Roadha Mihaaru
ތާލިބާނުންނާ ވާހަކަ ދެއްކުން ނޫން ހައްލެއް ނެތް: އީޔޫ

ތާލިބާނުންނާ ވާހަކަ ދެއްކުން ނޫން ހައްލެއް ނެތް: އީޔޫ

15 ސެޕްޓެމްބަރ 2021

އަފްގާނިސްތާނަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ އަދި ސިޔާސީ މައްސަލަތައް ހައްލު ކުރުމަށްޓަކައި، މިހާރު އެ ގައުމުގައި ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތާ އެކުގައި ވާހަކަ ދެއްކުން ނޫން ގޮތެއް ނެތް ކަމަށް ވިލާތުގެ އިއްތިހާދުން ބުނެފި އެވެ.

އަފްގާނިސްތާނަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ އަދި ސިޔާސީ މައްސަލަތައް ހައްލު ކުރުމަށްޓަކައި، މިހާރު އެ ގައުމުގައި ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތާ އެކުގައި ވާހަކަ ދެއްކުން ނޫން ގޮތެއް ނެތް ކަމަށް ވިލާތުގެ އިއްތިހާދުން ބުނެފި އެވެ.

ވިލާތުގެ އިއްތިހާދުގެ ގާނޫނުހަދާ މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވަމުން އެ އިއްތިހާދުގެ ހާރިޖީ ސިޔާސަތުތަކާ ބެހޭ އެންމެ އިސް ވެރިޔާ ޖޯސެފް ބޮރެލް ވިދާޅުވި ގޮތުގައި ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަމަށް އައިސް ހަނގުރާމަ ނިމުމަކީ، މައްސަލައިގެ ނިމުމެއް ނޫނެވެ. އަދި މިހާރު ހިނގާ ކަންކަމަށް ރަނގަޅު ބަދަލެއް ގެނައުމުގެ ފުރުސަތު މިހާރު ވެސް އެބަ އޮތް ކަމަށާއި، އެކަމަށްޓަކައި ތާލިބާނުންނާ ވާހަކަ ދެއްކުން ނޫން އިހުތިޔާރެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވިލާތުގެ އިއްތިހާދު ހާރިޖީ ވަޒީރުންނާ އެކުގައި އެއްބަސްވެވުނީ، ތާލިބާނުންނާ އެކުގައި މުއާމަލާތު ކުރާނެ ގޮތާއި މުއާމަލާތު ކުރާނެ ފެންވަރު ބިނާވެގެން ދާނީ، ތާލިބާނުންގެ އާ ސަރުކާރުގެ އަމަލުތައް ހުންނަ ގޮތެއްގެ މައްޗަށް ކަމަށް،" ބޮރެލް ވިދާޅުވި އެވެ.

މީގެ އިތުރުން އަފްގާނިސްތާނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ފެށުމަށާއި، ޑިޕްލޮމެޓިކް ގުޅުން އަލުން ބަދަހިކުރުމަށް ވެސް ވިލާތުގެ ހާރިޖީ ވަޒީރުން އިއްޔެ ޝަރުތުތަކެއް ކަނޑައެޅުއްވި އެވެ. އޭގެ ތެރެއިން އެންމެ މުހިންމު ދެ ޝަރުތަކީ އިންސާނީ ހައްގުތަކަށް ތާލިބާންގެ ސަރުކާރުން ފުރިހަމަ އަށް އިހްތިރާމް ކުރުމެވެ. އަނެއް ޝަރުތަކީ އަންހެނުންގެ ހައްގުތައް ފުރިހަމަ އަށް ހިމާޔަތް ކޮށްދިނުމެވެ.

އަނެއްކޮޅުން ތާލިބާނުންނާ އެކުގައި މިހާތަނަށް އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގަތަރުން ވެސް ބުނީ، ތާލިބާން ސަރުކާރު އެކަހެރިކޮށްލުމަކީ، އަފްގާނިސްތާނުގެ މައްސަލަތަކަށް އޮތް ހައްލު ނޫން ކަމަށެވެ.

"އަހަރެމެން މިހާރު ގަބޫލުކުރާ ގޮތުގައި އަފްގާނިސްތާނު އެކަހެރިކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން. އަދި ތާލިބާނުންނާ ގުޅުން ކަނޑައިލުމަކީ ވެސް މިހާރު ކުރެވެން އޮތް ކަމެއް ނޫން. ސަބަބަކީ، ތާލިބާނުން މިހާރު އެތިބީ އަފްގާނިސްތާނުގެ ވެރިކަމާ ހަވާލުވެފައި،" ސްޕެއިންގެ ހާރިޖީ ވަޒީރު ހޯސޭ މެނުއޭލްއާ އެކު ދޯހާގައި މަޝްވަރާ ކުރެއްވުމަށް ފަހު، ގަތަރުގެ ހާރިޖީ ވަޒީރު މުހައްމަދު ބިން އަބްދުއްރަހްމާން އާލް ސާނީ ވިދާޅުވި އެވެ.

އަފްގާނިސްތާނަށް މިހާރު ކުރިމަތިވެފައި އޮތް ހާލަތުން އެ ގައުމު ސަލާމަތް ކޮށްދޭން އެދޭ ނަމަ އޮތް ހަމައެކަނި ގޮތަކީ ތާލިބާނުންނާ ވާހަކަދެއްކުން ކަމަށް ވިދާޅުވެ، ގަތަރުގެ ހާރިޖީ ވަޒީރު ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވައިލެއްވީ، އަފްގާނިސްތާނު ސަރުކާރާ އެކުގައި މަޝްވަރާކޮށް ވާހަކަ ދެއްކުމަށެވެ.

އޭގެ އިތުރުން އަފްގާނިސްތާނު ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ އިންސާނީ މުސީބާތްތަކުން އެމީހުން ސަލާމަތް ކުރުމުގައި އެހީތެރިވެދިނުމަށް ވެސް، ގަތަރުގެ ހާރިޖީ ވަޒީރު، ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވައިލެއްވި އެވެ. އަފްގާނިސްތާނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ، ބޭރު ގައުމުތަކުގެ މީހުންނަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް ތާލިބާނުން ވެސް ވައުދުވެފައިވާ ކަމަށް ހާރިޖީ ވަޒީރު ވިދާޅުވި އެވެ.

އަފްގާނިސްތާނުން އެމެރިކާ ސިފައިން ކުއްލި ގޮތަކަށް ފައިބަން ނިންމުމާއި، އެމެރިކާ އިން ތަމްރީންކޮށްދިން އަފްގާނު ސިފައިން އެހާ ކުއްލި ގޮތަކަށް ބަލިވެގެން ދިޔުމާ ގުޅޭ ގޮތުން ސުވާލުކުރުމަށް، އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން، އެމެރިކާގެ ސެނެޓަށް ހާޒިރުކުރާނެ ކަމަށް، ސެނެޓްގެ ބައެއް މެންބަރުން މިހާރު ވަނީ އިންޒާރު ކޮށްފަ އެވެ.

ސެނެޓްގައި ހިމެނިވަޑައިގަންނަވާ ޑިމޮކްރެޓިކް މެންބަރު ބޮބް މެންޑޭޒް ވިދާޅުވި ގޮތުގައި މި މައްސަލައިގައި އެމެރިކާ އިން އަމަލުކުރި ގޮތް، ދިފާއީ ވަޒީރާ ސުވާލުނުކޮށް މުޅިން ސާފެއް ނުވާނެ އެވެ. ވަކިން ހާއްސަކޮށް، އެމެރިކާ އިން ތަމްރީނުކޮށްދިން އަފްގާނިސްތާނުގެ އަސްކަރިއްޔާ، އެހާ ފަސޭހައިން ބަލިކަށިވެގެން ދިޔަ ގޮތެއް އޮޅުންފިލުވަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.