Roadha Mihaaru
ގުޅިފަޅު މަޝްރޫއު ހުއްޓުވަން ސިވިލް ކޯޓަށް!

ތިމާވެއްޓަށް ގެއްލުންވާތީ ގުޅިފަޅު މަޝްރޫއު ހުއްޓުވަން ސިވިލް ކޯޓަށް!

22 ސެޕްޓެމްބަރ 2021

ގުޅިފަޅު ހިއްކައިގެން އެތަން ތަރައްގީ ކުރުމުގެ މަޝްރޫއިން ތިމާވެއްޓަށް ގެއްލުން ލިބޭތީ އެ މަޝްރޫއު ހުއްޓުވަން އަމިއްލަ ފަރާތަކުން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ގުޅިފަޅު ހިއްކައިގެން އެތަން ތަރައްގީ ކުރުމުގެ މަޝްރޫއިން ތިމާވެއްޓަށް ގެއްލުން ލިބޭތީ އެ މަޝްރޫއު ހުއްޓުވަން އަމިއްލަ ފަރާތަކުން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.

އެ މައްސަލައިގައި ޕްލޭނިން މިނިސްޓްރީ އާއި، އީޕީއޭ އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ މައްޗަށް އަމިއްލަ ހައިސިއްޔަތުން ދައުވާ ކުރީ ތިމާވެށި ހިމާޔަތް ކުރަން ވަކާލާތު ކުރާ ސޭވް މޯލްޑިވްސް ކެމްޕެއިންގެ އިސް ވޮލެންޓިއަރެއް ކަމަށްވާ ހުމެއިދާ އަބްދުލްޣަފޫރެވެ.

މި މަހުގެ ދެ ވަނަ ދުވަހު ހުށަހެޅި އެ މައްސަލަ އާދީއްތަ ދުވަހު ސިވިލް އެ ކޯޓުން ބަލައިގެންފައިވާއިރު، މާދަމާ އަށް ޑިސްޕިއުޓް ރިޒޮލޫޝަން މަރުހަލާގެ އަޑުއެހުމެއް ތާވަލުކޮށްފައިވާ ކަމަށް އެ މައްސަލައިގައި ހުމެއިދާގެ ފަރާތުން ވަކާލާތު ކުރައްވާ ގާނޫނީ ވަކީލު ހަސަން ޒަކީ ވިދާޅުވި އެވެ.

ދައުވާ ކުރިކަން ހާމަކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިޖުތިމާއީ ދާއިރާގެ ދިރާސީ މަސައްކަތް ވެސް ކުރައްވާ ހުމޭ އޭނާގެ އާންމު ސިޓީ ކިޔައިދެއްވި އެވެ.

އޭނާ ވިދާޅުވީ، ގުޅީފަޅު ހިއްކުމުގެ މަޝްރޫއުއަކީ ތިމާވެށީގެ ގޮތުންނާއި، އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ވެސް ދިވެހިރައްޔިތުންނަށާއި ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށެވެ. އަދި އެ މަޝްރޫއަކީ ވަގުތާއި ހާލަތާއި ގެއްލުމާއި ފައިދާ އެކަށީގެންވާ މިންވަރަށް މިނެކިރުމެއް ނެތި ކުރަމުންގެންދާ، ރާއްޖޭގެ ގާނޫނުތަކާ ހިލާފު މަޝްރޫއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޝްރޫއުގެ ސަބަބުން ގުޅިފަޅު ފަރުގައި 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ކަނޑުއަޑީގެ ދިރުންތަކުގެ މުއްސަނދި ސަރަހައްދެއް ކަމަށްވާ "ހާންސްހާސް ޕްލޭސް" ނުވަތަ "ކިކި ރީފް" ނެތިގެންދާނެކަން މަޝްރޫއުގެ އީއައިއޭ ރިޕޯޓުން ވެސް ސާފުވާ ކަމަށް ހުމޭ ވިދާޅުވި އެވެ.

ގުޅީފަޅު ހިއްކުމަށްޓަކައި މާލެ އަތޮޅުގެ އުތުރުން 13 އަކަ ކިލޯމީޓަރަށްވުރެ ބޮޑު ސަރަހައްދަކުން 30 މިލިއަން ޓަނުގެ ވެލި ނަގައިގެން އެ ފަޅު ހިއްކާ އިރު ވެލި ނަގާ ސަރަހައްދަށް ވެސް ބޮޑެތި ގެއްލުންތަކެއް ވާނެކަން ހުމޭ މިއަދު ފާހަގަ ކުރެއްވި އެވެ.

ގުޅީފަޅު ހިއްކުމުގެ ތެރޭގައި ވެލިތައް ފޭދިގެން ކަނޑަށް ދަނީ: ފަރުތަކަށް ވެލި އެޅުމަކީ ފަރުތައް މަރުވާ ސަބަބެއް ކަމަށް ތިމާވެށީގެ މާހިރުން ބުނޭ --

ގުޅީފަޅު ހިއްކުމުގެ ތެރޭގައި ވެލިތައް ފޭދިގެން ކަނޑަށް ދަނީ: ފަރުތަކަށް ވެލި އެޅުމަކީ ފަރުތައް މަރުވާ ސަބަބެއް ކަމަށް ތިމާވެށީގެ މާހިރުން ބުނޭ --

އީއައިއޭ ހަދަން ސްޓޭކް ހޯލްޑަރުންނާ ބައްދަލު ކުރި ވެލި ނަގާ ސަރަހައްދުން ވެލި ނެގުމުން އެ ސަރަހައްދުން އެން ލިބުން ދަތިވާނެކަމުގެ ކަންބޮޑުވުން މަސްވެރިން ފާޅު ކުރި އިރު، ނަގިލި އަޅަން ދަތިވާނެ ކަމުގެ ކަންބޮޑުވުން ޝިޕް އޮޕަރޭޓަރުން ކުރިއެވެ.

އޭނާ ވިދާޅުވީ، ފައިސާއިން އަގުނުކުރެވޭ ގުދުރަތީ މުއްސަނދިކަން ސަރުކާރުން ތަރައްގީގެ ނަމުގައި ފަނާ ކުރުމަކީ އެކަމުގެ ނޭދެވޭ އަސަރުތައް ޖީލުތަކަކަށް ތަހައްމަލު ކުރަން ޖެހޭ ފަދަ އިހުމާލެއް ކަމަށެވެ.

"ދިވެހިރާއްޖެއަށް ހެޔޮގޮތްއެދޭ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަހުރެން ގަބޫލުކުރަނީ، ރާއްޖޭގެ ތިމާވެށްޓާ، ގުދުރަތީ ދިރުންތަކުގެ މުއްސަނދިކަމާ، މާހައުލީ ނިޒާމުތަކާ، ފައިސާއިން އަގުނުކުރެވޭ މި އެންމެހާ ނިއުމަތްތައް، ދިވެހި ދައުލަތާ ސަރުކާރުން، އެކަށީގެން ވާ ވަރަށް ދިރާސާކުރުމެއް ނެތި، ތަރައްގީގެ ނަމުގައި ފަނާކޮށް، ނެތިކޮށް، ގެއްލުން ދިނުމަކީ އޭގެ ނުރައްކާ އިންތިހާއަށް ބޮޑު، އަދި އެކަމުގެ ނޭދެވޭ އަސަރު ޖީލުތަކަކަށް ތަހައްމަލް ކުރަންޖެހޭ ފަދަ އިހުމާލެއް ކަމުގައެވެ." ހުމޭގެ ސިޓީގައިވެ އެވެ.

ގުޅީފަޅު މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވާ ގޮތުން އެ މަޝްރޫއާ ގުޅޭ ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރުންއެ މަޝްރޫއާ މެދު ކަންބޮޑުވުންތައް ފާޅު ކުރި އެވެ. އެގޮތުން، ސަރަހައްދުގެ ކަނޑުއަޑީގެ ރީތިކަން ގެއްލިދާނެތީ ކ. އަތޮޅުގެ ޑައިވް ސެންޓަރުތަކާއި ބައެއް ރިޒޯޓުތަކުން ވެސް އެކަމާ މެދު ކަންބޮޑުވުން ފާޅު ކުރި އެވެ. އަދި ގުޅީފަޅު ހިއްކަން ފެށުމުން ކައިރީގައި އޮންނަ ވިލިމާލޭ ފަރަށް ބޮޑެތި ގެއްލުންތަކެއްވާ ކަމަށް ބުނެ ޖަމިއްޔާތަކުން އަޑުއުފުލި އެވެ.

މީގެ ކުރިން ވެސް މިފަދަ މަޝްރޫއެއް ހުއްޓުވަން އަމިއްލަ ފަރާތަކުން ދައުވާކޮށްފައިވެ އެވެ. އެގޮތުން، ކުޅުދުއްފުށީ ކުޅީގައި އެއާޕޯޓު އަޅަން ކުޅި ހިއްކުން ހުއްޓުވަން އެ ރަށު މެޖިސްޓްރޭޓު ކޯޓަށް އަމިއްލަ ފަރާތަކުން މައްސަލަ ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެވެ.

އޭގެ އިތުރުން، އެ ކުޅި ހިއްކުން ހުއްޓުވަން އީކޯ ކެއާއިން ޖަމިއްޔާއިން ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ނިންމީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓުގައި ނެތް ކަމަށެވެ.