Roadha Mihaaru
ޝުޖާއުގެ މަސައްކަތް ސަރުކާރަށް ހަޖަމެއް ނުވި

މައްސަލަ ހުށަހެޅީ ފިޔަވަތީގެ ހަމަނުޖެހުން ކޮންޓްރޯލް ކުރަން ޝުޖާއު ކުރި މަސައްކަތް ހަޖަމު ނުވެގެން: އިދިކޮޅު

19 ސެޕްޓެމްބަރ 2021

ހުޅުމާލޭގެ "ފިޔަވަތީ" ގައި އުޅޭ ކުދިން މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އިސްދައުރެއް އަދާކުރެއްވި ކަމަށާއި އޭނާގެ މައްސަލަ ބަލައިދޭން އެލްޖީއޭގައި ރައްޔިތުންގެ މަޖިލީހުން އެދުނީ އޭނާގެ މަސައްކަތް "ހަޖަމު ނުވެގެން" ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިރޭ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލޭގެ "ފިޔަވަތީ" ގައި އުޅޭ ކުދިން މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އިސްދައުރެއް އަދާކުރެއްވި ކަމަށާއި އޭނާގެ މައްސަލަ ބަލައިދޭން އެލްޖީއޭގައި ރައްޔިތުންގެ މަޖިލީހުން އެދުނީ އޭނާގެ މަސައްކަތް "ހަޖަމު ނުވެގެން" ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިރޭ ބުނެފި އެވެ.

އިދިކޮޅުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަޅައިލާނެ ބަޔަކު ނެތް ކުދިން ބައިތިއްބާ މަރުކަޒު "ފިޔަވަތި" ގެ ހާލަތު ގޯސްވެ، އެ ތަނުގެ ތެރޭގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލް ނުވެ، އެ އިމާރާތުގައި އަލިފާން ރޯވާ ހިސާބަށް ދިޔައިރު ވެސް، އެ ކުދިން ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެ ތިބި ސިޔާސީ ވެރިން ފިޔަވަޅު ނާޅާއި ހާލަތު ގޯހުން ގޯހަށް ދިއުމަށް ދޫކޮށްލައިގެން ތިއްބައި އެ ހަމަނުޖެހުން ކޮންޓްރޯލްވީ ޝުޖާއު ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށެވެ.

"ފިޔަވަތި" ގައި ރޯވި އަލިފާންގަނޑު ނިއްވައިލުމުގައި ވެސް ސިފައިންނާ އެކު ޝުޖާއު މަސައްކަތް ކުރައްވައި، އެ ތަނުގައި ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި އޭނާ ވަނީ ނަމޫނާ ދައްކަވައިފަ އެވެ. އެހެންވެ، ސަރުކާރުގެ ކަމާބެހޭ އިދާރާތާކުން އެ މީހުންގެ ޒިންމާ އަދާނުކޮށް ތިބުމުން ފާޑުކިޔުން އަމާޒުވެފައި ވާތީ، ޝުޖާއު އަށް ފިޔަވަޅު އަޅަން އެންގީ ކަމަށް ބަޔާނުގައި ވެ އެވެ.

އެ މައްސަލަ އެލްޖީއޭ އަށް ހުށަހެޅި ނަމަވެސް ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ޝުޖާއު ފަހަތަށް ނުޖެއްސޭނެ ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

ދައުލަތުން ބަލަހައްޓާ ކުދިން ތިބޭ "ފިޔަވަތި" ގައި ހަމަނުޖެހުން ހިނގި ވަގުތު އެ ތަނުގެ އެތެރެއަށް ޝުޖާއު ވަދެވަޑައިގެންނެވި މައްސަލަ ފެންމަތިކޮށް، އޭނާ އެ މަގާމުން ސަސްޕެންޑް ކުރަން ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ވަނީ ނިންމައިފަ އެވެ.

ނަމަވެސް "މިހާރު" އާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް ކަން ވެސް ކުރައްވާ ޝުޖާއު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.

"އަޅުގަނޑަކީ މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރޭ ބުނީމާ އެ ރޭ ފިޔަވައްޗަށް ވެއްދީ. އެ ތަނުގައި ތިއްބެވި ވެރިން އަޅުގަނޑު ނުވެއްދި ނަމަ ކިހިނެއްތޯ އަޅުގަނޑު ވަންނާނީ؟ މިއަދު ހަވީރު ވެސް ޖެންޑާ މިނިސްޓަރު ފިޔަވަތީގައި އުޅުއްވާތީ، އެ ތަނުގައި މިހާރު ދިމާވެގެން އުޅޭ މައްސަލައިގައި ވާހަކަ ދައްކާލަން އެ ތަނަށް ވަންނަން އެދުނިން. އެކަމަކު އެ ތަނަށް ވަންނަން ހުއްދައެއް ނުލިބުނު،" ޝުޖާއު ވިދާޅުވި އެވެ.

ހުކުރު ދުވަހުގެ ރޭގެ ހަމަނުޖެހުންތަކާ ގުޅިގެން ކުދިންނަށް "ފިޔަވަތި" ގެ ފުރާޅުމައްޗަށް ނޭރޭ ގޮތަށް ހެދުމަށް، ޖެންޑާ މިނިސްޓްރީ އަށް އެންގުމަށް ވެސް ހިއުމަން ރައިޓްސް ކޮމިޓީން މިއަދު ވަނީ ނިންމައިފަ އެވެ.

ފިޔަވަތީގައި މައްސަލަތައް ބޮޑުވެ، ބައެއް ކުދިން އެ ތަނުން ބޭރަށް ނުކުމެ، ފުރާޅު މައްޗަށް އަރައި އެ ތަނުގައި ކުދިން ބަލަން ތިބޭ މީހުންނަށް ނުކިޔަމަންތެރިކަން ދައްކާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. ރޭގެ ވަގުތެއްގައި ވެސް "ފިޔަވަތި" ގެ ފުރާޅުމަތީގައި އެތައް ގަޑިއިރެއް ވަންދެން ކުއްޖަކު އިން ފޮޓޯތަކެއް އާންމުވި އެވެ. އަދި މައްސަލަ ބޮޑުވެ ހުކުރު ދުވަހު ވަނީ ފިޔަވަތީގައި އަލިފާން ވެސް ރޯކޮށްލައިފަ އެވެ.