Roadha Mihaaru
70،000 ޑޮލަރުގެ މުސާރައިން ފައިދާ ތިން ގުނައަށް

70،000 ޑޮލަރަށް މުސާރަ ހެދި ކުންފުނީގެ ފައިދާ ތިން ގުނަ ވެއްޖެ

21 ސެޕްޓެމްބަރ 2021

މީގެ ހަ އަހަރު ކުރިން މުވައްޒަފުންގެ އަހަރީ އާމްދަނީ 70،000 ޑޮލަރަށް ބޮޑުކޮށްދިން ކުންފުނީގެ ފައިދާ އޭގެ ފަހުން ތިން ގުނަވެ، އަދިވެސް އެ ހަމަ އެ އަދަދުގައި މުސާރަ ދެެމުން އަންނަ ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ހަ އަހަރު ކުރިން މުވައްޒަފުންގެ އަހަރީ އާމްދަނީ 70،000 ޑޮލަރަށް ބޮޑުކޮށްދިން ކުންފުނީގެ ފައިދާ އޭގެ ފަހުން ތިން ގުނަވެ، އަދިވެސް އެ ހަމަ އެ އަދަދުގައި މުސާރަ ދެެމުން އަންނަ ކަމަށް ބުނެފި އެވެ.

މިއީ އެމެރިކާގެ ސިއެޓްލްގެ ކްރެޑިޓް ކާޑު ޕްރެސޮސެސިން ކުންފުނި، ގްރެވިޓީ ޕޭމަންޓްސްގެ ވާހަކަ އެވެ. މީގެ ހަ އަހަރު ކުރިން އެޕްރީލް 13، 2015 ގައި އެތަނުގެ މުވައްޒަފުންނަށް އަހަރަކު ލިބޭ އެންމެ ދަށް އާމްދަނީ އަކީ 70،000 ޑޮލަރު (1,078,000ރ.) ކަމަށް ކަމަށް ކަނޑައެޅި އެވެ.

ކުންފުނީގެ ސީއީއޯ ޑޭން ޕްރައިސް ކުރިން އަހަރަކަށް ނަގަމުން ދިޔަ މިލިއަން ޑޮލަރުގެ މުސާރަ ވެސް މުވައްޒަފުންފެ އާމްދަނީއާ އެއްވަރަށް ތިރި ކުރި އެވެ. މި ބަދަލާ އެކި އޭނާގެ އަގުބޮޑު ލައިފްސްޓައިލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ދިރިއުޅުމުގެ ހަރަދުތައް ކުޑަރަން އަމިއްލަ ގެއެއް ވެސް ވިއްކާލި އެވެ.

މުވައްޒަފުންނަށް އަހަރަކު ލިބޭ އާމްދަނީ އާމްދަނީ މަދުވެގެން 70،000 ޑޮލަރަށް ހެދުމުން ވަރަށް ގިނަ އަމިއްލަ ވިޔަފާވެރިން ޑޭންގެ އެ ނިންމުމަށް ފާޑު ވެސް ކިޔާފައިވެ އެވެ.

އެގޮތުން އޭނާގެ އެ ނިންމުމުން ސަބަބުން އެއީ ބަނގުރޫޓްވުމާ ދިމާއަށް ދިއުން ކަމަށް ސިފަކޮށްފައިވެ އެވެ. އަދި މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭން ނިންމި ނިންމުން ބޮޑު ރިސްކެއް ގޮތަށް ސިފަކޮށް، އެއީ މާ ގިނަ ދުވަހަކަށް ހިފަހައްޓައިލެވޭނެ ކަމެއް ނޫން ނަމަވެސް ބުނެފައިވެ އެވެ.

ނަމަވެސް އެއިން އެއްވެސް ވާހަކައަކަށް ޑޭން މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ. އޭނާ ބޭނުންވީ ނިންމި ގޮތަށް ކުރިއަށް ގޮސް، އެކަމަކީ ކާމިޔާބު ކަމެއްކަން ސާބިތުކޮށް ދިނުމެވެ. އަދި ޑޭންގެ އެ ނިންމުން ވެގެން ދިޔައީ ވަރަށް ގިނަ ބައެއްގެ ލޯތްބާއި ތައުރީފް ވެސް އޮހުނު ކަމަކަށެވެ. ގިނަ ބަޔަކު އޭނާ ސިފަކުރީ ވެސް "ހީރޯއެއް" ގެ ގޮތުގަ އެވެ.

ކުންފުނީގެ މުސާރައިގެ އޮނިގަނޑަށް ހަ އަހަރު ކުރިން ގެނައި ބޮޑު ބަދަލާ އެކު، ޑޭންގެ މޫނުމަތިން މިހާރު ވެސް ފެންނަނީ އުފާވެރިކަމާއި ހިނިތުންވުމެވެ. ސީބީއެސް އަށް ދެއްވި އިންޓަވިއުއްގައި ކުންފުނީގެ އެ ބަދަލުގެ ސަބަބުން އައި ކުރިއެރުތައް އޭނާ ވަރަށް އުފަލާ އެކު ކިޔައިދެއްވި އެވެ.

ޑޭން ވިދާޅުވި ގޮތުގައި އޭނާ އެ "ރިސްކީ" ނިންމުމުން ނުކުތީ މުޅިން ވެސް ރަނގަޅު ނަތީޖާ އެވެ. އެގޮތުން ފާއިތުވި މުއްދަތުގެ ތެރޭގައި ކުންފުނިގެ ފައިދާ ތިން ގުނަ ބޮޑުވެފައިވާ ކަމަށާއި ނިންމުމާ ދޭތެރޭ މާޔޫސްވާން ޖެހޭ ވަރުގެ އެއްވެސް ކަމެއް ނެތް ވިދާޅުވި އެވެ. ޑޭން ވިދާޅުވި ގޮތުގައި މުސާރަ ބޮޑުުކުރަން ނިންމި ފަހުން ކުންފުނީގެ މުވައްޒަފުންގެ އަދަދު ވެސް ދެ ގުނަ އިތުރުވެފައިވެ އެވެ. މިހާރު ގްރެވިޓީ ޕޭމަންޓްސްގެ މުވައްޒަފުންގެ އަދަދަކީ 200 އެވެ.

"އަދިވެސް އަހަރެންގެ ހުރިހާ މުވައްޒަަފުންނަށް އަހަރަކު ހަތްދިހާސް ޑޮލަރުގެ އާމްދަނީއެއް ލިބޭ،" ޑޭން ވިދާޅުވި އެވެ. "އެކަމަކާ އެއްވެސް ސުވާލެއް ނެތް. މިއީ އަހަރެން ހިތްހަމަޖެހޭ ކަމެއް."

އޭނާ ކިޔައިދެއްވި ގޮތުގައި އޭރު އަމިއްލަ މުސާރަ އަށް ކުޑަކުރި ގޮތަށް އެއަށް ވެސް އެއްވެސް ބަދަލެއް ގެެނެސްފައެއް ނުވެ އެވެ. އެގޮތުން ޑޭންގެ އަހަރީ އާމްދަނީ އަކީ ކުންފުނީގެ އެހެން މުވައްޒަފުންނަށް ވެސް ލިބޭ އަދަދު ކަމަށް ވިދާޅުވި އެވެ.

"ކުންފުނި އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަރަމުން ފައިދާ އިތުރުވަމުން. އެއާ އެކު އަހަރެމެން އުފާވާ ކަހަލަ ނަތީޖާ ފެނުން ނޫން ކަމެއް ނެތް،" ޑޭން ބުންޏެވެ.

އޭނާ ބުނި ގޮތުގައި ގްރެވިޓީ ޕޭމަންޓުން ދައްކަމުން އަންނަ ނަމޫނާ އަކީ އެހެން ކުންފުނިތަކުން ވެސް ބަލައިގަންނަން ޖެހޭ ކަމެކެވެ. އަދި ޕްރައިވެޓް ކުންފުނިތަކުން އޭނާގެ އެ އުސޫލާ ދިމާއަށް ނުދާންވީ ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"ކުންފުންޏެއްގެ ހުރިހާ ވެސް ރައުސުލްމާލަކީ އިހުލާސްތެރިކަމާއި ތެދުވެރިކަމާ އެކު މަސައްކަތްކުރާ މުވައްޒަފުން. އަހަންނަކީ އަބަދު ވެސް މުވައްޒަފުންނާ އެކީގައި މަސައްކަތްކުރާ ވެރިއެއް،" ޑޭން ވިދާޅުވި އެވެ. "މުވައްޒަފުން ރުހޭ ގޮތަށް ދާން އެނގޭ ވެރިއަކަށް ނޯންނާނެ ފަސްއެނބުރި ބެލުމެއް. ގްރެވިޓީ ޕޭމަންޓްގެ ކާމިޔާބުގެ ސިއްރަކީ އެއީ."

އެ ކުންފުންޏަކީ 2004 ގައި އުފަންވި ކުންފުންޏެކެވެ. ގްރެވިޓީ ޕޭމަންޓްސް ވުޖޫދަށް އައީ ޑޭން އޭނާގެ ބޭބެ ލޫކަސް ޕްރައިޒާ އެކީގަ އެވެ.