Roadha Mihaaru
ފުޓްބޯޅަ ލެޖެންޑް ޝާހު އެނބުރި އެފްއޭއެމަށް

ފުޓްބޯޅަ ލެޖެންޑް ޝާހު އެނބުރި އެފްއޭއެމަށް

23 ސެޕްޓެމްބަރ 2021

ފުޓްބޯޅަ ލެޖެންޑް ޝާހު އިސްމާއީލް (ސާޔާ)، އަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭއެމްގެ މަގަމާކާ މިއަދު ހަވާލުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފުޓްބޯޅަ ލެޖެންޑް ޝާހު އިސްމާއީލް (ސާޔާ)، އަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭއެމްގެ މަގަމާކާ މިއަދު ހަވާލުވެއްޖެ އެވެ.

އެފްއޭއެމްގެ ފުރަތަމަ އިންތިހާބަށް ފަހު ޖެނަރަލް ސެކްރެޓަރީކަން ކުރެއްވި ޝާހު މިއަދު ވަނީ އެފްއޭއެމްގެ ޑައިރެކްޓާ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ. އެފްއޭއެމްގެ ފުރަތަމަ އިންތިހާބީ ރައީސް އަލީ އާޒިމުގެ ދައުރުގައި ސާޔާ ވަނީ 2008-2013 އަށް އެފްއޭމްގެ ޖީއެސްގެ މަގާމު އަދާކުރައްވައިފަ އެވެ.

ރަސްމީކޮށް މިއަދު މަސައްކަތަށް ނުކުންނެވިކަން ހާމަކުރައްވަމުން ސޯޝަލް މީޑީއާގައި ޝާހު ވިދާޅުވެފައި ވަނީ އަލުން އެފްއޭއެމްގައި މަސައްކަތް ކުރުމަކީ އޭނާ އަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ. އެފްއޭއެމް އޭނާ ސިފަކުރެއްވީ ލޯބިން ގެންގުޅޭ ތުއްތު ކުއްޖެއްގެ ގޮތުގަ އެވެ.

އެގްޒިބިޝަން މެޗެއްގައި ޝާހް ކުޅެނީ

އެގްޒިބިޝަން މެޗެއްގައި ޝާހް ކުޅެނީ

"އެފްއޭއެމްގެ ރައީސް ބައްސާމް އަހަންނަށް ކުރެއްވި އިތުބާރަށްޓަކައި ޝުކުރު ދަންނަވަން،" ސޯޝަލް މީޑިއާގައި ޝާހު ލިޔުއްވާފައިވެ އެވެ. "ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުމަށް ކުރާ މަސައްކަތަށް އެހީވުމަށް ވުރެ ބޮޑު އުފަލެއް އަހަންނަކަށް ނުލިބޭނެ."

އާޒިމުގެ ދައުރު ނިމުމަށް ފަހު ޝާހު ވަނީ ކުޅިވަރުގެ އެކި މަގާމުތައް ފުރުއްވައިފަ އެވެ. އެގޮތުން ސްޕޯޓްސް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރުކަން ކުރެއްވި އެވެ. މިހާރު އަމަލުކުރަމުންދާ ކުޅިވަރު ގާނޫނު ޑްރާފްޓް ކުރަމުން ދިޔަ މަރުހަލާގައި އޭނާ ވަނީ ގިނަ ހިޔާލުތަކެއް އެ ބިލަށް ހުށަހަޅުއްވައިފަ އެވެ. އެ ބިލް ގާނޫނަކަށްވެ އަމަލުކުރަން ފެށުމުން ފުރަތަމަ އެކުލަވާލި ގައުމީ ކުޅިވަރު މަޖިލީހުގެ ރައީސްކަން ކުރެއްވި އެވެ. އެ ޕޯޓްފޯލިއޯގެ ދަށުން ކުޅިވަރުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގިނަ ގަވާއިދުތަކެއް އޭނާގެ އިސްނެގުމުގެ މަތިން އެކުލަވާލި އެވެ.

ބައްސާމްގެ ޓްވީޓް

އެފްއޭއެމްގެ ފުރަތަމަ އިންތިހާބުގެ ކުރިން ފީފާއިން އެކުލަވާލި އިންޓަރިމް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވީ ޝާހު އެވެ. ފީފާގެ ގަވާއިދާ އެއްގޮތަށް އެފްއޭއެމްގެ ގަވާއިދު އެކުލަލާވާލައި ފުރަތަމަ އިންތިހާބަށް ދިޔައީ ވެސް ޝާހުގެ ބެލުމުގެ ދަށުންނެވެ. ފީފާގެ އިންޓަރިމް މަރުހަލާގައި ވަނިކޮށް 2008 ގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އާއި ލަންކާ ގުޅިގެން ބާއްވައި އެ މުބާރާތް ރާއްޖެއިން ކާމިޔާބު ކުރި އެވެ.

"އަނެއްކާ ވެސް އެފްއޭއެމްގައި މަސައްކަތް ކުރުމުގެ ފުރުސަތު މި ލިބުނީ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ކުރިމަތީގައި ވަނިކޮށް. މިއީ ވަރަށް ތަރީހީ އިއްތިފާގުތަކެއް،" ޝާހު "މިހާރު" އަށް މިއަދު ވިދާޅުވި އެވެ. "އަޅުގަނޑުމެން އެންމެން ގުޅިގެން މި ފަހަރު ވެސް މި މުބާރާތް ރާއްޖެއަށް ކާމިޔާބުވުމަކީ އަޅުގަނޑުގެ ވެސް އެންމެ ބޮޑު އުންމީދު."

ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ކޮމިޓީގައި މިފަހަރު އޭނާ ހިމެނިވަޑައިގެންނެވި އެވެ. އެފްއޭއެމްގެ އާ މަގާމުގެ ހައިސިއްޔަތުން އޭނާގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް އޮތީ 2023-2024 ގައި ހޯމް އެންޑް އަވޭ އުސުލުން ބާއްވާ ދިވެހި ޕްރިމިއާ ލީގުގެ މަސައްކަތްތަކެވެ.

ޝާހް އިސްމާއީލް

ޝާހް އިސްމާއީލް

އެފްއޭއެމްގެ ކުރީގެ ރައީސް އިލްހާމް އަހްމަދުގެ ދައުރު ނިމުމުގެ ކުރިން ބޮޑު މައްސަލަ ގަނޑަކަށް ދިއުމުން ފީފާއިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީ އެކުލަވާލި ދުވަސްވަރު ހަލަބޮލިކަން އުފެދުނެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ އޭރުގެ ޖެނެރަލް ސެކްރެޓަރީ އަކީ މިހާރުގެ ރައީސް ބައްސާމް އެވެ. އަދި ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރެއްގެ ގޮތުގައި މިހާރުގެ ނައިބު ރައީސް އަލީ އުމަރު ވެސް އުޅުއްވި އެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ ދުވަސްވަރު ޝާހު ވަނީ އެފްއޭއެމް އަށް ވަރަށް ބޮޑަށް ފާޑު ކިޔުން ކުރިމަތިކޮށްފަ އެވެ. އިންޓަނޭޝަނަލް މެޗު ކޮމިޝަނާކަމުގެ ލައިސެންސް ހާސިލުކޮށްފައިވާ ސާޔާ އަށް އެކަމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވީ ސަސްޕެންޝަނެވެ. އޭއެފްސީން އެންގީ މެޗު ކޮމިޝަނަރު ކަމުން އޭނާ ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އޭރު ތުހުމަތު ކުރެވުނީ އޭއެފްސީން ޝާހު ސަސްޕެންޑް ކުރީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ބޭނުން ވެގެން ކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އާއި ޝާހް އިސްމާއީލް. އެފްއޭއެމް ފައުންޑޭޝަންގެ އެމްބަސެޑަރު ކަމަށް ޝާހް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގައި --- ފައިލް ފޮޓޯ: އެފްއޭއެމް

އެފްއޭއެމްގެ ރައީސް ބައްސާމް އާއި ޝާހް އިސްމާއީލް. އެފްއޭއެމް ފައުންޑޭޝަންގެ އެމްބަސެޑަރު ކަމަށް ޝާހް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގައި --- ފައިލް ފޮޓޯ: އެފްއޭއެމް

ފުޓްބޯޅައިގެ ހަރަކާތްތަކުން ނިއު ރޭޑިއަންޓް 2019 ގައި ސަސްޕެންޑް ކުރުމުން، އެ ކްލަބަށް ކުރިން ކުޅުއްވި ފޯވާޑް ވަނީ ވަރަށް ބޮޑަށް އެފްއޭއެމް އަށް ފާޑު ވިދާޅުވެފަ އެވެ.

އެފްއޭއެމްގެ ރައީސްކަމުގައި ބައްސާމްގެ ފުރަތަމަ ދައުރުގެ ފަހުކޮޅު އޭނާ އަށް ފާޑުކީ ގިނަ ބަޔަކު މިހާރު ވަނީ ކައިރި ކުރައްވައި ފުޓްބޯޅައިގެ ކަންކަމުގައި ޝާމިލު ކުރުވަން ފަށައިފަ އެވެ. ބައްސާމްގެ ދެ ވަނަ ދައުރުގައި ޝާހު ވެސް ފެނުނީ އެފްއޭއެމްއާ ކައިރިކޮށް މަސައްކަތް ކުރެއްވި ތަނެވެ. މި މަހު ގަތަރަށް ގައުމީ ޓީމު ފުރުމުގެ ކުރިން ބޭއްވި ހަފުލާގައި ގައުމީ ޓީމަށް މޯޓިވޭޝަނަލް ސްޕީޗެއް ދިނުމަށް ވެސް ޝާހު ވަޑައިގެންނެވި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ލޯންޗުކުރި އެފްއޭއެމް ފައުންޑޭޝަންގެ އެމްބަސެޑަރު ކަމަށް ވެސް ކުރީގެ ގައުމީ ކެޕްޓަން ޝާހް ހަމަޖެއްސި އެވެ.

ސްކޫލް ނިންމުމަށް ފަހު 90 އަހަރުތަކުގައި ކްލަބު ވެލެންސިއާ އިން ވިދާލި ޝާހު ވަނީ ނިއު ރޭޑިއަންޓާއި ވިކްޓަރީ އަށް ވެސް ކުޅުއްވައިފަ އެވެ. އޭނާ ވަނީ ދުވަހު ނޫސް "ހަވީރު"ން ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު 1998 ވަނަ އަހަރު އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓު 1998 އަދި 1999 ވަނަ އަހަރު ހާސިލްކުރައްވައިފަ އެވެ.