Roadha Mihaaru
އެމްޑީޕީއަށް ހަތް މިލިއަން ރުފިޔާ ޖަމާކޮށްދީފި

އެމްޑީޕީއަށް ހަތް މިލިއަން ރުފިޔާ ޖަމާކޮށްދީފި

03 ޑިސެމްބަރ 2016

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭން ޖެހޭ ފައިސާގެ ތެރެއިން އެމްޑީޕީއަށް ހަތް މިލިއަން ރުފިޔާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޖަމާކޮށްދީފި ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭން ޖެހޭ ފައިސާގެ ތެރެއިން އެމްޑީޕީއަށް ހަތް މިލިއަން ރުފިޔާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޖަމާކޮށްދީފި ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ދޫނުކޮށް ހިފެހެއްޓުމަށް ފަހު، އެމްޑީޕީއަށް ޖަމާކޮށްދިން ކަން އެނގުނީ މިދިޔަ ބުރާސްފަތިދުވަހު ކަމަށެވެ.

އެމްޑީޕީއަށް ފައިސާ ޖަމާކޮށްދީފައި މިވަނީ، ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ނުދީ ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓާފައި ހުރުމުން އެޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން މިދިޔަ ހޯމަ ދުވަހު، އީސީގެ މެމްބަރުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައި ވަނިކޮށެވެ.

އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީތަކަށް ފައިސާ ދޫކުރަން ގާނޫނުގައި އޮވެ އެވެ. ދައުލަތުގެ ބަޖެޓުން މި އަހަރު 23 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޕާޓީތަކަށް ދޫކުރަން ވަނީ ނިންމައިފަ އެވެ.

އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބޭ ޕީޕީއެމުން ބުނީ އެ ޕާޓީއަށް ފައިސާ ޖަމާކުރިތޯ މާދަމާ ބެލުމަށް ފަހު، ހާމަކުރާނެ ކަމަށެވެ. ވެރިކަން ކުރާ ޕީޕީއެމަށް 10 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބެ އެވެ.

ޖުމްހޫރީ ޕާޓީން ބުނީ މިދިޔަ ބުރާސްފަތި ދުވަހު އޮފީސް ބަންދުކުރުމުގެ ކުރިން އެ ޕާޓީއަށް ފައިސާ ލިބިފައިނުވާ ކަމަށެވެ. ޖުމްހޫރީ ޕާޓީ އަށް ލިބެނީ 2.9 މިލިޔަން ރުފިޔާ އެވެ.

އެމްޑީއޭގެ އިސް ބޭފުޅަކާ ގުޅޭ ގޮތް ނުވުމުން، އެ ޕާޓީއަށް ފައިސާ ލިބުނުކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ. ސަރުކާރުގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭ އަށް ކަނޑައެޅީ 2.8 މިލިޔަން ރުފިޔާ އެވެ.

މެމްބަރުންގެ އަދަދު 10،000 އަށް ވުރެ ދަށްވުމުން އަދާލަތު ޕާޓީ އާއި ޑީއާރުޕީ އަށް މި އަހަރު ފައިސާ ދުލެއް ނުކުރެ އެވެ.

ކޮމިޝަނުން ބުނީ ޕާޓީތަކަށް ފައިސާ ދިނުމުގެ ހުރިހާ ކަމެއް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ފައިސާ ދޫކުރުން ލަސްކުރީ، ޕާޓީގެ މެމްބަޝިޕް ފޯމުތަކުގައި ފިންގަޕްރިންޓް ޖެހުމާ ގުޅޭ ގޮތުން އުފެދުނު މައްސަލައިގައި ކޯޓުން ގޮތެއް ނުނިންމާތީ ކަމަށް ވެސް އީސީން ބުނެ އެވެ.

އިނގިލީގެ ނިޝާން ނެތް މީހުން ޕާޓީތަކުގެ ދަފުތަރުން ކަނޑާލުމުން އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ އުނިވެފަ އެވެ. އެކަމަކު އެއީ ޕާޓީތައް އުފެދުނު އިރު މެމްބަރުންނަށް ވީ މީހުންނެވެ. އޭރު އިނގިލީގެ ނިޝާން ބޭނުމެއް ނުވެ އެވެ.