Roadha Mihaaru

ޅަ ސިކުނޑިތަކުގައި ހަރުކަށި ފިކުރު އަށަގަންނުވާތަން ބަލަަން އަޅުގަނޑުމެނެެއް ނުތިބޭނަން: ރައީސް

ރާއްޖެއަކީ ފެށުނީއްސުރެ މެދުމިނުގެ އަގީދާ ގަބޫލުކުރާ ގައުމެއް ކަމަށާއި، ޅަ ސިކުނޑިތަކުގައި ހަރުކަށި ފިކުރު އަށަގަންނުވާތަން ބަލަން ސަރުކާރުން ނުތިބޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ހަރުކަށިފިކުރު އަށަގަންނަން ދުލެއް ނުކުރާނަން: ރައީސް
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

21 ސެޕްޓެމްބަރ 2021

ރާއްޖެއަކީ ފެށުނީއްސުރެ މެދުމިނުގެ އަގީދާ ގަބޫލުކުރާ ގައުމެއް ކަމަށާއި، ޅަ ސިކުނޑިތަކުގައި ހަރުކަށި ފިކުރު އަށަގަންނުވާތަން ބަލަން ސަރުކާރުން ނުތިބޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ތަގުރީރުކުރައްްވަމުން ރަައީސް ވިދާޅުވީ ރާއްޖެއަކީ ފެށުނީއްސުރެ މެދުމިނުގެ ދީނީ އަގީދާ ގަބޫލުކުރާ ގައުމަކަށް ވިޔަސް، ހަރުކަށިފިކުރުން މި ކުޑަކުޑަ ރާއްޖެ ވެސް ސަލާމަތް ނުވި ކަމަށެވެ. އެގޮތުން ހަރުކަށި ފިކުރުގެ ތެރެއިން ރާއްޖެ އަށް މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި ކަމަކީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އެވެ. އެއީ "ނުރައްކާތެރި ބޮޑު ޓެރަރިސްޓް ހަމަލާއެއް" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިފަދަ ހަމަލާ ދޭތަން ބަލަން، އަދި ޅަކުދިންގެ ސިކުނޑިތަކުގައި ހަރުކަށި ފިކުރު އަށަގަންނުވާތަން ދެކޭން އަޅުގަނޑުމެނެއް ނުތިބޭނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ހުރިހާ މާނައެއްގައި، އަދި ހުރިހާ ސިފައެއްގައި ރާއްޖެއިން ޓެރަރިޒަމް ކުށްވެރިކުރެ އެވެ. އެ މަސައްކަތުގައި ބައިނަލްއަގުވާމީ މުޖުތަމައު އާ އެކު ފުރިހަަމަ އަށް އެއްބާރުލައިގެން ރާއްޖޭން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.

އދ.ގެ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި ޓެރަރިޒަމާ ދެކޮޅު ކޮޮންފަރެންސެއްގައި 2019 ވަނަ އަހަރު ވެސް ރައީސް އެ ޔަގީންކަން ދެއްވި އެވެ.

އެމަނިކުފާނު އޭރު ވިދާޅުވީ ހައްދުފަހަނާޅާފައިވާ ހަރުކަށި ފިކުރު ނުހުއްޓުވުމުން ކުރިމަތިވާ ނޭދެވޭ ކަންކަން ރާއްޖެ އަށް ވެސް ވަނީ ތަޖުރިބާ ކުރެވިފައި ކަމަށެވެ. ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާ އެކު އެ އާއިލާ އަށް ލިބުނު ފަދަ ހިތްދަތިކަން އެހެން ދިވެހި އާއިލާއަކުން ތަހައްމަލް ކުރަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވި އެވެ.