Roadha Mihaaru
ގުޅިފަޅު މަޝްރޫއު ހުއްޓުވަން ކުރި ދައުވާ ޝަރީއަތަށް

ގުޅިފަޅު މަޝްރޫއު ހުއްޓުވަން ކުރި ދައުވާ ޝަރީއަތަށް

12 އޮކްޓޯބަރ 2021

ގުޅިފަޅު ހިއްކައިގެން އެތަން ތަރައްގީ ކުރުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބޭތީ އެ މަޝްރޫއު ހުއްޓުވަން އަމިއްލަ ފަރާތަކުން ސިވިލް ކޯޓުގައި ދައުވާކުރި މައްސަލަ ޝަރީއަތުގެ މަރުހަލާއަށް ގޮސްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ގުޅިފަޅު ހިއްކައިގެން އެތަން ތަރައްގީ ކުރުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބޭތީ އެ މަޝްރޫއު ހުއްޓުވަން އަމިއްލަ ފަރާތަކުން ސިވިލް ކޯޓުގައި ދައުވާކުރި މައްސަލަ ޝަރީއަތުގެ މަރުހަލާއަށް ގޮސްފި އެވެ.

ގުޅިފަޅު މަޝްރޫއު ހުއްޓުވަން ޕްލޭނިން މިނިސްޓްރީ އާއި އީޕީއޭ އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ މައްޗަށް އަމިއްލަ ހައިސިއްޔަތުން ދައުވާކުރީ ތިމާވެށި ހިމާޔަތްކުރަން ވަކާލާތުކުރާ ސޭވް މޯލްޑިވްސް ކެމްޕެއިންގެ އިސް ވޮލެންޓިއަރެއް ކަމަށްވާ ހުމެއިދާ އަބްދުލްޣަފޫރު (ހުމޭ) އެވެ.

އެ މައްސަލައިގެ ޑިސްޕިއުޓް ރިޒޮލޫޝަން މަރުހަލާގައި ބޭއްވީ ތިން އަޑުއެހުމެކެވެ. ފުރަތަމަ އަޑުއެހުމުގައި ދައުލަތަށް ލިޔުންތައް ދިރާސާ ކުރަން ފުރުސަތު ދިނުމުން ދެވަނަ އަޑުއެހުމަށް ވެސް ތައްޔާރު ނުވެވި އައުމުން އިތުރު ފުރުސަތެއް ދިނެވެ. ލިޔުންތައް ދިރާސާ ކުރުމަށް ފަހު ދައުލަތުން އެދޭ ގޮތް ބުނީ މިއަދު ހެނދުނު ބޭއްވި ތިން ވަނަ އަޑުއެހުމުގަ އެވެ.

އެ އަޑުއެހުމުގައި ދައުލަތުން ބުނެފައި ވަނީ މައްސަލައިގެ ބާވަތުން ޑިސްޕިއުޓް ރިޒޮލޫޝަން މަރުހަލާގައި ގޮތެއް ނިންމެން ނެތް ކަމަށެވެ. އަދި އެެދިފައި ވަނީ މައްސަލަ ޝަރީއަތުގެ މަރުހަލާއަށް ގެންދިޔުމަށެވެ. ދައުވާކުރާ ފަރާތުން ވެސް އެދުނީ މައްސަލަ ޝަރީއަތުގެ މަރުހަލާއަށް ގެންދާށެވެ.

އެހެންވެ މިއަދު ވަނީ ޑިސްޕިއުޓް ރިޒޮލޫޝަން މަރުހަލާ ނިންމާލައިފަ އެވެ. އެ މަރުހަލާގައި 19 ދުވަސް ހޭދަވި އެވެ. ދެން އޮންނާނީ ޝަރީއަތުގެ މަރުހަލާ އެވެ.

ހުމޭ މީގެ ކުރިން ވިދާޅުވެފައި ވަނީ ގުޅިފަޅު ހިއްކުމުގެ މަޝްރޫއުއަކީ ތިމާވެށީގެ ގޮތުންނާއި، އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ވެސް ދިވެހި ރައްޔިތުންނަށާއި ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށެވެ. އޭނާ ވިދާޅުވީ، ފައިސާއިން އަގުނުކުރެވޭ ގުދުރަތީ މުއްސަނދިކަން ސަރުކާރުން ތަރައްގީގެ ނަމުގައި ފަނާ ކުރުމަކީ އެކަމުގެ ނޭދެވޭ އަސަރުތައް ޖީލުތަކަކަށް ތަހައްމަލުކުރަން ޖެހޭ ފަދަ އިހުމާލެއް ކަމަށެވެ.

އެ މަޝްރޫއަކީ ވަގުތާއި ހާލަތާއި ގެއްލުމާއި ފައިދާ އެކަށީގެންވާ މިންވަރަށް މިނެކިރުމެއް ނެތި ކުރަމުންގެންދާ، ރާއްޖޭގެ ގާނޫނުއަސާސީއާ ވެސް ހިލާފު މަޝްރޫއެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މަޝްރޫއުގެ ސަބަބުން ގުޅިފަޅު ފަރުގައި 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ކަނޑުއަޑީގެ ދިރުންތަކުގެ މުއްސަނދި ސަރަހައްދެއް ކަމަށްވާ "ހާންސްހާސް ޕްލޭސް" ނުވަތަ "ކިކި ރީފް" ނެތިގެންދާނެކަން ވެސް ހުމޭ ފާހަގަ ކުރައްވަ އެވެ.