Roadha Mihaaru
ކޮވިޑްގެ ސަބަބުން ހަމަހަމަކަން ގެއްލިއްޖެ: ޝާހިދު

ކޮވިޑްގެ ސަބަބުން މުޖުތަމައުގެ ހަމަހަމަކަން ގެއްލިއްޖެ: ޝާހިދު

24 އޮކްޓޯބަރ 2021

ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މުޖުތަމައުގައި އޮންނަން ޖެހޭ ހަމަހަމަކަން ގެއްލިފައިވާ ކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މުޖުތަމައުގައި އޮންނަން ޖެހޭ ހަމަހަމަކަން ގެއްލިފައިވާ ކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ "ޔުނައިޓެޑް ނޭޝަންސް ޑޭ" ގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި ޝާހިދު ވިދާޅުވީ އދ. ގެ ޗާޓަރުގައި ބަޔާންކޮށްފައިވާ އަސާސްތަކުގެ މައްޗަށް، ހުރިހާ މެމްބަރު ގައުމުތަކާ ގުޅިގެން އަދި މަލްޓިލޭޓަރަލިޒަމްގެ ރޫހު ދަމަހައްޓައިގެން ރާއްޖެއިން މަސައްކަތްކުރަނީ ކޮވިޑްގެ ބަލިމަޑުކަމާއި މޫސުމަށް އަންނަ ބަދަލުތަކާއި ޓެރަރިޒަމް ފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ކަމަށެވެ.

ޝާހިދު ވިދާޅުވީ ކޮވިޑްގެ ސަބަބުން މުޖުތަމައުގެ ހަމަހަމަކަން ގެއްލިފައިވާ ކަމަށެވެ.

ކޮވިޑްގެ ވަބާއިން ދުނިޔެ އަރައިގަތުމަށް ކުރާ މަސައްކަތަކީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ ހައިސިއްޔަތުން އެންމެ ބޮޑު އިސްކަންދެއްވާނެ މަސައްކަތް ކަމަށް އެ މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހު ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

އދ. ގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް މަލްޓިލޭޓަރަލިޒަމް އާއި ޑިޕްލޮމަސީ އަށް ކުރާ އިތުބާރު ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"އެންމެންނަށް ވެސް އުފާވެރި މުސްތަގުބަލެއް ލިބޭނެ ކަމުގެ އުއްމީދުގައި، އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އާއި އަދުލް އިންސާފާއި ހަމަހަމަކަން ހުރިހާ ގައުމުތަކަށް ވެސް ހޯދައިދިނުމުގެ މަސައްކަތުގައި ރާއްޖެ އަބަދު ވެސް އދ. އާ އެކު ސާބިތުކަންމަތީ މަސައްކަތްކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވަން،" އދ. އަށް 76 އަހަރު ފުރުމާ ގުޅުވައިގެން ދެއްވި ހިތާބުގައި ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އދ. ގެ މެމްބަރަކަށް ރާއްޖެ 1965 ގައި ވީއިރު، އެންމެ ކުޑަކޮށް ތަރައްގީވެގައިވާ ގައުމުތަކުގައި ތެރޭގައި އަދި ގައުމުތަކުން އެންމެ ފުރަތަމަ އދ. އާ ގުޅުނު ގައުމުތަކުގެ ތެރޭގައި ވެސް ރާއްޖެ ހިމެނުނުނު ކަމަށާއި އެކަމަކު ކިތަންމެ ކުޑަ ގައުމަކަށް ވިޔަސް، އަބަދު ވެސް ރާއްޖެ އަކީ އދ. ގައި ވަރަށް ހަރަކާތްތެރި ގައުމެއް ކަމަށެވެ.

އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖޭގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށް އިންތިހާބުކުރުމުން، ބައިނަލްއަގުވާމީ މުޖުތަމައުއިން ރާއްޖެ އަށް ކުރާ އިތުބާރު ހާމަވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"ރާއްޖޭގެ ކެންޑިޑޭޓްގެ ހައިސިއްޔަތުން އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި އަޅުގަނޑު މަސައްކަތް ކުރުމަކީ، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ހުރިހާ ގައުމެއް ގުޅިގެން މަސައްކަތްކޮށްގެން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި އެޖެންޑާ 2030 އާއި ޕެރިސް އެގްރީމެންޓްގައިވާ ލަޑުދަނޑިތައް ކާމިޔާބުކުރެވޭނެ ކަމަށެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމާ މިދިޔަ މަހުގެ 14 ގައި ރަސްމީކޮށް ހަވާލުވެވަޑައިގެންނެވި ޝާހިދު އެ މަގާމު އެއް އަހަރުގެ މުއްދަތަށް އަދާކުރައްވާނެ އެވެ. އޭނާ އެ މަގާމު އަދާކުރައްވަނީ ރާއްޖޭގެ ހާރިޖީ ވަޒީރުކަމުގެ މަސްއޫލިއްޔަތާއި ޒިންމާ ވެސް ނަންގަވަމުންނެވެ.