Roadha Mihaaru
އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ނުކުރާތީ ގަރާރެއް!

ސަރުކާރުގެ ސިޔާސަތުތައް އެމްޑީޕީގެ މެނިފެސްޓޯ އާ އެއްގޮތަށް އަނބުރާލަން ގޮވާލައިފި

20 ފެބުރުއަރީ 2023

އެމްޑީޕީގެ މެނިފެސްޓޯ އާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރަން ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމްޑީޕީގެ މެނިފެސްޓޯ އާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރަން ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

އެ ގަރާރު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) އެވެ. އޭނާއަކީ އެމްޑީޕީގައި މިހާރު އުފެދިފައިވާ ފެކްޝަންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގައި އިސްކޮށް ހަރަކާތްތެރިވާ މެންބަރެކެވެ.

ވައްޑޭ ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ރައްޔިތުންގެ ކަންކަން ނިންމުމާއި ހިންގުމުގެ ބާރު ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށް އެމްޑީޕީގެ އަސާސީ ގަވައިދުގައި ބަޔާން ކޮށްފައިވާ ކަމަށާއި އެގޮތުގެ މަތިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އިން ވައުދުތަކެއްގެ ގޮތުގައި މެނިފެސްޓޯއެއް އެކުލަވާލާފައިވާ ކަމަށެވެ.

އެމްޑީޕީން 2008، 2013 އަދި 2018 ވަނަ ރިޔާސީ އިންތިހާބުގައި ވެސް އެކުލަވައިލި އެ މެނިފެސްޓޯ އާންމު ކޮށްފައިވާ ކަމަށާއި އެއަށް ރައީސުލްޖުމްހޫރިއްޔާ އާއި އެހެނިހެން ސިޔާސީ ބޭފުޅުން ވެސް އަމަލު ކުރުމަކީ ވަރަށް އަސާސީ ކަމެއް ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

އެހެން ނަމަވެސް މި ސަރުކާރުގެ ސިޔާސާތުތައް ގެންގުޅެނީ އެ މެނިފެސްޓޯގައިވާ މައިގަނޑު ގިނަ އަސާސްތަކާ ދިމާ އިދިކޮޅަށް ކަމަށާއި އެހެންކަމުން ރައްޔިތުން ނުހަނު ކަންބޮޑުވެ ނުރުހުންވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމާއި ބޯހިޔާވެހިކަމުގެ ވައުދާއި ފުދުންތެރިކަމާއި އާމްދަނީ މަތި ކުރުމަށް އެމްޑީޕީން ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަސްވެރިކަމާއި ފަތުރުވެރިކަމާއި ގެސްޓްހައުސް ވިޔަފާރިތައް ފުޅާކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައިވާ ސިޔާސަތުތަކާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތުތައް އަނބުރާލަން އެ ގަރާރުގައި ވަނީ ގޮވާލައިފަ އެވެ.

ސަރުކާރުން އަމަލު ކުރަމުން އަންނަނީ އެމްޑީޕީގެ "ޖަޒީރާ މެނިފެސްޓޯ" އަކަށް ނޫނެވެ. އެ މައްސަލާގައި ރައީސް އޮފީހުން ކުރިން ބުނެފައި ވަނީ ސަރުކާރުން އަމަލު ކުރަމުން އަންނަނީ މިވެރިކަން އުފެއްދުމުގެ ކޯލިޝަން ޕާޓީތަކަށް އެއްބަސްވެވުނު ގޮތަށް ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ އަށް ކަމަށާއި އޭގެ ތެރެއިން އެމްޑީޕީގެ މުހިންމު އަސާސްތަކަށް އަމަލު ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން ބުންޏެވެ.