާބަށް ޑރ. ހުސައިން ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު، އޭނާ އެކަން ދޮގު ކުރައްވާ

13 ސެޕްޓެމްބަރ 2021

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރައްވާ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ތުހުމަތު ކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރައްވާ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ތުހުމަތު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ގުޅައި، ނަން ނެގުމަށް ޑރ. ހުސައިން އަންގަމުންދާ ކަމަށެވެ.

"އެމްޑީޕީ މީހެއް ވެސް ނޫން މިއީ. ދެން އެ ޕާޓީއަކު ވާދަ ކުރުމެއް އޮންނަނީކީއެއް ނޫން. އެ މުޑުދާރުކަން ކޮންމެހެން އަޅުގަނޑުމެންގެ ޕާޓީ އަށް ގެންނަން ކޮން ކަމެއްތޯ މިއީ،" ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ އިސް މެމްބަރު ޑރ. ހުސައިންއާ ގުޅޭ ގޮތުން ވައްޑެ ވިދާޅުވި އެވެ.

އެމްޑީޕީގެ އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ވައްޑެ ތުހުމަތު ކުރެއްވި ނަމަވެސް "މިހާރު" އިން މިއަދު ސުވާލު ކުރުމުން ޑރ. ހުސައިން އެކަން ދޮގުކުރެއްވި އެވެ.

އޭނާ ވިދާޅުވީ އޭނާ އެއްވެސް ކެންޑިޑޭޓެއްގެ ނަން ނަގަން އަންގަވާފައި ނުވާ ކަމަށެވެ. އަދި ގާނޫނީ ގޮތުން މަނާ ކަމެއް ކުރައްވާފައި ނުވާ ކަމަށާއި އަހުލާގީ ގޮތުން ވެސް ކުރަން އެކަށީގެން ނުވާ އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ.

ދައުލަތުގެ ކުންފުނިތަކުގެ ވެރިން ވަޒީފާގެ ބިރާއި ވަކި މީހަކަށް ކެމްޕެއިން ކުރަން ލާޒިމު ކުރުމާއި ދައުލަތުގެ އެންމެ މަތިން އެމްޑީޕީގެ އިންތިހާބަށް ކުއްލިއަކަށް ހަރަކާތްތެރިވެ، ބަޖެޓުގައި ވެސް ނެތި ހަރަދު ކުރަމުން ގެންދާ ކަމަށް ވެސް ވައްޑެ ވިދާޅުވި އެވެ.

"އެންމެ ބޮޑު ވައުދަކީ ތަފާތު ނުކުރަން ވެގެންނޭ ކިޔައިގެން 2018 ގައި ވެރިކަމަށް އައީ. އިންސާފު ގާއިމު ކުރާށޭ ކިޔައިގެން ވެރިކަމަށް އައީ. ވަޒީފާގެ ބިރު ނުދައްކާނަމޭ ކިޔައިގެން ވެރިކަމަށް އައީ. ރަށްރަށާއި ދާއިރާތަކުގެ މެދުގައި އަދި ނިސްބަތްވާ އާއިލާތަކުގެ މެދުގައި ތަފާތު ނުކުރާނަމޭ ކިޔައިގެން ވެރިކަމަށް އައީ،" ވައްޑޭ ވިދާޅުވި އެވެ.

ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު އޮންނާނީ މި މަހުގެ 25 ގަ އެވެ.