Roadha Mihaaru
ދެ މެމްބަރަކަށް ފައިސާ ދޭން އެއްބަހެއް ނުވޭ:އެމްއެންޕީ

މެމްބަރު މުހުސިނާއި ނަޝީދަށް ފައިސާ ދޭން އެއްބަސްވެފައެއް ނުވާނެ: އެމްއެންޕީ

23 ސެޕްޓެމްބަރ 2021

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އަށް ފައިސާ ދޭން އެއްބަސްވެފައި ނުވާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އަށް ފައިސާ ދޭން އެއްބަސްވެފައި ނުވާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އެމްއެންޕީ އުފެއްދުމުގެ މަސައްކަތް އިއުލާން ކުރިއިރު، އެންމެ ކުރީ ސަފުގައި އެ ދެ މެމްބަރުން ހަރަކާތްތެރިވި ވަޑައިގެންނެވި ނަމަވެސް އެ ޕާޓީ އަށް ސޮއެއް ނުކުރައްވަ އެވެ. އަދި ވަކި ހިސާބަކުން މުހުސިނާއި ނަޝީދު ވެސް ވަނީ އެމްއެންޕީގެ ހަރަކާތްތަކުން ފެއަށް ޖެހިވަޑައިގެންފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމަށް ވިލިމާލެ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ އެއް ފައުންޑިން މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ، އެމްއެންޕީ އުފެއްދުމަށް ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރެއް ކަމަށާއި އެކަމާ ގުޅޭ ގޮތުން މެންބަރުންގެ މެދުގައި ލިޔުމެއްގައި ސޮއި ވެސް ކޮށްފައިވާ ކަމަށެވެ.

އެމްއެންޕީ ރަޖިސްޓަރީ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅީ ވެސް ފަސް މެންބަރުންގެ ނަމުގައި ކަަމަށާއި ނަމަވެސް ޕާޓީއެއް ރަޖިސްޓަރީ ކުރެވޭނީ އެއް މެންބަރެއްގެ ނަމުގައި ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.

"ފަސް މެންބަރުންގެ ނަމުގައި ޕާޓީއެއް ރަޖިސްޓާ ކުރުމުގެ ފުރުސަތެއް ނުލިބުނު. އެ ސަބަބަށްޓަކައި އަޅުގަނޑުގެ ނަމުގައި ޕާޓީ އުފެއްދީ. އެ ފަސް މެންބަރުން އެއްބަސްވީ އެކަކު ހުށަހަޅާ ނަމަ ހުށަހަޅާނީ އަޅުގަނޑުގެ ނަން ކަމަށް،" އުޝާމް ވިދާޅުވި އެވެ.

އޭގެ ފަހުން ޕާޓީގެ ޖަލްސާތަކާއި އެހެން ހަރަކާތްތަކުގައި ވެސް ޖޭފޯ އާއި މޮސްޓާ ބައިވެރިވި ކަމަށާއި "ފައިސާއެއް ނުދީގެން" އެއްވެސް ހިތްހަމަ ނުޖެހުމެއް ފާޅުކޮށްފައި ނުވާ ކަމަށް އުޝާމް ވިދާޅުވި އެވެ. އަދި މިއަދާ ހަމައަށް ވެސް އެފަދަ ޝަކުވާއެއް އެ މެންބަރުން ނުކުރައްވާ ކަމަށާއި އެ މެންބަރުންނަށް ފައިސާ ދިނުމަށް އެއްބަސްވެފައި ނުވާނެ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހަމަ ޔަގީންކަމާއެކީ ދަންނަވަން ކެރިދާނެ އަޅުގަނޑެއް، ދަނގެތީ ދާއިރާގެ މެންބަރު ނާޒިމް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒް ވެސް އެ ބޭފުޅުންނަށް (މޮސްޓާ އާއި ޖޭފޯ) އަށް ފައިސާއެއް ދިނުމަށް އެއްބަސްވެފައި ނުވާނެ،" އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ އެފަދަ ވާހަކަތައް އެ ދެ މެންބަރުން ދައްކަވަން ޖެހޭ ސަބަބެއް އޭނާއަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ހުރި ހިތްހަމަ ނުޖެހުންތައް ހައްލުކޮށް، ފުރަތަމަ އެއްބަސްވި ގޮތަށް ޖޭފޯ އާއި މޮސްޓާ އެމްއެންޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީއެއް ގޮތުގައި އެމްއެންޕީ ރަޖިސްޓާ ކުރުމަށް 5،300 މެންބަރުންގެ ފޯމާއެކު އީސީއަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ. އެ ޕާޓީން މިއަދު ބުނި ގޮތުގައި ކުރިޔަށް އޮތް ހަފްތާ ތެރޭގައި އެ ޕާޓީއަށް ހުއްދަ ލިބޭނެ ކަމަށް ގަބޫލު ކުރެވެ އެވެ. އަދި ހުއްދަ ލިބުމާއެކު އެ ޕާޓީގެ އިންތިގާލީ މަގާމުތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާނެ ކަމަށް އެ ޕާޓީން ބުންޏެވެ.